Roadha Mihaaru
"މިއީ ޔާމީން ވެރިކަމަށް ގެނައުމުގެ ފުރަތަމަ މަރުހަލާ"

ކައުންސިލް އިންތިޚާބަކީ ޔާމީން ވެރިކަމަށް ގެނައުމުގެ ފުރަތަމަ މަރުހަލާ: އަބްދުއްރަހީމް

07 މާޗް 2021

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ވެރިކަމަށް ގެނައުމުގެ ފުރަތަމަ މަރުހަލާ ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ވެރިކަމަށް ގެނައުމުގެ ފުރަތަމަ މަރުހަލާ ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ދެ ވަނަ ފަހަރަށް ފެށުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ޖަލުގައި ހުންނަވައިގެން ވެވަޑައިގަންނަވާ ގުރުބާނީގެ އަގު އެ އިންތިޚާބުގެ ވޯޓުން ދައްކަންޖެހޭ ކަމަށެވެ.

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ، ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ކޮށްދެއްވި ކަންތައްތަކުގެ އަގަކީ އެ މަނިކުފާނުގެ ލޯގޯ ޖަހައިގެން ނުކުންނަވާ ކެންޑިޑޭޓުން އިންތިޚާބު ކުރުމެވެ.

"އިރާދަކުރެއްވިއްޔާ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުން އެއީ އަޅުގަނޑުމެން ރައީސް ޔާމީން މި ރާއްޖޭގެ ވެރިކަމަށް 2023 ވަނަ އަހަރު ގެންނަން ފަށާ މި ދަތުރުގެ ފުރަތަމަ މަންޒިލް. އެ މަގުސަދު އަޅުގަނޑުމެން ހާސިލްވެއްޖިއްޔާ އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު މި ރާއްޖޭގެ ވެރިކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންނާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިޚާބުގެ ކެމްޕެއިން ލޯންޗުކުރަން މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި ވަރުގަދަ ޖަލްސާގެ މަންޒަރުން މި ސަރުކާރަށް ކެތް ނުކުރެވުނު ކަމަށާއި އޭގެ ފަހުން އެކި ކަންތައް ކުރިމަތިކުރުވަމުން ކޮވިޑަކީ މި ސަރުކާރު ދަމަހައްޓަން ބޭނުންކުރާ ހަތިޔާރަކަށް ހެދި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ލޯކަލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާޣައި އެ ކޯލިޝަންގެ ބައެއް އިސްވެރިން.---ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ލޯކަލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާޣައި އެ ކޯލިޝަންގެ ބައެއް އިސްވެރިން.---ފޮޓޯ: ޕީޕީއެމް

"އޭގެ ފަހުން ތަފާތު ގައިޑްލައިންތައް ނެރެމުން ގެންދަން ފެށި. އޭގެ ފަހުން އެޗްޕީއޭއަކީ މި ސަރުކާރުގައި ވިއްދާފައި ހުރި މުޑިއަކަށް ހެދި. މި ސަރުކާރު މިހާރު ނުވެއްޓި މި އޮތީ އެޗްޕީއޭގެ ސަބަބުން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ހިތްވަރު ބައްޔެއް ނުވޭ. އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާދޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އިދިކޮޅުގެ ޝިއާރު "މީ މަގޭ ރާއްޖެ ފިކުރު"ގައި ނުކުންނަވާ ކެންޑިޑޭޓުން އިންތިޚާބު ވުމުން ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ހަމަހަމަކަމާއެކުގައި ހިދުމަތް ކޮށްދޭނެ އެވެ. އެއީ ޕީޕީއެމުން ގެންގުޅޭ ވިސްނުންކަން ފާހަގަކުރެއްވި އެވެ.

ނަމަވެސް އިންތިޚާބަށް ކެމްޕެއިން ކުރަން ސަރުކާރުން ފުރުސަތު ނުދޭ ކަމަށާއި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ވަސީލަތްތައް މަދު ނަމަވެސް ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ދަތުރުކުރަން އިދިކޮޅު ކޯލިޝަނުން ބޭނުންވެ އެވެ. ކެންޑިޑޭޓުންނާއެކު ކެމްޕެއިންކޮށް ޕީޕީއެމްގެ ތަސައްވަރު ހާމަކޮށްދޭން ބޭނުންވެ އެވެ.

މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު އިދިކޮޅު ކޯލިޝަނަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އޭނާ ވަނީ ރައްޔިތުންގެ ކިބައިން އަބްދުއްރަހީމް އެދިވަޑައިގަތެވެ.