Roadha Mihaaru
ސްކޫލު ހުޅުވުން ކާމިޔާބެއް ނުވި، އެޓެންޑެންސް ދަށް

ސްކޫލު ހުޅުވުން ކާމިޔާބެއް ނުވި، އެޓެންޑެންސް ދަށް

19 ޖުލައި 2020

ކޮވިޑް-19ގެ ކުއްލި ހާލަތަށް ގެނައި ލުޔާ އެކު، މާލޭ ސަރަހައްދުގެ ސްކޫލްތައް ހުޅުވި ނަމަވެސް، އެ ފިޔަވަޅު ކާމިޔާބުނުވެ، ދަރިވަރުންގެ އެޓެންޑެންސް ވަރަށް ބޮޑަށް ދަށްވާން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19ގެ ކުއްލި ހާލަތަށް ގެނައި ލުޔާ އެކު، މާލޭ ސަރަހައްދުގެ ސްކޫލްތައް ހުޅުވި ނަމަވެސް، އެ ފިޔަވަޅު ކާމިޔާބުނުވެ، ދަރިވަރުންގެ އެޓެންޑެންސް ވަރަށް ބޮޑަށް ދަށްވާން ފަށައިފި އެވެ.

ތިން މަހަށް ފަހު މި މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވިއިރު، ފުރަތަމަ ހަފުތާގައި ހާޒިރުވި ދަރިވަރުންގެ އަދަދު ރަނގަޅެވެ. ގިނަ ސްކޫލުތަކުގެ އެޓެންޑެންސް ވެސް އުޅުނީ 60-80 ޕަސެންޓާ ދެމެދުގައި ކަމަށް ވެ އެވެ. ނަމަވެސް މިހާރު އެ ނިސްބަތް 30 ޕަސެންޓަށް ވެއްޓިފައިވާ ކަމަށް، ބައެއް ސްކޫލްތަކުން ބުނެ އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ސްކޫލްތައް ބަންދުކުރަން ޖެހިފައިނުވާ ފަދަ ދިގު މުއްދަތަކަށް، ކޮވިޑް-19ގެ ސަބަބުން، ބަންދުކުރުމަށް ފަހު ހުޅުވީ 9-12 އާ ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ. އެކަމަކު ސަރުކާރުން އެގޮތަށް އަމަލްކުރި ނަމަވެސް، އޭރު ވެސް ގިނަ ބެލެނިވެރިންގެ ވިސްނުން ހުރީ ދަރިވަރުން ނުފޮނުވާ ގޮތަށެވެ.

މާލޭ ސަރަހައްދުގެ ސްކޫލަކުން ވާހަކަދެއްކެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ދަރިވަރުން އައުން މަދުވީ ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާ އެކު ކަމަށެވެ. މިހާރު ކްލާހެއްގައި ހައެއްކަ ކުދިން ވެސް ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލު ފެށުނުއިރު [އެޓެންޑެންސް] ރަނގަޅު. އެކަމަކު ކޮވިޑް-19ގެ ކޭސްތައް އިންކްރީސް ވާން ފެށީމަ [ދަރިވަރުންގެ އަދަދު] މަދު،" ސްކޫލެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ސްކޫލުތަކުގެ އެޓެންޑެންސް މީމިސް މެދުވެރިކޮށް ބަރާބަރަށް އަޕްޑޭޓްކުރާނެ އެވެ.

ރައްކާތެރިކަމުގެ އެތައް ފިޔަވަޅަކާ އެކު ސްކޫލްތައް ހުޅުވީ ހަފުތާއަކު ދެ ދުވަހު ކިޔަވައިދޭ ގޮތަށެވެ. އަނެއް ދެ ދުވަހު ކިޔެވުން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ގޭޓް ދޮށުން ދަރިވަރުންގެ ހުން ބެލުން ހިމެނެ އެވެ. އަދި ސެނެޓައިޒް ކުރެވޭނެ އިންތިޒާމް ވެސް ހުރީ ހަމަޖައްސައިފަ އެވެ. ގައިދުރުކަން ބެހެއްޓުމަށްޓަކައި، ކްލާސް ރޫމުގައި ގިނަ ވެގެން ތިބޭނީ 15 ދަރިވަރުންނަށެވެ.

ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ވާނެކަމުގެ ޔަގީންކަން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައި އޮތީ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު ނުވަޔަކުން ފެށިގެން މައްޗަށް ކަމަށެވެ. އެ ބަލީގެ ނުރައްކަލެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ވެސް އަންނަނީ ކިޔަވައިދެމުންނެވެ.

"މިހާރު" ޕޯލުން ވެސް ފެނުނީ ބެލެނިވެރިންގެ ޖެހިލުންވުން

އަލުން ސްކޫލްތައް ހުޅުވުމުގެ ކުރިން "މިހާރު"ގެ ކިއުންތެރިންގެ މެދުގައި ނެގި ޕޯލްއަކުން ވެސް ދެއްކީ، ގިނަ ބެލެނިވެރިން އަދި އެކަމަށް ތައްޔާރު ނޫން ކަމެވެ. އެގޮތުން ޕޯލްގައި ބައިވެރިވި 5،700 އަށް ވުރެ ގިނަ ކިއުންތެރިން ބުނެފައި ވަނީ ސްކޫލްތައް ހުޅުވިޔަސް ދަރިވަރުން ނުފޮނުވާނެ ކަމަށެވެ. އެއީ ބައިވެރިވި ކިއުންތެރިންގެ 64 ޕަސެންޓެވެ.

ސްކޫލަށް ކުދިން ފޮނުވާނެ ކަމަށް ބުނީ އެންމެ 18 ޕަސެންޓް ކިއުންތެރިންނެވެ. ވަކި ގޮތެއް ނިންމަން ދަތިކަމަށް ބުނި މީހުންގެ ނިސްބަތް ވެސް އުޅުނީ 18 ޕަސެންޓްގަ އެވެ.

އެކަމަކު ސަރުކާރުން އުއްމީދުކުރި ވަރަށް ސްކޫލްތަކަށް ދަރިވަރުން ފޮނުވަން ޖެހިލުންވުމުގެ މައިގަނޑު ސަބަބަކީ ބަލިޖެހޭ ދިވެހިންގެ އަދަދު ގިނަވާން ފެށުން ކަމަށް ބެލެވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިދިއަ ތިން ހަފްތާ ތެރޭގައި ގުޅުމެއް ނެތް ކޭސްތަކުގެ އަދަދުތައް ވަނީ ގިނަވެފަ އެވެ.