Roadha Mihaaru
ޓެމީ އަބްރަހަމް އަލުން އިންގްލެންޑް ސްކޮޑަށް ނަގައިފި

އެންމެ ފަހު ވަގުތު އިންގްލެންޑް ސްކޮޑުން ޓެމީ އަބްރަހަމަށް ޖާގަދީފި

05 އޮކްޓޯބަރ 2021

ލަންޑަން (އޮކްޓޯބަރު 5) - ކުރިޔަށް އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑް ކުޅޭ މެޗުތަކަށް އިޓަލީގެ އޭއެސް ރޯމާ އަށް ކުޅޭ 24 އަހަރުގެ ފޯވަޑް ޓެމީ އަބްރަހަމް ނަގައިިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮކްޓޯބަރު 5) - ކުރިޔަށް އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑް ކުޅޭ މެޗުތަކަށް އިޓަލީގެ އޭއެސް ރޯމާ އަށް ކުޅޭ 24 އަހަރުގެ ފޯވަޑް ޓެމީ އަބްރަހަމް ނަގައިިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކޮލިފައިން އަށް ކޯޗު ގެރެތު ސައުތުގޭޓް އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުން އަބްރަހަމަށް ޖާގަ ނުލިބުނު ނަމަވެސް އޭނާއާ އެކު ސްކޮޑުގައި މިހާރު 24 ކުޅުންތެރިން ހިމެނޭނެ އެވެ.

މި ސީޒަނުގައި އިނގިރޭސިވިލާތުގެ ޗެލްސީން 40 މިލިއަން ޔޫރޯއަށް ރޯމާއަށް ބަދަލުވެ، އަބްރަހަމް ވަނީ އެ ޓީމަށް ކުޅުނު 10 މެޗުގައި ހަތަރު ގޯލު ޖަހައި، ދެ ގޯލު ޖަހަން އެހީވެފަ އެވެ. އަދި އޭނާއަކީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި ވެސް ހިމެނޭ މުހިއްމު ކުޅުންތެރިއެކެވެ.

މި އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކޯޗު ސައުތުގޭޓް ނެގި ސްކޮޑުން ބާކިވި އަބްރަހަމް އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅުނީ 2020 ވަނަ އަހަރު އެވެ. އޭގެ ކުރިން 2017 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އަބްރަހަމް ވަނީ މިހާތަނަށް އިންގްލެންޑަށް ހަ މެޗު ކުޅެދީ، އެއް ގޯލު ޖަހައިފަ އެވެ.

ރަނގަޅު ފޯމެއްގައި ހުރި އަބްރަހަމް ގައުމީ ޓީމަށް ނުނަގާތީވެ، މޮރީނިއޯ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ވާހަކަ ދައްކައިފަ އެވެ. މޮރީނިއޯ މަސައްކަތްކުރަނީ ސައުތުގޭޓަށް ބޭނުންތެރި ސްޓްރައިކަރެއް އުފައްދަން ކަމަށާއި، އަބްރަހަމްގެ ކުޅުން ސައުތުގޭޓަށް ނުފެންނަ ނަމަ އިންގްލެންޑް ދޫކޮށް ނައިޖީރިއާ ގައުމީ ޓީމާ އޭނާ ގުޅެން ވެސް މޮރީނިއޯ ލަފާ ދޭކަމަށް އިޓަލީގެ މީޑިއާތަކުން ބުނެ އެވެ.

ފުރަތަމަ ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ޗެލްސީގެ ރީސް ޖޭމްސް ހިމަނާފައިވީ ނަމަވެސް، އަނިޔާއިން ސަލާމަތް ނުވާތީވެ އޭނާގެ ބަދަލުގައި މިހާރު ވަނީ ހަމަ އެ ޓީމުގެ ބެން ޗިލްވެލް އަށް ފުރުސަތު ދީފަ އެވެ. ކޮލިފައިން އަށް އެކުލަވާލި ކުޅުންތެރިންގެ ތެރޭގައި އޭސީ މިލާނަށް ކުޅޭ ޑިފެންޑަރު ފިކަޔޯ ޓޮމޯރީ އާއި އެސްޓަން ވިލާގެ އޮލީ ވަޓްކިންސް އަދި އާސެނަލް އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ކުޅެމުން އަންނަ އާރޮން ރަމްސްޑަލޭ ވެސް ވަނީ ހިމަނައިފަ އެވެ.

ކޮލިފައިންގައި އިންގްލެންޑް ހިމެނޭ ގުރޫޕުގެ އެއްވަނައިގައި މި ވަގުތު އެ ޓީމު އޮތީ 16 ޕޮއިންޓާ އެކު އެވެ. ހަ ޓީމު ހިމެނޭ ގުރޫޕުގައި އިންގްލެންޑަށް ބާކީ ހަތަރު މެޗު އޮތްއިރު، މި ފެށުނު އިންޓަނޭޝަނަލް ބްރޭކުގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ އެންޑޯރާއާ ދެކޮޅަށެވެ.