16 މާޗް 2021
އުތުރު ތިލަފަޅުގައި ސިފައިންްގެ ބަނދަރެއް ތަރައްގީކުރަން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއްމުކުރެއްވި ލިޔެކިއުންތަކަކީ ބޮޑު އޮޅުވައިލުމެއް ކަމަށް ވިދާޅުވެ، އޭނާ ހައްޔަރުކޮށް ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ.
އުތުރު ތިލަފަޅުގައި ސިފައިންްގެ ބަނދަރެއް ތަރައްގީކުރަން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއްމުކުރެއްވި ލިޔެކިއުންތަކަކީ ބޮޑު އޮޅުވައިލުމެއް ކަމަށް ވިދާޅުވެ، އޭނާ ހައްޔަރުކޮށް ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުންކަަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެ ކަން ތަހުގީގުކުރަން ގޮވައިލައްވައި އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ ގައުމުގެ ސިޔާދަތު ނަގައިލަން ދޮގުހަދައިގެން ވާހަކަ ދައްކާ މީހުން ،މިނިވަންކަމާ އެކީ އުޅެން ދޫކުރުމަކީ ލިބޭނެ ގެއްލުމެއް ކަމަށެވެ.
އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހުރި ވާހަކަތައް ކަަމަށް ވިދާޅުވެ، އުމަރު ވާހަކަ ދައްކަވަނީ އިންތިހާބާ ދިމާކޮށް "ގައުމު ފަސާދަކުރަން" ކަމަށް އޭނާ ސިފަކުރެއްވި އެވެ. އެހެންވެ އެކަން ހުއްޓުވަން ކަމާ ބެހޭ ހުރިހާ ،މުއައްސަސާތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ދޭން ޖެހޭ ތަމްރީނުތައް ދިނުމަށާއި އެހެން ގައުމުތަކުގެ އަސްކަރީ މީހުން ބޭތިއްބުމަކީ ކޮންމެ ސަރުކާރެއް އޮތަސް ހިނގާ ކަމެއް ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ބޭރު ބަޔަކަށް އަސްކަރީ ކޮންޓްރޯލް ދޫކޮށްލުން ނޫން ކަމަށް، ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި އެއް މެމްބަރު ކަމަށް ވާ އަފީފް ވިދާޅުވި އެވެ.
"މިފަދަ ވާހަކަތައް ދައްކާ ފަރާތްތައް، ހަގީގަތާ ހިލާފަށް ރާއްޖޭގެ ސަލާމަތާ ގުޅޭ ގޮތުން މިފަދަ ވާހަކަ ދައްކައި، ރާއްޖޭގެ ސަލާމަތް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓައިލަން މަސައްކަތްކުރާ މީހުންނާ ދޭތެރޭ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް މި ގޮވައިލާ، ކުއްލި މައްސަލައިގައި މި ގޮވައިލާ ގޮވައިލުން، ދިވެހި ސަރުކާރުން އެކަމުގެ މައްޗަށް އަމަލުކުރުމަށް އަޅުގަނޑު ވެސް ސަރުކާރަށް ގޮވައިލަން،" އަފީފް ވިދާޅުވި އެވެ.
އެކަމަކު އުމަރު އިއްޔެ ވިދާޅުވެފައި ވަނީ ލީކްކޮށްގެން އުޅެނީ އިންޑިއާއާ އެކު މި ސަރުކާރުން ކޮށްފައިވާ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު މައުލޫމާތު ހާމަކުރަައްވާނެ ކަމަށް، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ އަބަދުވެސް ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާ އުމަރު ވިދާޅުވި އެވެ.
އުތުރު ތިލަފަޅު މިހާރުގެ މަޝްހޫރު ނަމުންނަމަ ޔޫޓީއެފްގައި ކޯސްޓް ގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާށާއި މަރާމާތުކުރަން ޑޮކްޔާޑަކާއި ވައިގެ ބަނދަރަކާއި ސިފައިން ތިބޭނެ ތަންތަން ހެދުން ފަދަ އެތައް ފެސިލިޓީއާ އެކު ތަރައްގީކޮށްދެނީ އިންޑިއާ ސަރުކާރުންނެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އިންޑިއާއާ އެކު އެއްބަސްވެފައިވާ ގޮތަށް އެކަން ކުރިއަށް ދާ ނަމަ އެ ބަނދަރު އޮންނާނީ އިންޑިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.
އިދިކޮޅުން ދައްކާ ވާހަކަ އެމްއެންޑީއެފާއި ސަރުކާރުން ދޮގުކުރެ އެވެ.
