Roadha Mihaaru
ރޭގަނޑު10:30 ވެސް ވިޔަފާރިވެރިންނަށް ކަމަކު ނުދިޔަ

ރޭގަނޑު 10:30 ވެސް ކަމަކު ނުދިޔަ، މިހާރު ބޭނުންވަނީ މެންދަމު 1:30 އާ ހަމައަށް ކެފޭތައް ހުޅުވަން

22 މާޗް 2021

މާލެ ސަރަހައްދުގައި ހިންގާ ކެފޭ/ރެސްޓޯރެންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދޭ ވަގުތު ރެއިން ފެށިގެން 10:30 އާ ހަމައަށް އެޗްޕީއޭ އިން ދިން ލުޔާއެކު ހަމަޖައްސައިދިން ނަމަވެސް އެ ވަގުތު މެންދަމު 1:30 އަށް އިތުރު ކޮށްދިނުމަށް ވިޔަފާރިވެރިން ޑިމާންޑު ކުރަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލެ ސަރަހައްދުގައި ހިންގާ ކެފޭ/ރެސްޓޯރެންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދޭ ވަގުތު ރެއިން ފެށިގެން 10:30 އާ ހަމައަށް އެޗްޕީއޭ އިން ދިން ލުޔާއެކު ހަމަޖައްސައިދިން ނަމަވެސް އެ ވަގުތު މެންދަމު 1:30 އަށް އިތުރު ކޮށްދިނުމަށް ވިޔަފާރިވެރިން ޑިމާންޑު ކުރަން ފަށައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެ އިދާރާ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދޭނެ އެންމެ ފަހު ވަގުތަކީ ކޮންމެ ރެއެއްގެ އަށެެއް ޖެހުމާ ހަމައަށް ކަމަށް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ހަމަޖައްސާފައި އޮތް އޮތުން ރޭގަނޑު 10:30 އަށް އިއްޔެ ބަދަލުކުރީ އެ ތަންތަނުގެ ވިޔަފާރި އަށް ގެއްލުން ވަމުންދާ ކަމުގެ ޝަކުވާ ބޮޑުވުމުންނެވެ. އެޗްޕީއޭ އިން އެ ލުއި ދިން އިރު، ވަގުތު އިތުރު ނުކޮށްފި ނަމަ ކެފޭތައް ބަންދުކޮށް މުޒާހަރާ އަށް ނުކުންނާނެ ކަމުގެ އިންޒާރު ވެސް މޯލްޑިވްސް އީޓަރީސް ޔޫނިއަން އާއި ރެސްޓޯރެންޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އޮތީ ދީފަ އެވެ.

އެ ޔޫނިއަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެޗްޕީއޭ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔވަަޅުތަކުގެ ސަބަބުން ކެފޭ/ރެސްޓޯރެންޓުތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބިފައިވާ ކަަމަށެވެ. ފަހުން ރޭގަނޑު ޑައިން-އިން ކުރުމުގެ ހިދުމަތް ނުދެވޭ ގޮތަށް ހެދުމުން ވި ގެއްލުން އިތުރަށް ބޮޑުވި ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންކަމުން މި ގެއްލުންތަކުން އަރައިގަތުމަށް ދަންވަރު 1:30 ވަންދެން އެފަދަ ތަންތަން ހުޅުވައިގެން ހިދުމަތް ދެވޭ ގޮތް ހަދައި ދިނުމަށް އެ ޖަމިއްޔާ އިން އެދުނެވެ.

މޯލްޑިވްސް އީޓަރީސް ޔޫނިއަނުން ބުނީ، ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ރޭގަނޑު 10:30 އާ ހަމައަށް ޚިދުމަތް ހޯދޭ ގޮތަށް އެޗްޕީއޭ އިން ގެނައި ބަދަލަކީ ރެސްޓޯރެންޓު އިންޑަސްޓްރީ މިހާރު އޮތް ހާލަތަށް ބަލާއިރު އެކަށީގެންވާ ހައްލެއް ނޫން ކަމަށެވެ.

ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދާ ގަޑި މެންދަމު 1:30 އަށް ބަދަލުކުރާ ނަމަ ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ އެހެން ބައެއް ފިޔަވަޅުތަކަށް ވެސް ލުއި ގެންނަން މަޖުބޫރުވާނެ އެވެ. މިހާރު ކޮންމެ ރެއައަކު 11:00 އިން ފެށިގެން ފަތިސް ވަންދެން މާލެ ސަރަހައްދުގައި އޮންނަނީ ކާފިއު ހިންގައިފަ އެވެ. އެހެންވެ، ރެސްޓޯރަންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދާ ގަޑި ދެން އިތުރު ކުރާ ނަމަ ކާފިއު އުވައިލަން ވެސް ޖެހޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިޔަފާރިވެރިންނަށް އޮތް ހައްލަކީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވައިލުން ކަމަށް ވިދާޅުވެފަ އެވެ.

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރެސްޓޯރެންޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އެދި މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލައާ ގުޅިގެން މިއަދު އެޗްޕީއޭގެ ބޭފުޅުންނާ ބައްދަލު ކުރުމަށް ވެސް ވަނީ ތާވަލު ކޮށްފަ އެވެ.