Roadha Mihaaru
10 ދުވަސް ފަހުން ކޮވިޑް މަރެއް ށ. ފުނަދޫން

10 ދުވަސް ފަހުން ކޮވިޑް މަރެއް ށ. ފުނަދޫން

11 ޖުލައި 2021

ކޮވިޑް-19 ޖެހިގެން މީހަކު މަރުނުވާތާ 10 ދުވަސް ފަހުން އެ ބަލީގައި ރޭ މީހަކު މަރުވެ މިހާތަނަށް ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު 214 އަށް އަރައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ކޮވިޑް-19 ޖެހިގެން މީހަކު މަރުނުވާތާ 10 ދުވަސް ފަހުން އެ ބަލީގައި ރޭ މީހަކު މަރުވެ މިހާތަނަށް ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު 214 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ ށ. އަތޮޅު ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ މެންދަމުން އަލިވެ 3:00 ހާއިރު މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މިއީ މި މަހު ކޮވިޑްގެ ތިން ވަނަ މަރެވެ. މި މަހުގެ ފުރަތަމަ ދުވަހު ކޮވިޑްގައި ދެ މީހަކު މަރުވެފައިވެ އެވެ.

މިދިޔަ މޭ މަހު ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން އެޗްޕީއޭ އިން ވަނީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކާފިއު ހިންގައި ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ނަމަވެސް ކޭސްތައް ވަރަށް ބޮޑަށް މަދުވުމާ އެކު މިހާރު ވަނީ ލުއިތައް ދީ ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭނެ އުސޫލުތަކެއް ވެސް ހަމަޖައްސައިފަ އެވެ.

ރާއްޖޭން މިހާތަނަށް 74,993 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު 72,118 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން އެކްޓިވް ކޭސްތައް 20،000 އަށް ވުރެ މައްޗަށް އެރުމަށް ފަހު މިހާރު ވަނީ 2،000 އަށް ވެއްޓިފަ އެވެ.