ޕީޕީއެމް/ޕީއެންސީން ކުރިން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔޫޓީއެފް ތަރައްގީކުރަން އިންޑިއާއާ އެކު އެއްބަސްވުމަކަށް ނުދެވުނީ ވެސް ރާއްޖޭގެ ސިޔާސަދަށް ގެއްލުން ހުރި ކަންކަން ހުރުމުންނެވެ. އަދި ޔޫޓީއެފް އޮތް ސަރަހައްދަކީ، ބައިނަލްއަގުވާމީ ގޮތުން ވެސް މުހިންމު ޕޮއިންޓަކަށް ވެފައި، އިންޑިއާ ނޫނަސް އެހެން ބައެއް ގައުމުތަކުން ވެސް އެތަން ތަރައްގީކުރަން އެދެމުން ދާތީ، އެންމެ މަސްލަހަތު ހުރީ ސަރުކާރުން އެކަން އަމިއްލައަށް ކުރުން ކަމަށް، ޔަމީން ގަބޫލުފުޅުކުރެއްވި ކަމަށް ވެސް، އިދިކޮޅުން ބުނެ އެވެ.
އެކަމަކު މި ސަރުކާރުން ވަނީ ސީދާ އިންޑިއާ ސަރުކާރުގެ އެހީގައި ޔޫޓީއެފް ތަރައްގީކުރަން އެއްބަސްވެ، ސޮއި ވެސް ކޮށްފަ އެވެ. އިއްޔެ ލީކްކޮށްގެން އުޅެނީ، އެ އެގްރިމެންޓްގެ ޑްރާފްޓެއް ކަމަށް، ބައެއް މީޑިއާތަކުން ބުނެ އެވެ. އެއީ ޑްރާފްޓެއްކަން، ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ސިޓީން އެނގެ އެވެ. އެ ސިޓީގައި އެދިފައި އޮތީ "މި ޑްރާފްޓާ މެދު ދިވެހި ސަރުކާރުން އެއްވެސް ހިޔާލެއް އޮތް ނަމަ އެކަން ހުށައެޅުމަށެ"ވެ.
ޑްރާފްޓްގައި ހިމެނޭ އެއް ކަމަކީ ޔޫޓީއެފް "ހިންގާށާއި އިދާރީ ކަންކަމަށް އެކަށީގެންވާ ވަރަށް އިންޑިއާ ސިފަައިިންނަށް ހުއްދަ ލިބެން ޖެހޭ" ވާހަކަ އެވެ. އެގޮތުން ބަނދަރު ތަރައްގީކުރުމުގެ ކުރިން ޑިޒައިންކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު ވެސް، އަދި ފަހުން ފެސިލިޓީ މަރާމާތުކުރުމާއި ބެލެހެއްޓުމުގައި ވެސް، އެކަމަށް އެކަށީގެންވާ ވަރަށް އިންޑިއާގެ އަސްކަރީ ފަރާތްތަކަށް ފުރުސަތު އޮންނަން ޖެހޭ ކަމަށް، ޑްރާފްޓްގައިވެ އެވެ.
ޔޫޓީއެފް ތަރައްގީކުރަނީ، ދިވެހި ސަރުކާރުގެ ލަފައާ އެކު އިންޑިއާ ސަރުކާރުން ކަނޑައަޅާ ކޮންޓްރެކްޓެއް ކަމަށް ވެސް، އޭގައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރި ދުވަހު، އެމްއެންޑީއެފުން ބުނީ ޔޫޓީއެފް ތަރައްގީކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާ "ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީ"ން ކަމަށެވެ. ޑްރާފްޓްގައި ވެސް އެ ވާހަކަ އެބަ އޮތެވެ. އެކަމަކު ޖޭޕީއެމްސީގައި ރާއްޖެއަށް އަގުލަބިއްޔަތެއް ނުލިބެ އެވެ. ކޮމިޓީގައި ކޮންމެ ގައުމަކުން ތިބެނީ ތިން މެމްބަރުންނެވެ. އެގޮތުން ރާއްޖެއިން، ޗީފް އޮފް ޑިފެންސް ފޯސް އާއި ސަރުކާރުން ކަނޑައަޅާ އިތުރު ދެ މީހެކެވެ. އިންޑިއާ ތަމްސީލުކުރައްވާނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރާއި އިންޑިއާ ސަރުކާރުން ކަނޑައަޅާ އިތުރު ދެ މީހެކެވެ.
ކޮންމެ ހަ މަހަކުން މަދުވެގެން ކޮމިޓީގެ އެއް ބައްދަލުވުން، އިންޑިއާ ނުވަތަ ރާއްޖޭގައި ބާއްވަން ޖެހެ އެވެ. މި ކޮމިޓީ އުވޭނީ ޔޫޓީއެފް ތަރައްގީކޮށް ނިމޭތާ ހަ މަސް ފަހުންނެވެ.
