Roadha Mihaaru
އިންޓެލްގެ ޗިޕް ވިޔަފާރި އައުޓްސޯސްކުރަނީ

އިންޓެލްގެ ޗިޕް ވިޔަފާރި އައުޓްސޯސްކުރަން ނިންމައިފި

25 މާޗް 2021

ޓެކްނޮލޮޖީއާ ގުޅުން ހުރި އުފެއްދުންތަކަށް ބޭނުންވާ ޗިޕް ހޯދަން ވަރަށް ބޮޑު ތާށިކަމެއް ކުރިމަތިވެފައި ވަނިކޮށް، މަޝްހޫރު ކުންފުނި އިންޓެލްގެ ޗިޕް ވިޔަފާރި އައުޓްސްސޯސްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓެކްނޮލޮޖީއާ ގުޅުން ހުރި އުފެއްދުންތަކަށް ބޭނުންވާ ޗިޕް ހޯދަން ވަރަށް ބޮޑު ތާށިކަމެއް ކުރިމަތިވެފައި ވަނިކޮށް، މަޝްހޫރު ކުންފުނި އިންޓެލްގެ ޗިޕް ވިޔަފާރި އައުޓްސްސޯސްކުރަން ނިންމައިފި އެވެ.

މިކަން އެ ކުންފުނީގެ އާ ސީއީއޯ ޕޭޓް ޖެލްޒިންގާ އިއުލާންކުރެއްވީ އަންގާރަ ދުވަހު ބޭއްވި ކުންފުނީގެ "އިންޖިނިއަރިން ދަ ފިއުޗާ" ފޯރަމްގަ އެވެ. އޭގައި އޭނާ ވިދާޅުވީ ޗިޕް ޕްރޮޑަކްޝަން ތާޑް-ޕާޓީތަކަށް އައުޓްސްސޯސްކުރަން ނިންމާފައިވާތީ އެކަމަށް އިންޓެލް އިން 20 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ އެހެން ކުންފުނިތަކަށް ދިމާވެފައިވާ ޗިޕް ހޯދުމުގެ ދަތިކަން ހައްލުކޮށް ދިނުމެވެ.

އެގޮތުން އަރިޒޯނާގައި ދެ ފެސިލިޓީ ހަދާނެ ކަމަށާއި އެތަންތަނުގެ މަސައްކަތް ކުރިއަށް ދާނީ އެކަމަށް ހާއްސަ ބްރާންޗް އިންޓެލް ފައުންޑަރީ ސާވިސްގެ ދަށުން ކަމަށް ޕޭޓް ވިދާޅުވި އެވެ.

މިއީ އިންޓެލްގެ ޑިޒައިނާއި މެނުފެކްޗަރިން ސްޓްރެޓެޖީ ޕްލޭން "އައިޑީއެމް 2.0" ގެ ބައެކެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ތިން ބަޔަކަށެވެ. އެއް ބަޔަކީ އިންޓެލް އިން-ހައުސް މެނުފެކްޗަރިން އެވެ. އެއީ ސީދާ ކުންފުނީގެ އުފެއްދުންތަކަށް ޗިޕް އުފެއްދުމުގެ ބައެވެ. ދެވަނަ ބަޔަކީ އެހެން ކުންފުނިތަކަށް ހާއްސަ އެކްސްޓާނަލް ފައުންޑަރީ އެވެ. އެގޮތުން ޓީއެމްސީ އާއި ސެމްސަންގް ފަދަ ކުންފުނިތައް އޭގެ ތެރޭގައި ހިމެނޭނެ އެވެ. ތިން ވަނަ ބަޔަކީ މުޅި ދުނިޔެ އަށް އަމާޒުކޮށް ޗިފް އުފައްދަން ހާއްސަ ގްލޯބަލް ފައުންޑަރީ އެވެ.

އިންޓެލް އިން ބުނިގޮތުގައި ޗިޕް އުފެއްދުމާއި އޭގެ ވިޔަފާރި ފުޅާކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫގެ އަމަލީ މަސައްކަތް ފެށިގެންދާނީ 2023 ގަ އެވެ.

އިންޓެލްގެ ފައުންޑަރީތައް މައިގަނޑު ގޮތެއްގައި ބިނާކުރާނީ އެމެރިކާ އާއި ޔޫރަޕްގަ އެވެ. އަދި މި މަޝްރޫއުގެ ޕާޓްނަރުންގެ ގޮތުގައި އިންޓަނޭޝަނަލް ބިޒްނެސް މެޝިން (އައިބީއެމް) އާއި ކްއަލްކޮމް އާއި މައިކްރޮސޮފްޓާއި ގޫގުލް ފަދަ ކުންފުނިތައް ބައިވެރިވާނެ އެވެ.

އިންޓެލް އަކީ ސެމީކޮންޑަކްޓަ ޗިޕްގެ ވިޔަފާރިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ކުންފުންޏެވެ. އެ ކުންފުނި ވުޖޫދަށް އައީ މީގެ 52 އަހަރު ކުރިން ޖުލައި 18، 1968 ގަ އެވެ. އަގު 240 ބިލިއަން ޑޮލަރަށް އަރާ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 110,600 ގިނަ އެވެ.