Roadha Mihaaru
މިއީ ކުއްލި ނުރައްކަލުގެ ހާލަތެއްތޯ ސުވާލުއުފެދޭ:ސަލީމް

މިއީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމާ މެދު ސުވާލު އުފެދޭ: ސަލީމް

22 މާޗް 2021

ކޮވިޑް-19 ކޮންޓްރޯލް ކުރަން ރާއްޖޭގައި މިދިޔަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުުގެ ހާލަތު ދަމަހައްޓާތީ ކަންބޮޑުވުން ފާޅުކުރައްވައި، އެފަދަ ހާލަތެއް ރާއްޖޭގައި މިހާރު އެބަ އޮތްތޯ، ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ސުވާލު އުފައްދަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ކޮންޓްރޯލް ކުރަން ރާއްޖޭގައި މިދިޔަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުުގެ ހާލަތު ދަމަހައްޓާތީ ކަންބޮޑުވުން ފާޅުކުރައްވައި، އެފަދަ ހާލަތެއް ރާއްޖޭގައި މިހާރު އެބަ އޮތްތޯ، ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ސުވާލު އުފައްދަވައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ހުށައެޅުއްވި މައްސަލާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ކޮވިޑުން ރައްކާތެރިވާނެ ހުރިހާ ގޮތްތަކެއް މިހާރު ރައްޔިތުންނަށް އެނގޭ ކަމަށެވެ.

ބަލި ޖެހޭ ގޮތާއި ފެތުރޭ ގޮތް އަދި ރައްކާތެރިވާން ކުރަން ޖެހޭ ކަންތައްތަކުގެ މައުލޫމާތު ވެސް އާބާދީގެ އެންމެނަށް މިހާރު އެނގޭ ކަަމަށް އޭނާ ވިދާޅުވި އެެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެޗްޕީއޭގެ މަސައްކަތުން ރައްޔިތުންނަށް އެވަރަށް މައުލޫމާތު ލިބިފައި ވާތީ ފިޔަވަޅުތައް ނޭޅިޔަސް ފަރުދީ ޒިންމާ އަދާކޮށްގެން ރައްކާތެރިވެގެން މިހާރު އުޅެވޭނެ އެވެ.

"ކުއްލި ނުރައްކަލަކީ ކުއްލިއަކަށް ދިމާވާ ހާލަތަކަށް އަޅުގަނޑުމެން ކިޔާ އެއްޗެއް. އެ ހާލަތުގައި އަޅުގަނޑުމެން އުޅެ، ހޭނި، އެއް އަހަރު ވެގެން ދިޔައިމާ އަދިވެސް އެ ހާލަތަށް ކުއްލި ނުރައްކަލުގެ ހާލަތު ކިއިދާނެތޯ އެއީ އަަޅުގަނޑުގެ ހިތުގައި އުފެދޭ ވަރަށް ބޮޑު ސުވާލެއް. އަދި އެ މާނައިގައި މިގޮތަށް އެ ހާލަތު ދަމަހައްޓައި، ފިޔަވަޅުތައް ކުރިއަށް ގެންދެވިދާނެތޯ، ހަމަ މިއާ ގުޅިގެން އުފެދޭ ސުވާލެއް،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލިން ރައްކާތެރިވާން ހޮޓާ/ކެފޭ/ރެސްޓޯރެންޓްތަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅުތަކުގައި ހަމަހަމަ ކަމެއް ނެތް ކަމަށެވެ. އެ ފިޔަވަޅުތަކުން ލިބުނު ގެއްލުމަށް ވުރެ ފައިދާ ބޮޑު ނޫން ކަމަށާއި އެހެންވެ އެތަންތަން މިހާރު ހުރީ ބަނގުރޫޓުވާ ހިސާބުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތައް ބަނގުރޫޓުވެ ނެތިދިޔަ ނުދިނުމުގެ ގޮތުން ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އެބަ އަޅުއްވަން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.

އޭނާ މި މައްސަލަ މިއަދު ހުށަހެޅުއްވި އިރު، އެޗުޕީއޭއިން ވަނީ ކުރީގެ އުސޫލުތައް ބަދަލުކޮށް، ލުއިތަކެއް ދީފަ އެވެ. އެޗްޕީއޭއިން މިހާރު ކަނޑައަޅާފައި އޮތީ ރޭގަނޑު 10:30 ވަންދެން ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކުގައި ކެއިންބުއިމުގެ ހިދުމަތް ދެވޭ ގޮތަށެވެ.

އެކަމަކު އެ ދާއިރާގެ ވިޔަފާރިވެރިން މިހާރު ގޮވަމުން ދަނީ ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން އޮތް ގޮތަށް މެންދަމުން އަލިވެ 1:30 ވަންދެން ތަންތަން ހުޅުވާފައި ބެހެއްޓުމުގެ ހުއްދައަށެވެ.

މާލެ ސަރަހައްދުގައި ރޭގަނޑު 11ގެ ފަހުން ކާފިއު ހިންގަ އެވެ. އެހެންކަމުން އޭގެ ފަހުން އާންމުކޮށް މީހުންނަށް ބޭރަށް ނުކުމެއެއް ނޫޅެވޭނެ އެވެ.

ސަލީމް ހުށަހެޅުއްވި މައްސަލައަށް އެމްޑީޕީގެ ގިނަ މެމްބަރުން ތާއީދުކުރެއްވި އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ވެސް ބައެއް މެމްބަރުން ނުސީދާ ގޮތެއްގައި ގޮވާލެއްވި އެވެ.