Roadha Mihaaru

ބާސެލޯނާ ދޫކޮށް އަލްވެސް ޔުވެންޓަސްއާ ދިމާލަށް

ބާސެލޯނާ (ޖޫން 3) - ބާސެލޯނާގެ ބްރެޒިލް ޑިފެންޑަރު ޑެނިއަލް އަލްވެސް އެ ކްލަބް ދޫކޮށްލަން ނިންމައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވުމާ ގާތަށް ޖެހިލައިފި އެވެ.

ބާސެލޯނާ ދޫކޮށް އަލްވެސް ޔުވެންޓަސްއާ ދިމާލަށް
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

03 ޖޫން 2016

ބާސެލޯނާ (ޖޫން 3) - ބާސެލޯނާގެ ބްރެޒިލް ޑިފެންޑަރު ޑެނިއަލް އަލްވެސް އެ ކްލަބް ދޫކޮށްލަން ނިންމައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވުމާ ގާތަށް ޖެހިލައިފި އެވެ.

ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ރޮބާޓް ފެނާންޑޭޒް ވަނީ އަންނަ ސީޒަނުގައި އަލްވެސް އެ ކްލަބުން ނުފެންނާނެކަން ކަށަވަރުކޮށްދީފަ އެވެ. ފަހުން އަލްވެސް ވަނީ ހާއްސަ ސިޓީއަކުން، ކްލަބާއި ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފަ އެވެ.

އަލްވެސް ބުނީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ މުހިއްމު ކާމިޔާބީތައް ހާސިލްކުރެވުނީ ބާސެލޯނާއާ 2008 ވަނަ އަހަރު ގުޅުނު ހިސާބުން ފެށިގެން ކަމަށާއި އަދި ފުޓްބޯޅައިން ލިބޭނެ ހުރިހާ ހިތްހަމަޖެހުމަކާއި އުފަލެއް އެ ކްލަބާ އެކު ލިބިފައިވާ ކަމަށެވެ.

"ހަޔާތުގައި އާ ގޮންޖެހުމަކާ ކުރިމަތިލުމުގެ ބޭނުމުގައި މިއަދު ކްލަބާ މިވަކިވަނީ. އެކަމަކު އަހަރެން އެނބުރި އަންނާނަން،" އަލްވެސް ބުނެފައިވެ އެވެ. "ބާސެލޯނާ އަށް ކުޅުމަކީ އަހަންނަށް ލިބުނު ޝަރަފަކާއި ފަހުރެއް."

ބާސެލޯނާ އިން ބުނީ އަލްވެސް އަކީ ކްލަބަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރި ކުޅުންތެރިއެއް ކަމަށާއި އެ ކްލަބާ އެކު 23 ތަށި ކާމިޔާބުކޮށް ސަޕޯޓަރުންގެ ލޯބި ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

ބާސެލޯނާގެ ބްރެޒިލް ޑިފެންޑަރު އަލްވެސް.

ބާސެލޯނާގެ ބްރެޒިލް ޑިފެންޑަރު އަލްވެސް.

ސްޕެއިނުގެ ސެވިއްޔާއާ އެކު ޔުއެފާ ކަޕާއި ސްޕެނިޝް ކަޕް ކާމިޔާބުކުރުމަށް ފަހު އަލްވެސް 2008 ވަނަ އަހަރު ބާސެލޯނާއާ ގުޅުނުއިރު އޭނާ އަކީ އެ ކްލަބަށް ދެ ވަނަ އަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ބިދޭސީ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ބާސެލޯނާއާ އެކު 23 މުބާރާތް ކާމިޔާބުކޮށްފަ އެވެ. ސްޕެނިޝް ލީގު ހަ ފަހަރު ކާމިޔާބުކުރިއިރު ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހާސިލްކުރި އެވެ.

އަލްވެސް ގެންދަން މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީން ވެސް މަސައްކަތްކުރަމުން އަންނައިރު އިޓަލީ އަދި ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ ރޭގެ ވަގުތެއްގައި ލޮސް އެންޖެލްސްގައި ޔުވެންޓަސްއާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކަނާތު ބެކް އަލްވެސް، 33، ވަނީ ބްރެޒިލް ގައުމީ ޓީމަށް 90 މެޗު ކުޅެދީ އެ ޓީމާ އެކު ކޮޕާ އެމެރިކާ އަދި ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފަ އެވެ.