Roadha Mihaaru
ރެސްޓޯރެންޓްތައް ބަނގުރޫޓު ވަނީ، އެދެނީ ލުއިތަކެއް

ރެސްޓޯރެންޓްތައް ބަނގުރޫޓު ވަނީ، އެދެނީ ލުއިތަކެއް ދޭން

17 މާޗް 2021

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ރާއްޖެ ލޮކްޑައުން ކުރުމާ ގުޅިގެން އިގުތިސާދު އެއްކޮށްހެން ހުއްޓުނެވެ. ލޮކްޑައުން އަށް ދިން ލުއިތަކާ އެކު ބައެއް ވިޔަފާރިތަކުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް ކޮވިޑާ އެކު ގެއްލުންވަމުން ދިޔަ ކެފޭ/ރެސްޓޯރެންޓުގެ ސިނާއަތު އަދިވެސް އޮތީ އެ ހާލަތުގަ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ރާއްޖެ ލޮކްޑައުން ކުރުމާ ގުޅިގެން އިގުތިސާދު އެއްކޮށްހެން ހުއްޓުނެވެ. ލޮކްޑައުން އަށް ދިން ލުއިތަކާ އެކު ބައެއް ވިޔަފާރިތަކުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް ކޮވިޑާ އެކު ގެއްލުންވަމުން ދިޔަ ކެފޭ/ރެސްޓޯރެންޓުގެ ސިނާއަތު އަދިވެސް އޮތީ އެ ހާލަތުގަ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު، ކެފޭ/ރެސްޓޯރެންޓުތަކުގެ ތެރޭގައި ތިބެގެން ރޭގަނޑު 8:00 ގެ ފަހުން ކެއުން ވަނީ މަނާ ކޮށްފަ އެވެ. އަދި 10:30 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ވެސް ވަނީ މަނާކޮށްފަ އެވެ. މި ބަދަލުތަކާ އެކު ކެފޭ/ރެސްޓޯރެންޓް ވިޔަފާރި ކުރާ ފަރާތްތަކުން ދަނީ ނުރުހުން ފާޅުކޮށް، ގަވާއިދުތައް ބަދަލު ކުރުމަށް އެޗްޕީއޭއަށާއި ސަރުކާރަށް ގޮވާލަމުންނެވެ.

ރެެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އާއި މޯލްޑިވްސް އީޓަރީސް ޔޫނިއަން ގުޅިގެން ވަނީ އެ ނިންމުންތަކާ ދެކޮޅަށް ހަޅުތާލު ކުރަން ނިންމައިފަ އެވެ. އެގޮތުން، ރެސްޓޯރެންޓުތަކާއި ކެފޭތަކުގެ އިތުރުން ޓޭކްއަވޭ ތަންތަން ބަންދުކޮށް، ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލާނެ ކަމުގެ އިންޒާރު އެ ތަންތަނުން ވަނީ ދީފަ އެވެ. އަދި މި ތަންތަނުން އަލުން ޚިދުމަތް ދޭނީ އެޗްޕީއޭ އިން ލުއިތައް ދިނުމުން ކަމަށް ރެމް އިން ބުނެ އެވެ.

ރެމްގެ ރައީސް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރެމްގެ ރައީސް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކާބޯތަކެތި އުފައްދާ ތަންތަނުގެ އިތުރުން ޓެކްސީ ދުއްވާ މީހުން ހިމެނޭހެން މިހާތަނަށް 200 އަށް ވުރެ ގިނަ ފަރާތުން މި ހަޅުތާލުގައި ބައިވެރިވާނެ ކަމަށް ރެމްގެ ރައީސް ހާމިދު އަފީފު ވިދާޅުވި އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި އަފީފު މިއަދު ވިދާޅުވީ، އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަކީ ހަމައެކަނި ރެސްޓޯރެންޓް އިންޑަސްޓްރީ އަށް ގެއްލުންވާ ގޮތަށް އަޅާފައިވާ ފިޔަވަޅުތައް ކަމަށެވެ. އެ ފިޔަވަޅުތައް އަޅާ ނަމަ އެންމެން ހަމަހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އިންޑަސްޓްރީ މިއޮތީ އެޗްޕީއޭ އިން ގުރުބާން ކުރާ ކަންބަޅިއަކަށް ހަދާފައި. މުޅި އިންޑަސްޓްރީ މިހާރު އޮތީ ކޯމާއެއްގައި. އަޅުގަނޑުމެންނަށް އެބަފެނޭ ބާޒާރު މަތީގައި ވެސް އަދި އެހެން ތަންތަނުގައި ވެސް ގައިދުރުކަމެއް ނެތި ގައިޑްލައިނާ ހިލާފަށް ހިދުމަތް ދޭތަން. އެހެންކަމުން ހަމައެކަނި ކޮވިޑް ފެތުރެނީ ރެސްޓޯރެންޓުތަކުން ކަމަށް ބުނެ ރެސްޓޯރެންޓުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުން ގޯސް،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ހަޅުތާލު ކުރަން އެ އިންޑަސްޓްރީން ނިންމީ އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. އެގޮތުން، ފާއިތުވި ދުވަސްތަކުގައި އެޗްޕީއޭ އާއި ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނާ ވެސް ބައްދަލު ކޮށްފައިވާ ކަމަށާއި ނަމަވެސް ހުރިހާ ތަނަކުން ވެސް ދެނީ ބީރު ކަންފަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ދޮރުގައި ޓަކި ޖެހިއްޖެ. ހުރިހާ ތަނަކުން ވެސް ބުނަނީ ވަގުތު ދޭށޭ. ވަރަށް ކެތްކުރެވިއްޖެ މިހާރު. ދެން އޮތީ މިގޮތް،" ހާމިދު ވިދާޅުވި އެވެ.

