Roadha Mihaaru
ސޯލިހަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނިންމަނީ

ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރާ ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަނީ

02 މާޗް 2021

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހަށް ކުރާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހަށް ކުރާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ސޯލިހުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ އެއް ރަށަކާއި ތިން ފަޅެއްގެ ހެޑް ލީސް ބަދަލު ނުކުރަން ރިޔާސީ ކޮމިޝަނުން އަންގާފައި ވަނިކޮށް، އެ ރަށްތަކާ ގުޅިގެން އެއްވެސް ތަހުގީގެއް ނުހިންގާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ސޯލިހު ސޮއި ކުރައްވައި، ސިޓީ ފޮނުއްވި ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ސޯލިހުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅީ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ.

ސޯލިހުގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ މުދަލުން މުއާމަލާތު ކުރުމުގެ ހައްގު ގާނޫނުއަސާސީން ދީފައިވާ ކަމަށާއި އެހެންވެ، ކޯޓު އަމުރެއް ނެތީސް، ރިިޔާސީ ކޮމިޝަނަށް އަމިއްލަ އަށް އެފަދަ އެންގުމެއް އެންގޭނެ ހަމައެއް ނެތް ކަމަށެވެ. ރިޔާސީ ކޮމިޝަނުގެ ގާނޫނުގައި ވެސް އެގޮތަށް ނެތް ކަމަށާއި އެހެންވެ، އެ ކޮމިޝަންގެ ނިންމުމަށް ތަބާނުވެގެން ދައުވާ ނުކުރެވޭނެ އޭނާ ވިދާޅުވި އެވެ.

ސޯލިހު، އަމަލު ކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ކަމަށާއިި އެ ނިންމުންތައް އެގޮތަށް ތަންފީޒު ކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އޭނާ އެދިވަޑައިގަތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.

ދައުލަތުން ބުނިގޮތުގައި، އެ ދައުވާ ކުރަނީ ރިޔާސީ ކޮމިޝަނުގެ އެންގުމަކާ ޚިލާފުވެގެނެއް ނޫނެވެ. ދައުވާ ކުރަނީ ބައެއް ރަށްތަކާ ގުޅޭ ތަހުގީގެއް ހިނގާކަން އެނގިވަޑައިގެން ހުންނަވައި، ތަހުގީގެއް ނުހިނގާ ކަމަށް ބުނެ ސިޓީ ފޮނުވާފައިވާތީ ކަމަށް ދައުލަތުން ބުނެ އެވެ. ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާގެ މައްސަލަތައް ބަލައި، ޖިނާއީ ތަހުގީގު ހިންގުމުގެ އިތުރުން މަދަނީ ދައުވާ ކުރަން އެޓާނީ ޖެނެރަލަށް ހުށަހެޅުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިބިގެންވާ ކަމަށާއި އެހެންވެ، ގާނޫނީ ބާރު ނެތް ކަމަށް އަމިއްލަ އަށް ނުނިންމޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އެގޮތަށް އަމަލުކުރީ ކުރީގެ މިނިސްޓަރާއި ރައީސް އޮފީހުން އެންގުމުން ކަމަށް ސޯލިހުގެ ފަރާތުން ބުންޏަސް، އެކަން ސާބިތުވާ ފަދަ ހެއްކެއް ނެތެވެ. އެގޮތަށް އެންގިޔަސް، ގާނޫނާ ޚިލާފު އެންގުމަކަށް ތަބާވާން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެގޮތަށް އަމަލު ކުރުމުން ނާޖާއިޒު މަންފާއެއް ބައެއް ފަރާތްތަކަށް ހޯދަން މަގުފަހިވި ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން އެދުނީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.