Roadha Mihaaru

އެލްއޭގައި އިތުރު އަލިފާންގަނޑުތަކެއް؛ އެތައް ހާސް ބަޔަކު ގެތަކުން ނެރެފި

އަލިފާނުގެ ހާދިސާތަކުގައި މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އެމެރިކާގެ ލޮސް އެންޖެލިސްގެ އުތުރުގައި އަނެއްކާ ރޯވެ ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު އެތައް ހާސް ބަޔަކު ގެތަކުން ނެރެފި އެވެ.

އެލްއޭގައި އިތުރު އަލިފާންގަނޑުތަކެއް، ބާރަށް ފެތުރެނީ

އަލިފާނުގެ ހާދިސާތަކުގައި މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އެމެރިކާގެ ލޮސް އެންޖެލިސްގެ އުތުރުގައި އަނެއްކާ ރޯވެ ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު އެތައް ހާސް ބަޔަކު ގެތަކުން ނެރެފި އެވެ.

ކެސްޓައިކް ލޭކް ކައިރީގައި ހުރި ފަރުބަދަތަކުގެ މަތިން ފެށުނު އަލިފާން ވަރަށް ބާރަށް ފެތުރެމުން ދިޔައިރު، މަދު ގަޑިއިރުތަކެއްގެ ތެރޭގައި 8،000 އޭކަރު (3،200 ހެކްޓަރު) އަށް ވުރެ ބޮޑު ސަރަހައްދަކަށް ވަނީ ފެތުރިފަ އެވެ.

ގަދަ ވައިގެ ސަބަބުން އަލިފާންގަނޑު ހަލުވިކަމާ އެކު ފެތުރެމުން ދާއިރު އޮލަ ދުމުން މުޅި ސަރަހައްދު ވަނީ ބެދިފަ އެވެ. އަދި މިހާރު އެ އަލިފާން ހިފަމުންދާ ގޮތަށް ބަލާއިރު އިތުރު ސަރަހައްދުތަކަށް ފެތުރިދާނެ ކަމުގެ ބިރު ވެސް ވަނީ ހީވެފަ އެވެ.

ލޮސް އެންޖެލިސްގެ އުތުރުން ގާތްގަނޑަކަށް 35 މޭލު (56 ކިލޯމީޓަރު) ދުރުގައި އޮންނަ އަދި ސެންޓާ ކްލެރިޓާ ސިޓީއާ ވެސް ކައިރި އޮންނަ މި ލޭކްގެ ވަށައިގެން އުޅޭ 31،000 މީހުން އެހެން ހިސާބުތަކަށް ގެންދަން މިހާރު ވަނީ އަންގައިފަ އެވެ.

ލޮސް އެންޖަލިސްގައި އަލަށް ރޯވި އަލިފާން ނިއްވަން އިއްޔެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލޮސް އެންޖަލިސްގައި އަލަށް ރޯވި އަލިފާން ނިއްވަން އިއްޔެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

މިފަހަރު ރޯވެފައި މި ވަނީ ލޮސް އެންޖެލިސް ސަރަހައްދުގައި ފެތުރުނު ބޮޑު އަލިފާންގަނޑުގައި އެތައް ހާސް ގެއެއް އަނދައި 25 މީހަކު މަރުވެފައި ވަނިކޮށެވެ.

ލޮސް އެންޖެލިސް ކައުންޓީ ޝެރިފް ޑިޕާޓްމަންޓްގެ ރޮބަޓް ޖެންސަން ވަނީ "ހިއުސް ފަޔާ" ގެ ނަން ދީފައިވާ އަލިފާނުގެ އާ ހާދިސާ ހިނގި ސަރަހައްދުން ވަގުތުން ނުކުތުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ މިފަދަ އެންގުންތަކަށް ތަބާ ނުވުމުގެ ދެރަ ނަތީޖާތައް ކުރިން ފެނިފައިވާ ކަމަށާއި އަލުން އެފަދަ ކަންކަން ތަކުރާރުވާން ނޭދޭ ކަމަށެވެ.