އީޓަރީސް ޔޫނިއަންގެ އެކްސްކޯ މެމްބަރު ހުސައިން ފިރުޝާން މީޑިއާތަކާ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އީޓަރީސް ޔޫނިއަންގެ އެކްސްކޯ މެމްބަރު ހުސައިން ފިރުޝާން މީޑިއާތަކާ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އީޓަރީސް ޔޫނިއަންގެ އެކްސްކޯ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ މިހާރު ބޭނުންވަނީ ގިނަ ވަގުތު ރެސްޓޯރެންޓުތައް ހުޅުވާފައި ބަހައްޓަން ކަމަށެވެ. މި ގޮތަށް ގަވާއިދަށް ބަދަލު ގެނައުމުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުރިހާ ތަނަކުން ވެސް އަމަލު ކުރާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން ކަންކަން ނިންމުމުގައި އެހެނިހެން އިންޑަސްޓްރީގެ މީހުންނާ މަޝްވަރާ ކުރާ ފަދައިން ރެސްޓޯރެންޓު ދާއިރާގެ މީހުންނާ މަޝްވަރާ ކޮށްގެން ނިންމުންތައް ނިންމުމަށް ފިރުޝާން އެދިވަޑައިގަތެވެ.

"އެހެންތަންތަނެކޭ އެއްގޮތަށް އަޅުގަނޑުމެން ވެސް މިކިޔަނީ ގައިޑްލައިނާ އެއްގޮތަށް ކަންކަން ބަހައްޓާނަމޭ. ކީއްވެގެންތޯ އެހެން މީހުންގެ އަޑު އަހާފައި އަޅުގަނޑުމެންނަށް ބީރު ކަންފަތެއް ދެނީ. އަޅުގަނޑުމެންގެ ވެސް ބަސް އަޑުއަހައިގެން ކަންކަން ނިންމަންވީ ނޫންތޯ،" ފިރުޝާން ވިދާޅުވި އެވެ.

ރެމް އިން ބުނި ގޮތުގައި ކޮވިޑް-19ގެ ސަބަބުން މުޅި ރެސްޓޯރެންޓް އިންޑަސްޓްރީ އަށް މިހާތަނަށް 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ. މީގެ ސަބަބުން މިހާތަނަށް 50 އަށް ވުރެ ގިނަ ތަންތަން ބަންދު ކުރަން ޖެހިފައިވާއިރު އަވަސް މުސްތަގުބަލެއްގައި އިންޑަސްޓްރީ އަލުން އިއާދަ ނުކުރެވޭނެ ކަމަށް ވެސް ރެމް އިން ލަފާކުރެ އެވެ.

ހަޅުތާލު ބާއްވާ ތާރީޚެއް އަދިވެސް ރެމް އިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް ރަސްމީ ދަތުރުފުޅެއްގައި މިހާރު ބަންގްލަދޭޝްގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގަތުމުން ގައިޑްލައިން ބަދަލު ކުރައްވާނެ ކަމަށް އެޗްޕީއޭ އިން ރެމްގެ ބޭފުޅުންނަށް އަންގާފައި އޮތުމުން މި މަހުގެ 21ގެ ކުރިން ހަޅުތާލު ކުރިއަށް ނުގެންދާނެ އެވެ.

ރެމް އާއި އީޓަރީސް ޔޫނިއަން އިން ބުނެފައިވާ ގޮތުގައި މި ހަޅުތާލު ކުރިއަށް ގެންދާނީ ފުރަތަމަ 24 ގަޑިއިރަށް ތަންތަން ބަންދު ކޮށްގެންނެވެ. އެ އަށް ފަހު ގައިޑްލައިންތައް ބަދަލު ނުކޮށްފި ނަމަ ތަންތަން ބަންދުކޮށް ތަޅުދަނޑިތައް ހަވާލު ކުރަން ވަނީ ނިންމައިފަ އެވެ.