Roadha Mihaaru
ހިންނަވަރުން މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް

ހިންނަވަރުން މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް

29 މާޗް 2021

ޅ. ހިންނަވަރުން އިއްޔެ ފަތިހު މަރުވި މީހަކު، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޅ. ހިންނަވަރުން އިއްޔެ ފަތިހު މަރުވި މީހަކު، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 63 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ސްޓްރޯކެއް ޖެހިގެން، އެ އަތޮޅު ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.

އޭނާގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ރޭ ދަންވަރު ލިބުނު އިރު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންވެ، އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގަ އެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް މިއަދު ވިދާޅުވިގޮތުގައި ކުއްލި ގޮތަކަށް އެ މީހާ މަރުވި ނަމަވެސް، އިއްޔެއާ ހަމައަށް އޭނާގެ ހާލު ރަނގަޅެވެ.

ހިންވަރުގައި މިހާރު ވެސް ކޮވިޑް-19ގެ ބިރު އެބައޮތެވެ. ރޯގާގެ އަލާމާތްތައް ހުރެގެން މީގެ ދެ ދުވަސް ކުރިން އެ ރަށުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، އެ ރަށް މިހާރު ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. އެކަމަކު އެ ރަށުން މަރުވި މީހާ އާއި ކޮވިޑްގެ ބަލިމީހާއާ ގުޅުމެއް ނެތެވެ.

ކޮވިޑްގެ ބިރުވެރިކަން މިހާރު ވަރަށް ބޮޑުވެ، ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ އެ އަތޮޅު ފެލިވަރުން ބަލި ޖެހުނު މީހުންގެ ތެރޭގައި ވެސް ހިންނަވަރުގެ ތިން މުވައްޒަފަކު ހިމެނެ އެވެ. އަދި އެ ރަށުގައި ބަލިއޮތްކަން މިންވަރު ދެނެގަތުމަށް ގިނަ ބައެއްގެ ސާމްޕަލް މިހާރު ވަނީ ނަގައިފަ އެވެ.

ހިންނަވަރުގެ އިތުރުން އެ އަތޮޅު ނައިފަރުގައި ވެސް ކޮވިޑް މިހާރު ވަނީ ފެތުރިފަ އެވެ.