Roadha Mihaaru
އެމްއެމްއޭއިން ގެނައި ބަދަލުން އަސްލު ވަނީ ކިހިނެއް؟

އެމްއެމްއޭއިން ގެނައި ބަދަލުން އަސްލު ވަނީ ކިހިނެއް؟

28 މާޗް 2021

ރާއްޖޭގައި ދޫކުރާ ވިސާ ކާޑުތަކުން ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތަކުން ޑޮލަރުން މުއާމަލާތް ނުހިންގޭ ގޮތަށް އެމްއެމްއޭ އިން މިހާރު މިވަނީ ހަމަޖައްސައިފަ އެވެ. މިއީ، ބައެއް މީހުންގެ ނަޒަރުގައި، ރާއްޖޭގެ އެތެރޭގެ ބައެއް ވިޔަފާރިތަކުގައި ޑޮލަރުން ހިންގާ މުއާމަލާތްތައް ހިންގުން ހުއްޓުވުމުގެ އެއް ފިޔަވަޅެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ދޫކުރާ ވިސާ ކާޑުތަކުން ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތަކުން ޑޮލަރުން މުއާމަލާތް ނުހިންގޭ ގޮތަށް އެމްއެމްއޭ އިން މިހާރު މިވަނީ ހަމަޖައްސައިފަ އެވެ. މިއީ، ބައެއް މީހުންގެ ނަޒަރުގައި، ރާއްޖޭގެ އެތެރޭގެ ބައެއް ވިޔަފާރިތަކުގައި ޑޮލަރުން ހިންގާ މުއާމަލާތްތައް ހިންގުން ހުއްޓުވުމުގެ އެއް ފިޔަވަޅެވެ.

އެމްއެމްއޭގެ އާ ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ 15ގަ އެވެ. މި ބަދަލާ ގުޅިގެން އާންމުން އަންނަނީ ތަފާތު ސުވާލުތައް ކުރަމުންނެވެ. އެއް ބަޔަކަށް ހީވަނީ ވީސާ ކާޑު ބޭނުންކޮށްގެން ބޭރުގެ އެއްވެސް ވިޔަފާރިއެއް ވެސް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބޭންކްތަކުން ކަނޑައަޅާފައިވާ ލިމިޓާ އެއްވަރަށް މިހާރު ވެސް ބޭރުގެ މުއާމަލާތްތަކަށް ހިންގާކަށް އެއްވެސް ހުރަހެއް ނެތެވެ.

އެމްއެމްއޭ އިން ބުނީ މި ބަދަލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރާ ކާޑަކުން ރާއްޖޭގައި ހަދާ ޓްރާންސެކްޝަންތައް ދިވެހި ރުފިޔާއަށް ބަދަލުކުރުމެވެ. އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި އެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ހަދަން ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކާޑުގެ ހިދުމަތްތައް އިތުރަށް ފުޅާކުރަން މަގުފަހި ކުރުން ކަމަށް ވެސް، މަރުކަޒީ ބޭންކުން ބުނެ އެވެ.

މި ބަދަލުން އާންމުންނަށް ލިބޭނެ ފައިދާއެއް ވެސް އެބަ އޮތެވެ. މިސާލަކަށް ޑޮލަރުގެ ތާށިކަމާ އެކު ރާއްޖޭގެ ބޭންކްތަކުން ވަނީ ޑޮލަރުގެ މުއާމަލާތް ލިމިޓްކޮށްފަ އެވެ. އެންމެ ގިނަ ކާޑު ދޫކޮށްފައިވާ އަދި ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބީއެމްއެލްގެ ކާޑަކުން މަހަކަށް އެންމެ ގިނަވެގެން ވެސް މިހާރު ކުރެވޭނީ 250 ޑޮލަރުގެ މުއާމަލާތެވެ. އެކަމަކު މި ގެނައި ބަދަލުން ބަައެއް މީހުންނަށް އެ 250 ޑޮލަރުން ބައެއް ސަލާމަތްކުރެވޭނެ އެވެ. މިސާލަކަށް އިބްރާހިމް ގޮސް ރާއްޖޭގައި މިހާރު ޑޮލަރުން ފައިސާ ކަނޑާ ވިޔަފާރިއަކުން ހިދުމަތެއް ހޯދީ އެވެ. އެ ހިދުމަތަށް އެރީ 200ރ ކަމަށް ވިޔަސް އެ ފައިސާ އެ ވިޔަފާރިއަށް ބޭންކުން ދައްކަން ޖެހެނީ ޑޮލަރުންނެވެ. އެހެންކަމުން އިބްރާހިމް ބޭރުގެ މުއާމަލާތެއް ހިންގާ ނަމަ އެ ހިންގަން އޮންނަ 250 ޑޮލަރުން، 200ރ އަށް ވާ ޑޮލަރު އުނިވެ އެވެ.

