Roadha Mihaaru
ވޯލްޑް ކަޕް ހޯދާ ވާހަކަ ދައްކަން ސައުތުގޭޓަށް ނުކެރުނު

ވޯލްޑް ކަޕް ހޯދާ ވާހަކަ ދައްކަން ސައުތުގޭޓަކަށް ނުކެރުނު

13 ޖުލައި 2021

ލަންޑަން (ޖުލައި 13) - އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދުމުގެ ވާހަކަ ދައްކަން މި ވަގުތު މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް، ޔޫރޯ ފައިނަލުގައި ނާކާމިޔާބުވި އިންގްލެންޑުގެ ކޯޗު ގެރެތު ސައުޓްގޭޓް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ޖުލައި 13) - އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދުމުގެ ވާހަކަ ދައްކަން މި ވަގުތު މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް، ޔޫރޯ ފައިނަލުގައި ނާކާމިޔާބުވި އިންގްލެންޑުގެ ކޯޗު ގެރެތު ސައުޓްގޭޓް ބުނެފި އެވެ.

އިންގްލެންޑުގެ ފުޓްބޯލް އެސޯސިއޭޝަނުން، މާ ކުރިން ވެސް ޓާގެޓްކޮށްފައި އޮތީ 2022 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށެވެ. ޕެނަލްޓީ ޖަހައިން އިޓަލީ އަތުން ބަލިވި ޓީމުގެ ކޯޗު ހުރީ މި ވަގުތު އެ ވާހަކަ ދައްކަން ތައްޔާރު ވެގެނެއް ނޫނެވެ.

ވޯލްޑް ކަޕު 2018 ގެ ހަތަރު ވަނަ ހޯދައި، 2019 ގެ ނޭޝަން ލީގުގެ ތިން ވަނަ ހޯދައި އަދި މި އަހަރުގެ ޔޫރޯގެ ފައިނަލަށް ދަތުރު ކުރުމުން އިންގްލެންޑުން ހޯދި ކުރިއެރުން ރަނގަޅު ކަމަށް ސައުތުގޭޓް ބުންޏެވެ.

"ދެން އަހަރެމެން ގޮސް ވޯލްޑް ކަޕް ހޯދާނަމޭ ބުނަން އެއީ ފަސޭހަ ކަމެއް. އެކަމަކު އަހަންނަށް ހިއެއް ނުވޭ އެއީ އެންމެ ރަނގަޅު ވާހަކައެއްހެން މި ވަގުތު ދައްކަން،" ސައުތުގޭޓް ބުންޏެވެ. "އަދި އެއީ ވަރަށް ދިގު ދަތުރެއް. އަދި އަހަރެމެން ޖެހޭނެ ކޮލިފައިވާން."

ވޯލްޑް ކަޕް ކޮލިފައިގައިން މިހާތަނަށް ތިން މެޗު ކުޅުނު އިރު އިންގްލެންޑް އޮތީ ގުރޫޕުގެ އެއް ވަނައިގަ އެވެ.

ޔޫރޯގައި ނާކާމިޔާބު ވިއަސް، އިންގްލެންޑް އެފްއޭގެ ޗީފް އެގެޒެކެޓިވް މާކު ބުލިންހަމް ދައްކަވަނީ، ސައުތުގޭޓްގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތަކެވެ. ސައުތުގޭޓްއާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު ނޮވެމްބަރު ޑިސެމްބަރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު އެވެ. އިނގިރޭސި އެފްއޭގެ ވިސްނުން ހުރީ ޖަރުމަންގައި 2024 ގައި ބާއްވާ ޔޫރޯގެ ނިޔަލަށް ސައުތުގޭޓްގެ ކޮންޓްރެކްޓް އާ ކުރުމަށެވެ.

"އަހަންނަކަށް ހިއެއް ނުވޭ މިއީ އެހެން އެއްވެސް ކަމަކާ ވިސްނަން އެންމެ ރަނގަޅު ވަގުތު ހެނެއް،" ސައުތުގޭޓް ބުންޏެވެ. "އަހަރެމެން ޖެހޭނެ ގަތަރު ވޯލްޑް ކަޕަށް ކޮލިފައިވާން."