Roadha Mihaaru
ޖަލަށް ދާން ވެސް މި ހުރީ ތައްޔާރަށް: ކަންގަނާ

ޖަލަށް ދާން ވެސް މި ހުރީ ތައްޔާރަށް: ކަންގަނާ

25 އޮކްޓޯބަރ 2020

ކަންކަމާ ގުޅޭ ގޮތުން ފާޅުކުރާ ހިޔާލުތަކާ ހެދި ޖަލަށް ދާން ޖެހުނަސް މައްސަލައެއް ނެތް ކަމަށާއި އެކަމަށް ތައްޔާރަށް ހުރި ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަންކަމާ ގުޅޭ ގޮތުން ފާޅުކުރާ ހިޔާލުތަކާ ހެދި ޖަލަށް ދާން ޖެހުނަސް މައްސަލައެއް ނެތް ކަމަށާއި އެކަމަށް ތައްޔާރަށް ހުރި ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ޖޫން މަހު ދަންޖެހިގެން އަމިއްލަ އަށް މަރުވި ފަހުން ކަންގަނާ އަންނަނީ އޭނާ މަސައްކަތްކުރާ ބޮލީވުޑަށް ނިސްބަތްކޮށް އެތައް ވާހަކައެއް ދައްކަމުންނެވެ. އެގޮތުން ބޮލީވުޑްގެ އެތައް ބަޔަކަށް ރައްދުވާ ގޮތަށް އޭނާ ވަނީ އެއީ މަސްތުވާތަކެތީގެ ހާއްޔެއްގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ. މިކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުންތައް ކަންގަނާ އަށް އަމާޒުވެފައިވެ އެވެ.

ކަންގަނާ ބުނެފައިވާ ގޮތުގައި ބޮލީވުޑް ފިލްމު އިންޑަސްޓްރީ އޮތް މަހާރަޝްތުރާގެ މުމްބާއީ އަކީ ވެސް މިހާރު އުޅެން ވަރަށް ނުރައްކާތެރި، އެތަނުގެ ފުލުހުންނަށް ވެސް ރައްޔިތުންގެ އިތުބާރު ނެތް ތަނެކެވެ. އަދި އެ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތަކެރީ އަށް ނިސްބަތްކޮށް "ހުތުރު ބަހުން" ވާހަކަ ދެއްކި މައްސަލައެއް ވެސް ބަލައިދޭން ކަމާ ބެހޭ ފަރާތްތަކަށް މިދިޔަ މަހުގެ ތެރޭގައި ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ދާދި ފަހުން އިންޑިއާގެ ދަނޑުވެރިންގެ ގޮވާލުންތަކަށް އިޖާބަނުދީ މައްސަލަ ބޮޑުވި ދަނޑުވެރިންނާ ބެހޭ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައު ސިފަކޮށް، އިންޑިއާގެ ބައެއް ކޮމިއުނިޓީތަކުގެ މީހުންނަށް ރައްދުވާ ގޮތަށް ކަންގަނާ ބަހުގެ ހަމަލާތައް ފޮނުވާފައިވެ އެވެ. އަދި ކަންގަނާ ދަނީ ބައިބައިވުން އުފައްދަން މަގުފަހިކޮށް، ޝަރުއީ ދާއިރާގެ އަގު ވެސް ވައްޓާލަން މަސައްކަތްކުރަމުން ކަމަށް ބުނެ ވެސް އޭނާ އަށް ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ.

މިފަދަ ކަންކަމާ ގުޅިގެން ކަންގަނާއާ ދެކޮޅަށް ކޯޓަށް ހުށަހަޅާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

އެހެންވެ އޭގެ ރައްދުގައި ކަންގަނާ ކުރި ޓްވީޓްތަކެއްގައި ބުނީ މަހާރަޝްތުރާ ސްޓޭޓްގެ ސަރުކާރުން އުޅެނީ އޭނާ ޖަލަށް ނުލެވިގެން ކަމަށާއި އެކަން ކުރަން ބޭނުންވާ ނަމަ ޖަލަށް ދާން ވެސް ތައްޔާރަށް ހުރި ކަމަށެވެ. ކަންގަނާ ބުނީ ގައުމުގައި ހުރި މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުން ނުހުއްޓުވޭނެ ކަމަށާއި ސްޓޭޓް ސަރުކާރުގެ އަމާޒު ހުރީ އިންސާފާއި ހައްގަށް އަޑުއުފުލާ މީހުންނާ ދެކޮޅަށް ކަމަށެވެ.

ކަންގަނާ ބުނީ ގައުމުގެ މަސްލަހަތުގައި އަމިއްލަ ދިރިއުޅުން ގުރުބާންކޮށް ޖަލަށް ދިޔަ މީހުން އިންޑިއާގެ ތާރީހުން ކުރިން ވެސް ފެންނަން އެބަހުރި ކަމަށާއި ޖަލަށް ދާން ޖެހުމަކި އޭނާ ވެސް ކަންބޮޑުވާނެ ކަމެއް ނޫން ކަމަށެވެ.

ހުނަރިވެރި ބަތަލާ ބުނިގޮތުގައި އޭނާގެ ދައްކާ ވާހަކަތައް ހަޖަމުނުކުރެވީ ހަގީގަތް ގަބޫލުނުުރަން ބޭނުންވާ މީހުންނެވެ. އަދި ފާޅުކުރާ ޝުއޫރުތަކާ ގުޅިގެން އޭނާ އަށް ލިބިފައިނާ ނެޝަނަލް އެވޯޑްތައް އަތުލަން ގޮވުމަކީ ވަކި ބަޔަކު ކުރާ ކަމެއް ކަމަށް ކަންގަނާ ބުންޏެވެ.