އެކަމަކު މިހާރު މި ގެނައި ބަދަލާ އެކު ރާއްޖޭގެ އެތެރޭގެ އެއްވެސް މުއާމަލާތެއްގައި ޑޮލަރަކުން ނުކެނޑޭނެ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި ދޫކޮށްފައި ހުންނަ ކާޑު ބޭނުންކުރުމުން އެތެރޭގެ މުއާމަލާތްތަކުގައި ޑޮލަރުން ފައިސާ ކަނޑަނީ ބައިނަލްއަގުވާމީ ފްރެންޗައިސްތައް ކަމަށް ވާ ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ބާގާ ކިންގް ފަދަ ތަންތަނުންނެވެ. އެތަންތަނުން ޑޮލަރުން ކަނޑަނީ ބޭރުގެ ޕީއޯއެސް މެޝިންތައް ބަހައްޓައިގެންނެވެ. އަލަށް އެމްއެމްއޭއިން ގެނައި ބަދަލާ އެކު އެ ތަންތަނުން ވެސް އެޕްރީލް 15 އިން ފެށިގެން ދެން ޖެހޭނީ ރާއްޖޭގައި ދޫކުރާ ވިސާ ކާޑުތަކަށް ދިވެހި ރުފިޔާ އިން ކަނޑާށެވެ. އަދި ބޭނުންކުރަން ޖެހޭނީ ރާއްޖޭގެ ބޭންކްތަކުގެ ޕީއޯއެސް މެޝިންތަކެވެ.

އަލަށް މި ގެނައި ބަދަލާ އެކު ބޭންކްތަކުން ކުރިން ބައެއް ވިޔަފާރިތަކަށް ސެޓުލްމެންޓް ހަދާ އިރު ޑޮލަރުން ކުރާ މުއާމަލާތްތައް ހުއްޓުނީ އެވެ. އެހެންކަމުން އެ ސަލާމަތްކުރެވޭ ޑޮލަރު ބޭންކްތަކުން އެހެން ކަންކަމަށް ބޭނުންކުރެވޭނެ އެވެ.

ރާއްޖޭގެ އެތެރޭގެ އެއްވެސް މުއާމަލާތެއްގައި ދިވެހި ރުފިޔާ ނޫން ފައިސާއެއް ބޭނުންކުރުން ކުރިންސުރެ ވެސް މަނަ އެވެ. އެ މަނާކުރުން ތަންފީޒެއް ނުކުރެވެ އެވެ. އެހެންކަމުން ފިހާރަކުން އެއްޗެއް ގަނެފައި ވެސް ޑޮލަރުގެ ނަގުދު ފައިސާ އިން ވެސް އަގު ދެއްކިދާނެ އެވެ. އަދި ކޮންމެ ފިހާރަތަކުން ވެސް ޑޮލަރު ގަބޫލުކުރެ އެވެ.

އެކަމަކު ކޮވިޑް-19ގެ އިގުތިސާދީ ބޮޑު ހުއްޓުމާއި ޓޫރިސްޓުން ނައުމުން ކުރިމަތިވި ޑޮލަރުގެ ތާއްޓާ އެކު ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓޭނެ އިތުރު ނިޒާމްތައް މިހާރު މި ވަނީ ގާއިމްކުރަން ޖެހިފަ އެވެ. އެމްއެމްއޭއިން ބުނާ ގޮތުގައި އެ މަސައްކަތް އަންނަނީ ކުރަމުންނެވެ.