Roadha Mihaaru
ސުއޭޒް ކެނަލް އިން ހަތް ބިލިއަން ޑޮލަރު ލިބޭނެ

ސުއޭޒް ކެނަލް އިން މި އަހަރު ހަތް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ

23 މެއި 2022

ގާހިރާ (މެއި 23) - މިސްރުގެ ސުއޭޒް ކެނަލް އިން މި އަހަރު ހަތް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު މާއިތު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ގާހިރާ (މެއި 23) - މިސްރުގެ ސުއޭޒް ކެނަލް އިން މި އަހަރު ހަތް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު މާއިތު ވިދާޅުވެއްޖެ އެވެ.

ސުއޭޒް ކެނަލަކީ ގިނަ އަދަދެއްގެ ބޯޓުފަހަރު ދަތުރުކުރުމުގައި ބޭނުންކުރާ، ދުނިޔޭގެ ވިޔަފާރީގެ އެންމެ ކާރުބާރު ބޮޑު ރޫޓެވެ.

މިސްރުގެ މާލީ ހާލަތަށް ރިޔާއަތް ކުރައްވައި، ޑރ. މާއިތު ވިދާޅުވީ ޔޫކްރޭންގެ ހަނގުރާމައިގެ ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް މިސްރުގެ މި ހިނގާ މާލީ އަހަރުގެ ތެރޭ ޓޫރިޒަމްގެ ސިނާއަތުން 10 -12 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސުއޭޒް ކެނަލް އަކީ ޔޫރަޕާއި އޭޝިއާއާ ދެމެދު އެންމެ އަވަސް ދަތުރުތައް ކުރެވޭ ރޫޓެވެ. އަދި އެއީ މިސްރުގެ ސަރުކާރަށް ބޭރުގެ ފައިސާ ލިބޭ އެންމެ ބޮޑު ވަސީލަތެވެ.

މާޗް، 2021 ގައި ވަނީ "އެމްވީ އެވަ ގިވަން" ކޮންޓެއިނާ ބޯޓު ސުއޭޒް ކެނަލް ތެރޭގައި ތާށިވެފަ އެވެ. އެ ހާދިސާއާ ގުޅިގެން 200 އެއްހާ މީޓަރު ހަނި އެ ކެނަލް އެއްކޮށް ބަންދުވި އެވެ.

ސުއޭޒް ކެނަލްގައި އެމްވީ އެވަ ގިވަން ތާށިވި މަންޒަރުގެ ސެޓަލައިޓް ފޮޓޯއެއް. --ފޮޓޯ: މެކްޒާ ޓެކްނޮލޮޖީސް

ސުއޭޒް ކެނަލްގައި އެމްވީ އެވަ ގިވަން ތާށިވި މަންޒަރުގެ ސެޓަލައިޓް ފޮޓޯއެއް. --ފޮޓޯ: މެކްޒާ ޓެކްނޮލޮޖީސް

ގްލޯބަލް ސަޕްލައި ޗެއިންގައި ބޮޑު ދައުރެއް އޮންނަ ސުއޭޒް ކެނަލް ބަންދުވުމާ އެކު ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ 300 އަށް ވުރެ ގިނަ ބޯޓު ކިޔޫ ޖެހުނެވެ. މި ކަމުގެ އަސަރު ގިނަ ވިޔާފާރިތަކަށް ވެސް ކުރިއެވެ. އަދި އެ ހާދިސާއާ ގުޅިގެން މިސްރު ސަރުކާރަށް 90 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ގެއްލުން ލިބުނު ކަމަށް ސުއޭޒް ކެނަލް އޮޕަރޭޓްކުރާ ކުންފުނިން ވަނީ ބުނެފަ އެވެ.