Roadha Mihaaru
މައުންޓާ މެދު ސުވާލެއް ނުއުފެއްދޭނެ: ސައުތުގޭޓް

މައުންޓާ މެދު މިހާރު ސުވާލެއް ނުއުފެއްދޭނެ: ސައުތުގޭޓް

29 މާޗް 2021

ލަންޑަން (މާޗް 29) - ޗެލްސީގެ ޒުވާން ތަރި މޭސަން މައުންޓަކީ ސުވާލު އުފެއްދޭ ވަރުގެ ކުޅުންތެރިއެއް ނޫން ކަމަށާއި މިހާރު އޭނާގެ ހުނަރާއި ކުޅުމުގެ ފެންވަރުން އެކަން އެބަ ސާބިތުކޮށްދޭ ކަމަށް އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ލަންޑަން (މާޗް 29) - ޗެލްސީގެ ޒުވާން ތަރި މޭސަން މައުންޓަކީ ސުވާލު އުފެއްދޭ ވަރުގެ ކުޅުންތެރިއެއް ނޫން ކަމަށާއި މިހާރު އޭނާގެ ހުނަރާއި ކުޅުމުގެ ފެންވަރުން އެކަން އެބަ ސާބިތުކޮށްދޭ ކަމަށް އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އުމުރުން 22 އަހަރުގެ މައުންޓަށް ޗެލްސީ ޓީމުން ގަވާއިދުން ފުރުސަތު ލިބެން ފެށީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުންނެވެ. ޗެލްސީން ޖެނުއަރީ މަހު ލަމްޕާޑް ވަކިކޮށް ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލްއާ ޓީމު ހަވާލުކުރުމާ އެކީ މީޑިއާގައި ވާހަކަ ދެކެވުނީ މައުންޓަށް ޗެލްސީގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވާނެ ކަމަށް ބުނެ އެވެ. އެކަމަކު މައުންޓް ވަނީ ޗެލްސީގެ ކޯޗުކަމުގައި ޓުޗެލް ހުރެ މިހާތަނަށް ނުކުތް ނުވަ ލީގު މެޗުގެ ތެރެއިން އަށް މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެެވެ.

އިންގްލެންޑުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މައުންޓް ވަނީ ލަނޑު ވެސް ޖަހައިފަ އެވެ. ރޭ އަލްބޭނިއާ ކޮޅަށް އިންގްލެންޑްގެ ދެ ވަނަ ގޯލު ޖެހީ ވެސް މައުންޓް އެވެ. މެޗަށް ފަހު ސައުތުގޭޓް ވަނީ މައުންޓްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"ކުރިން ވެސް އަހަރެން ބުނިން އޭނަ (މައުންޓް) އަކީ މޮޅު ކުޅުންތެރިއެއް ކަމަށް. އެކަމަކު އޭރު އެއީ މާ ގިނަ ބަޔަކު ޝައުގުވެރިވި ވާހަކައެއް ނޫން. ސަބަބުތަކެއް ވެސް މީޑިއާ އިން ދެއްކި. އެކަމަކު މިހާރު ޓުޗެލް އައިސް ވެސް މައުންޓަށް ފުރުސަތު ދީ އޭނާގެ މޮޅު ކުޅުން ފެންނާތީ މިހާރު ގިނަ ބަޔަކު އެއްބަސްވޭ އަހަރެމެން ދައްކާ ވާހަކަ އަށް. އަހަރެން ދެކޭ ގޮތުގައި މައުންޓްގެ ފުޓްބޯޅަ ހުނަރާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް،" ސައުތުގޭޓް ބުންޏެވެ.

މައުންޓް އެންމެ ފުރަތަމަ އިންގްލެންޑުގެ ސީނިއާ ޓީމުގައި ހިމެނުނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގަ އެވެ. އޭނާ ރަސްމީކޮށް އިންގްލެންޑަށް ފުރަތަމަ މެޗެއް ކުޅެދިނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޔޫރޯ ކޮލިފައިންގައި ބަލްގޭރިއާއާ ދެކޮޅަށެވެ. މައުންޓް އިންގްލެންޑަށް ފުރަތަމަ ގޯލު ޖަހައިދިނީ އެ އަހަރު ނޮވެމްބަރު މަހު ޔޫރޯ ކޮލިފައިންގައި ކޮސޯވޯ ކޮޅަށެވެ.

ސައުތުގޭޓް ބުނީ މި ފަަހަރުގެ ޔޫރޯ އަށް އިންގްލެންޑް ޓީމެއް ނެގުން ވާނީ މިހާތަނަށް އޭނާ އެ ޓީމާ ހަވާލުވި ފަހުން ކުރަން ޖެހޭނެ އެންމެ އުނދަގޫ ކަންތައް ކަމަށާއި ވަކިވަކި މަގާމުތަކަށް ބެލިޔަސް ގައުމީ ޓީމުން ޖާގައެއް ހައްގުވާ ކުޅުންތެރިން ވަރަށް ގިނަ ކަމަށެވެ.