ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮތް ކޮވިޑް ބަލިމީހަކަށް ސްޓްރޯކެއް ޖެހުމުން އެކަށީގެންވާ ފަރުވާ ނުލިބުނުކަމުގެ ތުހުމަތު އާއިލާއިން އެޗުޕީއޭގެ ބޮލުގައި އަޅުވައިފި އެވެ.
06 މާޗް 2021
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮތް ކޮވިޑް ބަލިމީހަކަށް ސްޓްރޯކެއް ޖެހުމުން އެކަށީގެންވާ ފަރުވާ ނުލިބުނުކަމުގެ ތުހުމަތު އާއިލާއިން އެޗުޕީއޭގެ ބޮލުގައި އަޅުވައިފި އެވެ.
މި މައްސަލަ ފެންމަތި ކުރުވި އާއިލާގެ އަންހެން މެންބަރަކު ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ޓެގްކުރުމަށް ފަހު އާންމުކުރި ޓުވީޓެއްގައި ބުނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮއްވާ އޭނާގެ ބައްޕައަށް ސްޓްރޯކް ޖެހުމުން ހޮސްޕިޓަލަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން ތަކުރާރުކޮށް އެދެނު ކަމަށެވެ. ނަމަވެސް ކޮވިޑް-19 އަށް ފަރުވާދެމުން ދާތީ ހޮސްޕިޓަލަށް ބަދަލުކުރަން ހުއްދަ ނުދިން ކަމަށް އޭނާ ބުންޏެވެ.
އުސޫލުތައް އޮންނަ ގޮތުން ވެސް ކޮވިޑް ފެސިލިޓީގައި ބަލިމީހުންނަށް ފަރުވާދެނީ އެތަނުގައި ބާއްވައިގެންނެވެ. ހާއްސަ ޑޮކްޓަރުންގެ ފަރުވާ ބޭނުން ނަމަ އެފަދަ ޑޮކްޓަރުންގެ ލަފާ ވެސް ހޯދަ އެވެ. އެކަމަކު ހޮސްޕިޓަލްތަކުގެ އާންމު ބައިތަކަށް ކޮވިޑް ބަލިމީހުން ބަދަލުކޮށް ހަދަމުން ނުދާ ކަމަށް، އެޗުޕީއޭ އިން ބުނެ އެވެ.
ސްޓްރޯކް ކުރިމަތިވި މީހާގެ އާއިލާއިން ގަބޫލުކުރަނީ ހުޅުމާލޭ ފެސިލިޓީގައި އޮތް އިރު އެކަށީގެންވާ ފަރުވާ ނުލިބުނު ކަމަށެވެ.
"މަނާލުލު"ގެ ނަމުގައި ޓްވީޓްކުރި އަންހެންމީހާ ބުނި ގޮތުގައި، މީގެ ހަ ދުވަސް ކުރިން އެ މައްސަލަ ފުރަތަމަ ދިމާވުމުން ވެސް އޭނާ ޓްވީޓްގައި ލިއުނެވެ. އެކަމަކު އެ ފަހަރު ފޮހެލީ އެވެ. އަލުން ހާދިސާ ކިޔައިދޭން ބޭނުންވީ، އޭނާ ބުނި ގޮތުގައި، "މިކަން މުހިންމު ވެގެންނެ"ވެ.
އޭނާ ބުނީ ސްޓްރޯކް ޖެހުމުން ކޮވިޑް ފެސިލިޓީގައި ބައްޕަ ބާއްވައިގެން އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުގެ ލަފަޔާ އެކު ފަރުވާދެމުން ގެންދިޔަ ކަމަށެވެ. ހާލު ރަނގަޅު ކަމަށް އެ ފެސިލިޓީން އާއިލާއަށް އެންގި ކަމަށް ވެސް އޭނާ ބުންޏެވެ.
ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ނިމިގެން އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުން އެޕޮއިންޓްމަންޓެއް ހަމަޖެހެން ވެސް ދުވަސްތަކެއް ނެގި ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ކޮވިޑް ޖެހިގެން އެމީހާ އެޑްމިޓްކުރީ ކޮން ދުވަހަކު ކަމެއް، އަދި 14 ދުވަސް ހަމަވެގެން ދޫކޮށްލީ ކޮން އިރަކު ކަމެއް ވެސް ޓްވީޓްތަކުން އެނގޭކަށް ނެތެވެ.
I wrote this earlier and then deleted it but this is important. 6 days ago, my dad had a stroke while in the Hulhumale covid facility. We were told that he cant be transferred to a hospital even though it was requested so many times and that they were following the advice of 1/8
— manaalulu?? (@manaalulu) March 5, 2021
ޓްވީޓުތަކުގައި ލިއެފައިވާ ގޮތުން ބަލިމީހާ އައިޖީއެމްއެޗަށް ދައްކަން ގެންދިޔައީ އިއްޔެ އެވެ.
"ޑޮކްޓަރު ބުނީ މިހާރު ވެސް މާ ގިނަ ވަގުތު ފާއިތުވެއްޖެއޭ، އަދި މިއަދު އާދެވުމަކީ ވެސް ނަސީބެކޭ،" އަންހެންމީހާ ބުންޏެވެ.
