Roadha Mihaaru
މާ ބޮޑަށް ލަސްނުވަނީސް ފިޔަވަޅު އަޅާ: މައުމޫން

ކޮވިޑް:19- ކޭސްތައް އިތުރުވަނީ ކަންބޮޑުވާ ވަރަށް، މާ ބޮޑަށް ލަސްނުވަނީސް ފިޔަވަޅު އަޅާ: މައުމޫން

02 އެޕްރީލް 2021

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ދަނީ ކަންބޮޑުވާން ޖެހޭ ދަރަޖަ އަށް ކަމަށް ވިދާޅުވެ، ލަސްނުވަނީސް ހަރުކަށި ފިޔަވަޅުތައް އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މިއަދު ގޮވާލައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ދަނީ ކަންބޮޑުވާން ޖެހޭ ދަރަޖަ އަށް ކަމަށް ވިދާޅުވެ، ލަސްނުވަނީސް ހަރުކަށި ފިޔަވަޅުތައް އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މިއަދު ގޮވާލައްވައިފި އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވިއިރު، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދަށް ޚާއްސަކުރި ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭ އިން އިއްޔެ ވަނީ ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ކޮންމެ ރެއެއްގެ 11 އިން ފަތިސް ވަންދެން އިއުލާން ކޮށްފައި އޮންނަ ކާފިއު އުވައިލުމާއި ކެފޭ/ރެސްޓޯރަންޓުތައް އާންމު އުސޫލުން ހުޅުވައިލުމާއި ސިނަމާތަކާއި ތިއޭޓަރުތަކާއި ދުވާ ޓްރެކާއި ޑޭކެއާ ސެންޓަރުތައް ޖިމް ކްލާސްތައް ހުޅުވުން ހިމެނެ އެވެ. މީގެ އިތުރުން ހުރިހާ ގްރޭޑްތަކެއްގެ ކުދިން ސްކޫލަށް ހާޒިރުވެގެން ކިޔެވުމާއި ގައިދުރުކަމެއް ނެތި މިސްކިތްތަކުގައި ނަމާދުކުރުން ވެސް މިހާރު ވަނީ ހުއްދަ ކޮށްފަ އެވެ.

ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ދަނީ ކުރިއަށް ވުރެ ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އެކަނިވެސް 300 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިއީ ރެކޯޑް އަދަދެކެވެ. މިދިޔަ ބުދަ ދުވަހު ވެސް ކޮވިޑް ކޭސްތައް ހުރީ 250 އިން މަތީގަ އެވެ.

މާލެ ސަރަހައްދަށް ވުރެ ބޮޑަށް ކޮވިޑް ކޭސްތައް މިހާރު ގިނަވަމުން ދަނީ އެހެން ރަށްރަށުގަ އެވެ.

އެޗްޕީއޭ ޓެގް ކުރައްވައި، މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަންކަން ސަމާލު ކަމަށް ގެންނަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑް ކޭސްތައް އިތުރު ވަނީ ކަންބޮޑުވާ މިންވަރަކަށެެވެ. އަދި މާ ލަސްވުމުގެ ކުރިން ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

މައުމޫން ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން އެ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ލުއިކުރާ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް މައުމޫންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހާމަކުރައްވަ އެވެ.

އެޗްޕީއޭ އިން ލުއިދިން ކަންކަން:

- ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވައިލުން.

- ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވައިލުން.

- ދުވާ ޓްރެކްތައް ހުޅުވައިލުން.

- ޔުނިވާސިޓީތަކާއި ކޮލެޖްތައް ހުޅުވައިލުން.

- ޖިމްތަކާއި ކަސްރަތު ކުލާސްތައް ހުޅުވައިލުން.

- ޑޭކެއާގެ ހިދުމަތް ހުޅުވައިލުން.

- ޕްރީ ސްކޫލުތަކާއި ނާސަރީ ކުލާސްތައް ހުޅުވައިލުން.

- މާލޭ ސަރަހައްދުގައި އޮތް ކާފިއު އުވައިލުން.

ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އުވާލި ނަމަވެސް ރަށްރަށަށް ދަތުރުކުރުމުގައި އޮތް އުސޫލާއި ކައިވެނި ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި އެއްތަނަކަށް ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުމާއި ކަރަންޓީން ވުމުގައި އޮތް އުސޫލު އަދިވެސް ވަނީ ދަމަހައްޓައިފަ އެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރުމުގައި 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރު ޓެސްޓް އޮތުމާއި ޓޫރިސްޓުން ފިޔަވައި ރާއްޖެ އިން ބޭރުން އަންނަ މީހުން 10 ދުވަހަށް ކަރަންޓީން ވާން އަދިވެސް ޖެހޭނެ އެވެ.