Roadha Mihaaru
"ލިޔުމެއް ނެތިގެން" ބޭރުކޮށްލި މައްސަލަަ އަލުން ބަލަނީ

ނަފްސާނީ ނުކުޅެދުންތެރިކަން ހުރި މީހަކާ ބެހުނު މައްސަލައެއް ބޭރުކޮށްލާފައި ވަނިކޮށް އަލުން ބަލަން އަންގައިފި

28 ފެބުރުއަރީ 2021

ނަފްސާނީ ނުކުޅެދުންތެރިކަން ހުރި މީހަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މުހިންމު ލިޔުމެއް ހުށަނާޅާ ކަމަށް ބުނެ ކޯޓުން މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނަފްސާނީ ނުކުޅެދުންތެރިކަން ހުރި މީހަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މުހިންމު ލިޔުމެއް ހުށަނާޅާ ކަމަށް ބުނެ ކޯޓުން މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މީހެއްގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އަނިޔާލިބުނު މީހާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ފަދަ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ބުނެ އެވެ. އުމުރުން 18 އަހަރު ފުރިފައި ވިޔަސް، ބުއްދީގެ ތަސައްރަފު ނުފުދޭ މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބޭނުމަށް ކުޑަކުދިންނަށް ކަމަށް ބަލަ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމަށް ހައި ކޯޓުން މިދިޔަ މަހު ތާއީދުކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަނިޔާލިބުނު މީހާއަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުކުރަން ދައުލަތުން ހުށަހެޅި ލިޔުމަކީ ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން ސައިކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ލައިސަންސް ލިބިފައިވާ ޑރ. އައިޝަތު އަލީ ނާޒް ތައްޔާރުކުރި ރިޕޯޓެއް ކަމަށެވެ. އަދި އެ ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށް ކޯޓަށް ނިންމޭނީ އޭނާއަށް ސައިކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް ނަމަ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ކުޑަކުދިންނަށް ޖިިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ސަރުކާރުގެ ވަކި އިދާރާއެއްގެ ލިޔުމެއް އޮތުން ލާޒިމް ނުކުރަނީސް، އިތުރު ތަކުލީފެއް އުފުލަން ޖެހޭނެ ގޮތަށް ކޯޓުތަކަށް ކަމެއް ތައާރަފް ނުކުރެވޭނެ ކަމަށެވެ. އަދި ސައިކޮލޮޖިސްޓުންނަކީ ވަކި އުސޫލުތަކެއްގެ ތެރެއިން ލައިސަންސް ލިބިގެން މަސައްކަތް ކުރާ ބަޔަކަށް ވާތީ އެފަދަ ކަންކަމުގައި ކޯޓުތަކުން ބަލަން ޖެހޭނީ ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނަށް ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ހުށަހެޅި ނަފްސާނީ ހާލަތު އަންގައިދޭ ރިޕޯޓް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމީ އެއްވެސް ގާނޫނީ ހަމައެއް އޮވެގެނެއް ނޫނެވެ. އެހެންވެ، އެ ރިޕޯޓަށް ބުރަދަން ދެވޭނެ ކަމަށާއި އަދި އެ މައްސަލަ އަލުން ހުށަހަޅައިފި ނަމަ، ކްރިިމިނަލް ކޯޓުން ބަލަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެ މަައްސަލަ ބެއްލެވީ ޑރ. އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.