ޑްރާފްޓް އެގްރިމެންޓް ބުނާ ގޮތުން ޔޫޓީއެފަކީ ދިވެހި ރާއްޖޭގެ މިލްކެކެވެ. ނަމަވެސް ތަން މެނޭޖްކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ ރާއްޖެ އާއި އިންޑިއާ ގުޅިގެންނެވެ. އެކަމަށްޓަކައި ކޮންމެ ގައުމަކުން މަދުވެގެން ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖޮއިންޓް ރެސިޑެންޓް ޓީމް (ޖޭއާރުޓީ) އެއް އުފައްދަ އެވެ.
ޔޫޓީއެފްގެ ހިންގުމުގައި ދުވަހުން ދުވަހަށް ނަގަން ޖެހޭ ޒިންމާތައް ނަގާނީ ޖޭއާރުޓީންނެވެ.
ޔޫޓީއެފްގައި ހިމެނޭ ހުރިހާ ފެސިލިޓީއެއް، އޭގެ ތެރޭގައި ކޯސްޓް ގާޑު ބަނދަރާއި ވައިގެ ބަނދަރު ވެސް، ދެ ގައުމުގެ ސިފައިންނަށް ބޭނުންކުރެވޭނެ ކަމަށް، ޑްރާފްޓް އެގްރިމެންޓްގައި ބުނެ އެވެ. ބަނދަރު ހެދުމާއި ހިންގުމުގައި އިންޑިއާއިން ވެސް ހޭދަކުރާތީ، ޑްރާފްޓް އެގްރިމެންޓް އޮތް ގޮތުން، ބަނދަރުން އިންޑިއާއިން ހޯދާ އެއްވެސް ހިދުމަތަކަށް ޗާޖެއް ނުކުރެވޭނެ އެވެ.
ޔޫޓީއެފް ފުރަތަމަ ތަރައްގީކުރުމުގެ ހިޔާލު، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ގެންގުޅުނީ ބޭރުގެ އަސްކަރީ އުޅަނދު ފަހަރަށް ވެސް ހިދުމަތް ހޯދޭ ގޮތަށެވެ. އެކަމަކު ލީކްވި ޑްރާފްޓްގައި ބުނެފައިވާ ގޮތުން، އެތަނުގެ ބޭނުން ތިން ވަނަ ޕާޓީއަކަށް (އިންޑިއާ އާއި ދިވެހި ސިފައިން ނޫން) ހޯދޭނީ، ހަމައެކަނި އަމިއްލަ ފަރާތްތަކަށެވެ.
މިއީ ކުރީގެ ރައީސް ޔާމީން ވެސް އެންމެ ކަންބޮޑުވެވަޑައިގެންނެވި އެއް މައްސަލަ ކަމަށް، އިދިކޮޅުގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ރަހުމަތްތެރި އެހެން ގައުމެއްގެ ސިފައިންގެ އުޅަނދުފަހަރަށް ވެސް ހިދުމަތް ނުހޯދޭ ގޮތަށް ހަމައެކަނި އެއް ގައުމެއްގެ ބާރު ހިނގާހެން، ޔޫޓީއެފް ތަރައްގީކުރުމަކީ މައްސަލައެއް ކަމަށް، އިދިކޮޅުގެ ބަައެއް ބޭފުޅުން ދެކެވަޑައިިގަންނަވަ އެވެ.
މި ޑްރާފްޓަކީ ދޮގެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރު ތަފުސީލެއް ނުހިމެނެ އެވެ. އެހެންކަމުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި މީގެ ތެރެއިން އުނިކޮށްފައި ވަނީ ކޮން ބައެއް ކަމެއް ނުވަތަ ސަރުކާރުން އިތުރުކުރީ ކޮން ޕޮއިންޓްތަކެއްކަމެއް އެނގޭނެ ގޮތެއް ނެތެވެ.
އަފީފް ރިޔާސަތު ބަލަހައްޓަވަނީ ގަވާއިދާ ހިލާފަށް!
އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށްލާކަށް ނޭދެން: އަސްލަމް
މަޖިލީހުގައި ބަހުސް ކުރާނެ ކަމެއް ނެތް!
އަޅުގަނޑަށް ފިޔަވަޅު އަޅަން ރައީސް އެންގެވި: އަފީފު
އުތުރު ތިލަފަޅާ މެދު "ދޮގުހަދާތީ" ކުއްލި މައްސަލައެއް
"ނުފޫޒު ފޯރުވަން އުޅުއްވި ވަޒީރުންނަށް ފިޔަވަޅުއެޅޭނެ"
އެމްޑީޕީގެ ބޮޑު ނިންމުން މިރޭ ދަރުބާރުގޭގައި
އެމްޑީޕީގެ 40 އަށް ވުރެ ގިނަ ވޯޓު ލިބޭނެ: އަފީފް
ރައީސްކަމަށް ވާދަވެރިކަން ބޮޑުވެ އަފީފަށް ފާޑުކިޔަނީ
ރައީސްގެ ތާއީދާއި އިތުބާރު އަދިވެސް އެބައޮތް: އަސްލަމް