Roadha Mihaaru
ހޮން ކޮންގުގެ ކެންޑިޑޭޓުން ވީޓޯކުރާ އިސްލާހު ފާސްކޮށްފި

ހޮން ކޮންގުގެ ކެންޑިޑޭޓުން ވީޓޯކުރާ އިސްލާހު ޗައިނާއިން ފާސްކޮށްފި

11 މާޗް 2021

ބެއިޖިން (މާޗް 11) - ހޮން ކޮންގުގެ އިންތިޚާބުތަކުގައި ވާދަކުރާ، ކެންޑިޑޭޓުން ވީޓޯ ކުރުމުގެ ބާރު ޗައިނާ އަށް ލިބޭ ގޮތަށް ހޮން ކޮންގުގެ އިންތިޚާބީ ސިސްޓަމަށް ބަދަލު ގެންނަން ޗައިނާގެ ޕާލަމެންޓުން މިއަދު ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (މާޗް 11) - ހޮން ކޮންގުގެ އިންތިޚާބުތަކުގައި ވާދަކުރާ، ކެންޑިޑޭޓުން ވީޓޯ ކުރުމުގެ ބާރު ޗައިނާ އަށް ލިބޭ ގޮތަށް ހޮން ކޮންގުގެ އިންތިޚާބީ ސިސްޓަމަށް ބަދަލު ގެންނަން ޗައިނާގެ ޕާލަމެންޓުން މިއަދު ފާސްކޮށްފި އެވެ.

ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 2،896 މެންބަރުންގެ ތެރޭން އެއް މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން ވަނީ ހޮން ކޮންގުގެ އިންތިޚާބީ ސިސްޓަމަށް ބަދަލު ގެންނަން ފާސްކުރަން ތާއީދުކޮށްފަ އެވެ. އެ މެންބަރު ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނަނީ މިއީ ހޮން ކޮންގުގެ ޑިމޮކްރެސީ ހަރަކާތުގެ ސަންދޯކުގެ ފަހު މޮހޮރު ކަމަށެވެ.

މި ބަދަލާ އެކު ހޮން ކޮންގުގެ ޕާލަމެންޓް ނުވަތަ ލެޖިސްލޭޓިވް ކައުންސިލްގައި ދެން ތިބޭނީ މުޅިން ވެސް ޗައިނާ އަށް ވަފާތެރި މެންބަރުންނެވެ. ހޮން ކޮންގުގެ ޕާލަމެންޓުގައި ތިބެނީ 70 މެންބަރުން ނަމަވެސް އޭގެ ތެރޭން އާއްމުން އިންތިޚާބު ކުރަނީ ދެބައިކުޅަ އެއްބައި މެންބަރުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެ ގޮނޑިތަކަށް އިންތިޚާބުވެފައި ވަނީ ޑިމޮކްރެސީ އަށް ތާއިދު ކުރާ މެންބަރުންނެވެ. އަނެއްބައި މެންބަރުންނަކީ ވިޔަފާރި އާއި ބޭންކިން ސެކްޓަރުން ޕާލަމެންޓުގައި ހިމެނޭ މީހުންނެވެ.

އިނގިރޭސި ވިލާތުން ހޮން ކޮންގް ޗައިނާއާ 1997 ވަނަ އަހަރު ހަވާލުކުރި އިރު "ވަން ކަންޓްރީ، ޓޫ ސިސްޓަމް" ޕްރިންސްޕަލާ އެކު ބޭސިކް ލޯގެ ނަމުގައި ކޮންމެވެސް ވަރެއްގެ ގާނޫނު އަސާސީއަކަށް ވެސް އަމަލު ކުރުމަށް އެއްބަސްވެފައިވެ އެވެ. އެ ގާނޫނުގެ ދަށުން ހޮން ކޮންގުގައި ބައެއް ކަހަލަ ހައްގުތައް ރައްކާތެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމާއި މިނިވަން ޝަރުއީ ނިޒާމެއް ފަދަ ޗައިނާގެ ސަރަހައްދުތަކުގައި ނެތް ފަދަ ކަންތައްތަކެއް ހިމެނެ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ހޮން ކޮންގުގައި ވެސް، ބޭސިކް ލޯގެ 23 ވަނަ މާއްދާގެ ދަށުން، ގައުމީ ސަލާމަތާ ބެހޭ ގާނޫނެއް އޮންނަން ޖެހެ އެވެ.