Roadha Mihaaru
ފްލެޓުތަކަށް ކުރިމަތިލާން ހުޅުވުން ފަސްކޮށްފި

މި ސަރުކާރުގެ ފުރަތަމަ ފްލެޓުތަކަށް ކުރިމަތިލާން ހުޅުވުން ފަސްކޮށްފި

31 މެއި 2021

މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމި، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވި ނަމަވެސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ބައްޔާ ހެދި އެ މަަސައްކަތް އަނެއްކާވެސް ލަސްވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމި، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވި ނަމަވެސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ބައްޔާ ހެދި އެ މަަސައްކަތް އަނެއްކާވެސް ލަސްވެއްޖެ އެވެ.

ރައީސް އޮފީހުގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމަށް ކޮންމެހެން ވެސް ބޭނުން ޖެހިފައިވާ 5،600 އާއިލާ ތިބި ކަމަށް މިނިސްޓްރީން ހެދި "ހައުސިން ނީޑް އެސެސްމަންޓް" އިން ދައްކާ ކަމަށެވެ. އެއީ 600 އަކަފޫޓު ނުވަތަ އެ އަދަދު ވެސް ހަމަ ނުވާ ވަރުގެ ތަންތަނުގައި އުޅޭ މީހުން ކަމަށާއި ފްލެޓު ދިނުމުގައި އެ މީހުންނަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

އެހެންވެ، އެ މީހުންނަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައި، އެ ފްލެޓްތަކަށް ކުރިމަތިލާން މި މޭ މަހު ހުޅުވައިލާނެ ކަމަށް އަސްލަމް އެ ދުވަހު ވިދާޅުވި އެވެ.

އެކަމަކު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، ކުރިން ރޭވި ގޮތަށް އެ މަޝްރޫއަށް ކުރިމަތިލާން މި މަހު ހުޅުވައި ނުލެވުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކާ ހެދި އެވެ.

އޭނާ ވިދާޅުވީ، މިއަދަކީ މި މަހުގެ އެންމެ ފަހު ދުވަސް ކަމަށް ވާއިރު، ހައުސިން މަޝްރޫއަށް ކުރިމަތިލުމަށް މި މަހު ހުޅުވައިލާނެ ކަމަށް މިނިސްޓަރު ކުރިން އިއުލާން ކުރެއްވީ އޭރު ބެލި ބެލުމުން، ފްލެޓް އެޅުމަށް ހަވާލުކުރި ދެ ކުންފުންޏެއްގެ މަސައްކަތް ވެސް ފެށޭނެތީ ކަމަށެވެ. އަދި މިނިސްޓަރު ނިންމެވީ، ކޮންމެ ބަޔަކާ ވެސް ހަވާލުކުރި ފްލެޓްތަކުގެ 20 ޕަސެންޓް މަސައްކަތް ނިމުމުން، އެ ޕްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވައިލާން ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން އެ މަސައްކަތް މި މަހު ނުފެށުނު ނަމަވެސް އަންނަ މަހުގެ ތެރޭގައި އެ ދެ ކުންފުނީގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

"ފައުންޑޭޝަން އެޅި ކުރިއަށް ދާން ފެށީމާ، އެޕްލިކޭޝަން ހުށަހަޅާ ގޮތަށް. އެއްޗެއް ނެތި އެޕްލިކޭޝަން ހުޅުވާނުލާން މިނިސްޓަރު ނިންމަވާފައި އޮތީ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެޕޯލޯއާ ހަވާލު ކޮށްފައިވާ 1،000 ހައުސިން ޔުނިޓް މަސައްކަތް ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ވެސް ކުރިއަށް ގެންދެ އެވެ. އެކަމަކު އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި މަސައްކަތް ލަސްވަމުން ދަނީ ކޮވިޑާ ހެދި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން އެ މަސައްކަތް މި މަހު ނުފެށުނު ނަމަވެސް އަންނަ މަހުގެ ތެރޭގައި އެ ދެ ކުންފުނީގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

"ދެ ކުންފުންޏަކާ ފްރޭމްވޯކް އެގްްރީމަންޓްގައި އެފްޑީސީން ސޮއިކުރީ. ލޯނު ހަމަޖެއްސުމުގެ މަސައްކަތް ކޮވިޑާ ހުރެ ލަސްވަމުން ދަނީ،" އަކްރަމް ވިދާޅުވި އެވެ.

އެއީ ކޮން ދެ ކުންފުންޏެއް ކަމާއި އެ ކުންފުނިތަކާ ހަވާލުކުރީ ކިހާ ފްލެޓެއް އެޅުމަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ ފްލެޓްތަކަށް ޝަރުތު ހަމަވާނީ 600 އަކަފޫޓު ހަމަވާ ގޯއްޗެއް މާލޭގައި ނެތް މީހުން ކަމަށް ކުރިން އަސްލަމް ވިދާޅުވި އެވެ. އަދި އެއީ މާލޭގައި ރަޖިސްޓަރީ ވެފައިވާތާ 15 އަހަރު ވެފައިވާ މީހުންނަށް ވާން ޖެހޭނެ ކަމަށާއި އާއިލާގެ ކުޑަބޮޑުމިނާއި ދިރިއުޅުމުގެ ހާލަތު ވެސް ބަލާނެ ކަމަށް އަސްލަމް ވިދާޅުވެފައި ވެ އެވެ.

އެ މީހުންގެ ތެރެއިން ވެސް ފްލެޓް ދިނުމުގައި އިސްކަން ދޭނީ 75 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށް ކަމަށް އަސްލަމް ވިދާޅުވެފައި ވެ އެވެ. އަދި އެ ފްލެޓަށް ޝަރުތު ހަމަވާނެ އެންމެ ދަށް އަދަދަކީ 42 ޕޮއިންޓެވެ.

އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ މާލޭގެ ރައްޔިތުންނަށް 5،600 ފްލެޓް އެޅުމެވެ. އަދި މި އަހަރުގެ ތެރޭގައި 5،000 ޔުނިޓްގެ މަޝްރޫއު ކުރިޔަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.