Roadha Mihaaru
ކޯޓުގެ ހުކުމާއެކު އަޑުބަރޭ މަގާމުން ވަކިކޮށްފި

ކޯޓުގެ ހުކުމާއެކު އަޑުބަރޭ މަގާމުން ވަކިކޮށްފި

02 ފެބުރުއަރީ 2022

ކްރިމިނަލް ކޯޓުގެ ހުކުމާއެކު، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަސަދު އަލީ (އަޑުބަރޭ) މިއަދު ވަކިކޮށްފި އެވެ. މިއީ ޖިނާއީ ހުކުމަކާ ގުޅިގެން މި ފެންވަރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު މަގާމުން ވަކިކުރެއްވި ފުރަތަމަ ފަހަރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކްރިމިނަލް ކޯޓުގެ ހުކުމާއެކު، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަސަދު އަލީ (އަޑުބަރޭ) މިއަދު ވަކިކޮށްފި އެވެ. މިއީ ޖިނާއީ ހުކުމަކާ ގުޅިގެން މި ފެންވަރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު މަގާމުން ވަކިކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދު ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށް ފަހު، އޭނާ އެނބުރި ރާއްޖެ ގެނެސްފައި ނުވާތީ 15 ދުވަހަށް ޖަލަށްލާން އަޑުބަރޭގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ރޭޕާއި ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތީ ހަތަރު މަހަށް ފަހު ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން އަޑުބަރޭ ކޯޓުގައި ޖާމިނުވުމުންނެވެ. އެކަމަކު، މިހާތަނަށް ވެސް އޭނާ އެނބުރި ވަޑައިގެންފައި ނުވެ އެވެ.

އަލީ ވަހީދު ރާއްޖެ ގެންނަން އަޑުބަރޭ އަށް ކޯޓުން ކުރިން ދިން 72 ގަޑިއިރުގެ ތެރޭގައި ވެސް އޭނާ ގެނެސްފައި ނުވާތީ ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދު ގެންނަން އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތަށް، ސަބަބެއް ނާންގައި އަޑުބަރޭ ހާޒިރެއް ވެސް ނުވެ އެވެ. އެހެންވެ، އޭނާ އަށް ގާޒީ ޖަލު ހުކުމް ކަނޑައެޅީ ޣައިރު ހާޒިރުގަ އެވެ.

ޔޫތު މިނިސްޓްރީގެ ދެވަނަ އަށް އެންމެ އިސް ސިޔާސީ މަގާމުގައި ހުންނެވި އަޑުބަރޭ ޖިނާއީ ހުކުމެއްގައި ތާށިވިއިރު، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ޖިނާއީ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރިޝްވަތު ހިފި ކަމުގެ ދައުވާ މަހްލޫފުގެ މައްޗަށް ކޮށްފައިވާއިރު، އޭނާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މި މަހުގެ 10 އަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ތާވަލު ކޮށްފަ އެވެ.

ވަޒީރެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާއިރު މަހްލޫފު އަދިވެސް މަގާމުގައި ބަހައްޓާތީ ސަރުކާރު ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ.