Roadha Mihaaru
ގާނޫނީ ބަދަލަކުން ރިސޯޓް މުވައްޒަފުންތަކެއް ހާލުގައި

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ރިސޯޓު ބައެއް މުވައްޒަފުން ހާލުގައި ޖެހިއްޖެ

24 މާޗް 2021

ރާއްޖޭގައި ހިންގާ ބައެއް ރިސޯޓުތަކުގައި ދިވެހި މުވައްޒަފުންނާ މެދު އިހާނެތިކޮށް ކަން ކުރާކަމުގެ ތުހުމަތުތައް އޮތް އިރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުން ބައެއް މުވައްޒަފުން، އެންމެ ފަހުން، ހާލުގައި ޖެހިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ހިންގާ ބައެއް ރިސޯޓުތަކުގައި ދިވެހި މުވައްޒަފުންނާ މެދު އިހާނެތިކޮށް ކަން ކުރާކަމުގެ ތުހުމަތުތައް އޮތް އިރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުން ބައެއް މުވައްޒަފުން، އެންމެ ފަހުން، ހާލުގައި ޖެހިއްޖެ އެވެ.

ވަޒިފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި 21 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން ވަޒީފާ ދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދޭ ހިދުމަތެއް ހުއްޓާލަން ޖެހުމާ ގުޅިގެން ނުވަތަ ވަޒީފާ ދޭ ފަރާތުގެ މަލީ ހާލަތު ދަށްވުމާ ގުޅިގެން މަގާމެއް އުނިކުރަން ޖެހޭ ހާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެކެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން އެކި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވުމުގެ ސަބަބުން ގެނައި އިސްލާހެކެވެ. ނަމަވެސް ބައެއް ރިސޯޓުތަކުން އެ އިސްލާހުގެ ނާޖާއިޒު ފައިދާ ނަގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދާ ކަމަށް، ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ބުނެ އެވެ.

ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން "މިހާރު"އަށް ބުނި ގޮތުގައި އެ އިސްލާހާ އެކު ރިސޯޓުތަކުގެ ހާހެއްހާ ދިވެހި މުވައްޒަފުންގެ ވަޒީފާ މިހާތަނަށް ވަނީ ގެއްލިފަ އެވެ. މި އަދަދު ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އިތުރުވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ލަފާކުރެ އެވެ.

ޓީމުގެ ޖެނެރަލް ސެކްޓްރީ މައުރޫފް ޒާކިރު (މާއްޓެ) ވިދާޅުވީ ގިނަ ރިސޯޓުތަކުން މުވައްޒަފުން ވަކިކުރަނީ މާލީ ހާލަތު ދަށް ކަމަށް ބުނެ އެވެ. ނަމަވެސް ދިވެހިން ވަޒީފާތަކުން ވަކިކުރުމަށް ފަހު އެ މަގާމުތަކުގެ ނަން ބަދަލުކޮށް ބިދޭސީން މިހާރު ވެސް ނަގަމުން އަންނަ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ރިސޯޓެއްގެ މުވައްޒަފަކު ބައިސްކަލެއްގައި ދަނީ: ގާނޫނަށް ގެނައި އިސްލާހާ މެދު ދިވެހި މުވައްޒަފުން ހިތްހަމައެއް ނުޖެހޭ

ރިސޯޓެއްގެ މުވައްޒަފަކު ބައިސްކަލެއްގައި ދަނީ: ގާނޫނަށް ގެނައި އިސްލާހާ މެދު ދިވެހި މުވައްޒަފުން ހިތްހަމައެއް ނުޖެހޭ

މާއްޓެ ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކީ ރިސޯޓުތަކުގެ ވެރިންނަށް ބޭނުން އިރަކު މުވައްޒަފުން ވަކިކުރަން ދިން ލައިސަންސެއް ކަމަށެވެ. އަދި މިފަދަ ފުރުސަތުތައް ގާނޫނަކުން ދީގެން ނުވާނެ ކަމަށާއި ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ވިޔަފާރިވެރިންނަށް މިހާ ބޮޑު ބާރެއްދީ ގާނޫނަށް ބަދަލު ގެންނަންވީ ވަގުތެއް ނޫން. ކޮވިޑްގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައިވާއިރު ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ. އެކަމަކު މި ގެނައި ބަދަލަކީ ވިޔަފާރިވެރިން ބޭނުން އިރަކު ބޭނުންވާ މީހަކު ކަނޑާލަން ލިބުނު ލައިސަންސެއް،" މާއްޓެ ވިދާޅުވި އެވެ.

"މި އިސްލާހުގެ ފައިދާ ނަގައި ރިސޯޓުތަކުން މުވައްޒަފުން ވަކި މި ކުރަނީ މާލީ ހާލަތު ދަށޭ ކިޔާފައި. އެކަމަކު އެމީހާ ވަޒީފާއިން ވަކިކުރާތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެބަ ފެނޭ އެހެން ނަމެއްގައި ހަމަ އެ މަގާމަށް އެހެން މީހަކު ނަގާތަން. ގިނައިން ހަމަ ނަގަނީ ބިދޭސީން."

ބައިނަލްއަގުވާމީ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ރިސޯޓެއްގައި މަސައްކަތް ކުރި މުވައްޒަފަކު، ނަން ނުޖަހަށް ޝަރުތުކޮށް، ބުނީ އޭނާ ވަޒީފާއިން ވަކިކުރުމަށް ފަހު އެ މަގާމަށް މިހާރު ބިދޭސީއަކު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ރިސޯޓުން ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި އިސްލާހެއް ގެނައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އަޅުގަނޑާ އަދިވެސް ދެތިން ކުއްޖަކު ވަޒީފާއިން ވަކިކުރީ އެ މަގާމުތައް އުވާލަނީއޭ ކިޔާފައި. އެކަމަކު އަޅުގަނޑުމެންނަށް ފަހުން އެނގުނީ އެ މަގާމުތަކުގެ ނަންތައް ބަދަލުކޮށް އިތުރު މީހުން ނެގިކަން،" އެ މުވައްޒަފު ބުންޏެވެ.

"ގިނަ ބަޔަކަށް ޕްރޮމޯޝަން ވެސް ދިނީ އަޅުގަނޑުމެން ކަނޑާލައިފައި."

ބިރު ދައްކައި، ބްލެކްލިސްޓް ކުރަނީ

ވަޒީފާއިން ވަކިކުރި ގިނަ މުވައްޒަފުން މިހާރު ވަނީ، އެނގިފައިވާ ގޮތުގައި، އެހެން ރިސޯޓުތަކުގެ ވަޒީފާތަކަށް ކުރިމަތިލައިފަ އެވެ. ނަމަވެސް އާ ވަޒީފާއަށް ކުރިމަތިލާ އިރު ކުރީގެ ރިސޯޓުގެ ރެފަރެންސް ލެޓާ ހޯދަން އެދުމުން އެކަމަށް ދަނީ ހުރަސް އަޅަމުން ކަމަށް، ބައެއް މުވައްޒަފުން ބުނެ އެވެ.

ވަލްޑޯފް އޮސްޓްރިއާ އިތާފުށި ރިސޯޓުން ކަނޑާލި މުވައްޒަފަކު "މިހާރު"އަށް ބުނީ އޭނާއަށް ރެފަރެންސް ލެޓާ ދޭން އެ ރިސޯޓުން ދެކޮޅުހަދަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފައިވާތީ ކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ނަގަން އިތާފުށިން ބާރު އަޅަމުން ދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު މިހާރު އެހެން ތަނަކަށް ވަޒީފައަށް ލައިފިން. އިންޓަވިއު ވެސް ނިމިއްޖެ. އެކަމަކު ރެފަރެންސް ނުލިބޭތީ ވަޒީފާ ހޮލްޑު ކޮށްފައި އިނީ،" އެ މުވައްޒަފު ކިޔައިދިނެވެ.

"އިތާފުށިން ބުނަނީ ރެފަރެންސް ބޭނުމިއްޔާ ޖެހޭނީ މައްސަލަ ނަގާށޭ. އަޅުގަނޑާ އެކު ކަނޑާލި ބައެއް ކުދިން ލެޓާ ހޯދަން މިހާރު މައްސަލަ ނަގައި ވެސް ފި."

ރިސޯޓެއްގެ މުވައްޒަފުންތަކެއް ކަނޑާލަން ނިންމުމުން އެހެން މުވައްޒަފުން ކަނބޮޑުވުން ފާޅުކުރަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

ރިސޯޓެއްގެ މުވައްޒަފުންތަކެއް ކަނޑާލަން ނިންމުމުން އެހެން މުވައްޒަފުން ކަނބޮޑުވުން ފާޅުކުރަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ މުވައްޒަފު ކުރާ ތުހުމަތާ ގުޅިގެން އެ ރިސޯޓުން އެއްވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ.

މާއްޓެ ވިދާޅުވި ގޮތުގައި ޓީމާ ގުޅިގެން ހައްގު ހޯދަން މަސައްކަތް ކުރާ ބައެއް މުވައްޒަަފުން މިހާރު ވަނީ އިންޑަސްޓްރީން "ބްލެކް ލިސްޓް" ވެސް ކޮށްފަ އެވެ. އެއީ މައްސަލަ އުފައްދާ ބައެއްގެ ގޮތުގައި ލޭބަލްކޮށް އެހެން ރިސޯޓުތަކުން ވަޒީފާގެ ފުރުސަތު ނުދޭން ރިސޯޓުތަކުގެ އިސް ވެރިން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑެތި ރިސޯޓުތަކުން ބިރު އެބަ ދައްކާ ޓީމާ ގުޅިގެން އިންސާފު ހޯދަން މަސައްކަތް ކުރާތީ. އެމީހުން ދަންނަ އެހެން ރިސޯޓުތަކުގެ މީހުންނަށް ގުޅާފައި އެބަ ބުނޭ މިއީ މައްސަލަ އުފައްދާނެ މީހެކޭ. މީނާއަށް ވަޒީފާ ނުދޭށޭ. މީގެ ސަބަބުން ވެސް އެތައް ބަޔަކު އެބަ ތިބި ވަޒީފާ ނުލިބިފައި،" މާއްޓެ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ގަބޫލުކުރާ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާ އެކު ދިވެހި މުވައްޒަފުން ދެން އުޅެން ޖެހޭނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ވަޒީފާގެ ގެރެންޓީއެއް ނެތް އިރު ވަޒީފާއިން ވަކިކޮށްފި ނަމަ އިންސާފު ލިބޭނެ ކަމަކަށް ވެސް އޭގެ ބައެއް މުވައްޒަފުން ގަބޫލެއް ނުކުރެ އެވެ.