އާއިލާއިން ބުނި ގޮތުގައި ކޮވިޑް ފެސިލިޓީގައި ސީޓީ ސްކޭނެއް ހެދުމުގެ އިތުރުން އެތެރެހަށީގެ ޑޮކްޓަރަކު ކޮންމެ ދުވަހަކު ޗެކަޕަކަށް ޒިޔާރަތްކުރި އެވެ. ބްލަޑް ތިނާ ބޭހެއް ދިން ނަމަވެސް "އެއީ ބައްޕައަށް ދޭ ބޭސްތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ވެސް ނޫން" ކަމަށް އޭނާ ލިއުނެވެ.
އެހެންކަމުން ބޭހުގެ ކަންކަމާ އެވަގުތު ވާހަކަ ދައްކާފައި އެވަނީ "ހަނދާން ނެތުމާއި ކަންކަން އޮޅުންނުފިލާ ހާލަތެއްގައި އޮތް ބަލިމީހާ"އާ އެކަނި ކަމަށް، އޭނާ ބުންޏެވެ.
"ކަލޭމެންގެ ބެލުމުގެ ދަށުގައި އޮއްވާ ސްޓްރޯކް ކަހަލަ ބޮޑު ކަމެއް ދިމާވުމުން އޭނާއަށް ބޭނުންވާ އެކަށީގެންވާ ފަރުވާ ނުދިނީ ކީއްވެގެން ހެއްޔެވެ؟" އެޗުޕީއޭއަށް ނިސްބަތްކޮށް، އަންހެން މީހާ ސުވާލުކުރި އެވެ.
"ފެސިލިޓީގައި އޮތް އެހެން މީހަކަށް ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުނަސް ކަންކުރާނީ ހަމަ މިހެން ހެއްޔެވެ؟"
އާއިލާގެ ކަންބޮޑުވުމަކީ ސްޓްރޯކަކީ އެ އާއިލާއާ ގުޅިފައިވާ ކަމަކަށް ވެސް ވުމެވެ. އެގޮތުން މީގެ ކުރިން އާއިލާގެ ތިން މީހަކަށް ސްޓްރޯކް ޖެހިފައިވާ ކަމަށާއި ޒުވާން އުމުރުގައި ދެބެންގެ ދެދަރި މީހަކު، ސްޓްރޯކެއްގައި، މަރުވެއްޖެ ކަމަށް ވެސް، އަންހެންމީހާގެ ޓްވީޓްތަކުގައި ވެ އެވެ.
އޭނާ ބުނި ގޮތުގައި ސްޓްރޯކް ޖެހުނު ފުރަތަމަ ދުވަހު އެކަށީގެންވާ ފަރުވާ ލިބުނު ނަމަ "ބައްޕަގެ ހާލަތު މިހާރަށް ވުރެ ރަނގަޅުވީހެ"ވެ.
މިހާރު ބައްޕަގެ ހާލު "ރަނގަޅު ނުވާ ނަމަ އެއީ ކަލޭމެންގެ ޒިންމާއެކެވެ،" އަންހެންމީހާ ލިއުނެވެ.
މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން (ތަހޭ)އާ ސުވާލުކުރުމުން ވިދާޅުވީ "އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ" ކަމަށެވެ. އަދި އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮވިޑަށް ޕޮޒިޓިވް ޕޭޝަންޓަކު ހޮސްޕިޓަލަކަށް ނުއެއް ގެންދާނެ. އެކަމަކު ހުޅުމާލެ ކޮވިޑް ފެސިލިޓީއަކީ ދިމާވާ ހާލަތްތަކުގައި ފަރުވާ ދެވޭނެ ވަސީލަތްތައް ހުރި ތަނެއް،" ތަހޭ ވިދާޅުވި އެވެ.
"އަދި ސްޕެޝަލިސްޓެއްގެ އެހީ ބޭނުންވެއްޖެ ނަމަ ގެނެސްގެން ވެސް ފަރުވާ ދެވޭނެ. އަޅުގަނޑުމެން މި އަންނަނީ މިކަން ހިނގައިދިޔަ ގޮތް ބަލަމުން."
އިންފުލުއެންޒާ ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ
ބޭރަށް ހިންގާތީ އިއްޔެ 1،000 މީހުން ހޮސްޕިޓަލަށް
ރާއްޖޭގައި ސްޓްރޯކް ޖެހޭލެއް މާ ގިނަ
މަންކީޕޮކްސްއަށް ޓެސްޓުކުރަން އައިޖީއެމްއެޗް ތައްޔާރުކުރަނީ
ކޮވިޑް އިތުރުވާތީ ބައެއް ތަންތަނުން ފިޔަވަޅު އަޅައިފި
މުއްދަތު ހަމަވި ވެކްސިން ޖެހި މުވައްޒަފުން ސަސްޕެންޑް
ރޯގާ ކޮންޓްރޯލްނުވެ މިދިޔަ މަހު ވެސް 30،000 ކޭސް
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ދަރުމަވަންތަ ހޮސްޕިޓަލުން ވެސް ކޮވިޑް ބަލީގެ މަރެއް