Roadha Mihaaru
ވަކި މަސައްކަތެއް ކުރާތީ ފްލެޓް ދޭކަށް ނުޖެހޭ: އީވާ

ވަކިތަނެއްގައި މަސައްކަތްކުރާތީ ފްލެޓް ދޭކަށް ނުޖެހޭ: އީވާ

09 މާޗް 2021

މާލެ ކަހަަލަ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު ތަނެއްގައި ފްލެޓް ދޭންވާނީ އެންމެ ހައްގު މީހުންނަށް ކަަމަށާއި ވަކިތަނެއްގައި މަަސައްކަތްކުރާތީ އެ މީހަކަށް ފްލެޓް ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލެ ކަހަަލަ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު ތަނެއްގައި ފްލެޓް ދޭންވާނީ އެންމެ ހައްގު މީހުންނަށް ކަަމަށާއި ވަކިތަނެއްގައި މަަސައްކަތްކުރާތީ އެ މީހަކަށް ފްލެޓް ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ އިން އަޅަމުން އަންނަ ފްލެޓްތައް ދޫކުރާ ގޮތާ ބެހޭ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ފަހު ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން އެކުލަވައިލި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނީ އެކަމަށް ބޭނުންޖެހިފައިވާ މީހުންނަށް ކަމަށެވެ. ވަކި ތަނެއްގައި މަސައްކަތްކުރާތީ ފްލެޓް ލިބޭ އުސޫލެ ކުރިއަށް ގެންދާ ނަމަ އެންމެ ބޭނުންވާ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭނެ ކަމަށެވެ. މާލޭގައި ބޯހިޔާވަހިކަން ލިބެންޖެހޭ މީހުން އެނގޭ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުންނަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން އަންނަން ޖެހޭނީ މައިގަނޑު އެއް ސިޔާސަތެއްގެ، އެއް ލިސްޓެއްގެ، އެއް ޕްލޭނެއްގެ، އެއް ޕްރޮގްރާމެއްގެ ތެރެއިންނޭ ލިބެން ޖެހޭނީ. އެ މީހަކު މަސައްކަތްކުރާ ތަނެއްގެ ސަބަބުން އެ މީހަކަށް ވަކިން ބޯހިޔާވަހިކަން ދޭން ޖެހިގެނެއް ނުވާނެ،" އީވާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭގައި އަޅާފައިވާ ޓަވަރުން ފްލެޓް ދިން ގޮތާ ބެހޭ ޝަކުވާ ބެލުމަށް ފަހު އެކުލަވައިލި ރިޕޯޓްގެ ބަހުސްގައި އީވާ ވިދާޅުވީ ދައުލަތުގެ ކުންފުނިތަކަކީ ވަކިވަކި ދައުލަތްތަކެއްހެން ހިންގިޔަދީގެން ނުވާނެ ކަމަށާއި އެއީ ދައުލަތުން އެތައް ފައިސާއެއް ޕަމްޕްކޮށްގެން ހިންގާ ކުންފުނިތަކެއް ކަަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުން ކުރާ ކަންތައްތައް ދައުލަތުގެ އެހެން އިދާރާތަކެކޭ އެއްގޮތަށް ބަލަން ޖެހޭނެ ކަމަށެވެ.

ބޯހިޔާވަހިކަން ދޭން ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގަނީ ކަމެއްގެ ގޮތުގައި އެއް ސިޔާސަތެއްގެ ދަށުން ކަން ކަށަވަރުކުރުމަށް އޭނާ ގޮވައިލެއްވި އެވެ. ސަރުކާރުން މަސައްކަތްކުރާނީ އެގޮތަށް ކަން ޔަގީން ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަަކާ ހަވާލުކޮށްގެން ހިންގި ބޯހިޔާވަހިކަމުގެ މަަޝްރޫއަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް ވެސް މިއަދު ވަަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ތަކުރާރުކޮށް އެ ވާހަކަ ދައްކަވައިފަ އެވެެ.

"ސްޓެލްކޯ އަކީ ވަރަށް ގިނަ އަދަދަކަށް ދައުލަތުން ސަބްސިޑީ ދީގެން ހިންގާ ކުންފުންޏެއް. އެ ފައިސާ އިކުއިޓީގެ ގޮތުގައި ބަހައްޓަައިގެން އިތުރަށް އަނެއްކާ ދައުލަތުން ގެރެންޓީ ދީގެން ލޯނެއް ނަގައިގެން ކީއްކުރަން ތޯއޭ ހައުސިން ޕްރޮފްރާމެއް ހިންގެވީ،" އަލީ ނިޔާޒް ސުވާލުކުރެއްވި އެވެެ.

އޭނާ ވިދާޅުވީ އޭގެ ބަދަލުގައި އެގޮތަށް ލޯނެއް ނަގައިގެން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގި ނަމަ މާ ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.