Roadha Mihaaru
ރިކޯލް ވޯޓަކުން މެމްބަރުން ވަކިކުރާ ގޮތް ހަދަން ބިލެއް

ރައްޔިތުންގެ ވޯޓަކުން މެމްބަރުން ވަކިކުރެވޭ ގޮތް ހަދަން ތާއީދު ހޯދަނީ

12 މާޗް 2021

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަގާމުން ދުރުކުރަން ރައްޔިތުންގެ މެދުގައި ރިކޯލް ވޯޓު ނެގޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަގާމުން ދުރުކުރަން ރައްޔިތުންގެ މެދުގައި ރިކޯލް ވޯޓު ނެގޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މެމްބަރުން ވަކިކުރަން ވޯޓު ދިނުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށް އަދި ރިކޯލް ވޯޓު ނެގުމާ ބެހޭ ގާނޫނެއް ގެންނަން ތާއީދު ހޯދުމުގެ މަސައްކަތް ފެށީ ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅު އުތުރު ދާއިރާގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ވާދަ ކުރެއްވި އަމިއްލަ ކެންޑިޑޭޓް ހަމްޒާ ޚަލީލެވެ. އޭނާ މިހާރު ގެންދަވަނީ ސޯޝަލް މީޑިއާގައި އެކަމަށް ތާއީދު ހޯދަން މަސައްކަތް ކުރައްވަމުންނެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ ހަމްޒާ، ގާނޫނު އަސާސީއަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހަކީ ވަކި ހާލަތްތަކެއްގައި މެމްބަރުން ވަކިކުރަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ރިކޯލް ވޯޓު ނެގޭ ގޮތަށް ހެދުމެވެ. އެގޮތުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާއެއްގައި ވޯޓުލެވޭ މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުން ސޮއިކޮށް، އިލެކްޝަންސް ކޮޮމިޝަނަށް ޕެޓިޝަނެއް ހުށަހަޅައިފި ނަމަ، އެ މެމްބަރަކު ވަކިކުރަން ފެނޭތޯ ބަލަން 45 ދުވަސް ތެރޭގައި އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމަށް އޭނާ ތައްޔާރުކުރި ބިލްގައިވެ އެވެ. އަދި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު އެ މެމްބަރަކު ވަކިކުރަން ލިބިއްޖެ ނަމަ، އެ ހިސާބުން އެ މީހަކު މަގާމުން ވަކިވާނެ ކަމަށް އެ ބިލުގައިވެ އެވެ.

ހަމްޒާގެ ޓްވީޓް

މެމްބަރުން ވަކިކުރަން ހުށަހެޅޭ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީއާ ޚިލާފްވުން ނުވަތަ އަޚްލާގީ މިންގަނޑުން ބޭރު އަމަލެއް ކުރުން ނުވަތަ މަޖިލީހުގެ ހާޒިރީ ދަށްވުމާއިި ޒިންމާ އަދާ ނުކުރުން ފަދަ ސަބަބުތައް ހިމެނެ އެވެ. އަދި ވަކި ޕާޓީއެއްގެ ފައިދާއަށް އިސްކަން ދިނުމަކީ ވެސް މެމްބަރުން ވަކިކުރަން ރިކޯލް ވޯޓަކަށް ދެވިދާނެ ސަބަބެއް ކަމަށް އެ ބިލުގައިވެ އެވެ.

ރިކޯލް ވޯޓު ނެގުމުގެ ގާނޫނުގައި ހިމަނަން ހަމްޒާ ހުށަހަޅުއްވާފައިވަނީ އެއް އަހަރުވުމަށް ފަހު މެމްބަރުން ވަކިކުރަން ހުށަހެޅޭ ގޮތަށެވެ. އަދި ރިކޯލް ވޯޓަކަށް ދިއުމަށްޓަކައި ޕެޓިޝަނަށް ތާއީދު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕެޓިޝަން އޮފިސަރަކީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ މީހަކަށް ވާން ޖެހޭ ގޮތަށެވެ. ޕެޓިޝަން އޮފިސަރު އިސްކޮށް ހުރެ ވަކި އަދަދަކަށް ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އިންތިޚާބު އިއުލާންކޮށް، އެކަން މަޖިލީހުގެ ރައީސަށް ކޮމިޝަނުން އަންގަން ޖެހޭ ގޮތަށް ހަމްޒާ ހުށަހަޅުއްވާފައިވެ އެވެ. އަދި އެ އަދަދަށް ސޮއި ނުލިބިއްޖެ ނަމަ، އެ ޕެޓިޝަނެއް ބާތިލްވާ ގޮތަށް ވެސް ހަމްޒާ ހުށަހަޅުއްވާފައިވެ އެވެ.