Roadha Mihaaru
ކާތިކްގެ ލޯބީގެ ފިލްމަށް ޝްރަދާ ނުނެގީ އަގު ބޮޑުކަމުން

ކާތިކްގެ ލޯބީގެ ފިލްމަށް ޝްރަދާ ނުނެގީ އަގު ބޮޑުކަމުން

29 އޯގަސްޓް 2021

ދާދި ފަހުން އިއުލާންކުރި ކާތިކް އާރިޔަންގެ ލޯބީގެ ފިލްމު "ސަތިއަނާރަޔަން ކީ ކާތާ" ގެ ބަތަލާ ރޯލަށް ޝްރަދާ ކަޕޫރް ނުނެގީ އޭނާ ފިލްމުން ޑިމާންޑްކުރި އަގު ބޮޑުވެގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން އިއުލާންކުރި ކާތިކް އާރިޔަންގެ ލޯބީގެ ފިލްމު "ސަތިއަނާރަޔަން ކީ ކާތާ" ގެ ބަތަލާ ރޯލަށް ޝްރަދާ ކަޕޫރް ނުނެގީ އޭނާ ފިލްމުން ޑިމާންޑްކުރި އަގު ބޮޑުވެގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ސަމީރު ވިދުވަންސް ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާއަކަށް ޝްރަދާ ގެންނަން ސާޖިދު ވަރަށް ބޭނުންވި ކަމަށެވެ. ސަބަބަކީ އޭނާ އާއި ކާތިކް އަދި މިހާތަނަށް އެއް ފިލްމަކުން ފެނިފައި ނުވުމެވެ.

ނަމަވެސް ޝްރަދާ ފިލްމުން ޑިމާންޑްކުރީ 10 ކްރޯޑް ރުޕީސް (1.36 މިލިއަން ޑޮލަރު) ކަމަށާއި އެއަށް ވުރެ ކުޑަކޮށް ފިލްމަށް އެއްބަސްވާން އެއްބަސްނުވުމުން އެހެން ބަތަލާއަކާ ދޭތެރޭ ވިސްނަން މަޖުބޫރުވީ ކަމަށެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޝްރަދާ އަގު ކުޑަކުރޭތޯ ސާޖިދުގެ ޓީމުން ވަރަށް މަސައްކަތްކުރި އެވެ. އެގޮތުން 7.5 ކްރޯޑް ރުޕީސް (1.02 މިލިއަން ޑޮލަރު) ދޭން ހުށަހެޅި ކަމަށް ވެސް ބުންޏެވެ. އެކަމަކު އެ އަގަށް ވެސް އޭނާ އެއްބަސްނުވުމުން ޝްރަދާ ފިލްމަށް ގެނައުމުގެ ހިޔާލު ދޫކޮށްލީ އެވެ.

ސާޖިދު ޕްރޮޑިއުސްކުރި ފިލްމަކަށް ޝްރަދާ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ޓައިގާ ޝްރޮފްގެ "ބާގީ 3" އެވެ. އެ ފިލްމު އޭނާ ކުޅުނީ 4 ކްރޯޑް ރުޕީސް (544,242 ޑޮލަރު) އަށެވެ. ޝްރަދާ މިހާރު އަންނަނީ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެއްގެ މަސައްކަތް ރަންބީރް ކަޕޫރާ އެކު ކުރަމުންނެވެ. އޭނާ ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ޗަލްބާޒް އިން ލަންޑަން" އަދި "ނާގިން" ޓްރިލޮޖީ ހިމެނެ އެވެ.

މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ "ސަތިއަނާރަކަން ކީ ކާތާ" ގެ ބަތަލާއަކަށް މިހާރު ހަމަޖައްސާފައި ވަނީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކިއާރާ އަދުވާނީ އެވެ. އޭނާ މިހާރު ވެސް އަންނަނީ ކާތިކާ އެކު "ބޫލް ބުލައްޔާ 2" ގެ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ކިއާރާ އާންމުކޮށް ފިލްމެއް ކުޅެދެނީ 2-2.5 ކްރޯޑް ރުޕީސް (272,121-340,151 ޑޮލަރު) އަށެވެ.

"ސަތިއަނާރަޔަން ކީ ކާތާ" ގެ ނަން ބަދަލުކުރަން ފިލްމުގެ ޓީމުން ނިންމައި، އަދި އާ ނަން ހާމައެއްނުކުރެ އެވެ. މިއީ އަންނަ އަހަރު ރިލީޒްކުރާނެ ފިލްމެކެވެ.