Roadha Mihaaru

ރާޖްކުމާރު ރާއޯގެ އުންމީދަކީ އިރުފާން ޚާން ކަހަލަ އެކްޓަރަކަށްވުން

މިދިޔަ އަހަރު މަރުވި އެކްޓަރު އިރުފާން ޚާންގެ ކެރިއަރަށް ބަލައިފި ނަމަ ސާބިތުވާން އޮންނާނީ އޭނާ އަކީ އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރެއިން އެކެއްގެ ގޮތުގަ އެވެ. އިރުފާން ކުޅެފައިވާ ފިލްމުތަކުގެ ލިސްޓް ބަލާލައިފި ނަމަ އެކަމާ ދެބަހެއް ނުވެވޭނެ އެވެ. އަނެއްކޮޅުން އިރުފާނަކީ ހަމައެކަނި އިންޑިއާގެ ފިލްމުތަކެއް ކުޅުނު އެކްޓަރެއް ނޫނެވެ. އޭނާ އަކީ އިންޑިއާގެ ތަރިންގެ ތެރެއިން ބައިނަލްއަގްވާމީ ފިލްމީ މައިދާނުގައި ސަމާލުކަން ހޯދި މަދު ފަންނާނުންގެ ތެރެއިން އެކެކެވެ.

ރާޖްގެ އުންމީދަކީ އިރުފާން ކަހަލަ އެކްޓަރަކަށްވުން
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

06 އެޕްރީލް 2021

މިދިޔަ އަހަރު މަރުވި އެކްޓަރު އިރުފާން ޚާންގެ ކެރިއަރަށް ބަލައިފި ނަމަ ސާބިތުވާން އޮންނާނީ އޭނާ އަކީ އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރެއިން އެކެއްގެ ގޮތުގަ އެވެ. އިރުފާން ކުޅެފައިވާ ފިލްމުތަކުގެ ލިސްޓް ބަލާލައިފި ނަމަ އެކަމާ ދެބަހެއް ނުވެވޭނެ އެވެ. އަނެއްކޮޅުން އިރުފާނަކީ ހަމައެކަނި އިންޑިއާގެ ފިލްމުތަކެއް ކުޅުނު އެކްޓަރެއް ނޫނެވެ. އޭނާ އަކީ އިންޑިއާގެ ތަރިންގެ ތެރެއިން ބައިނަލްއަގްވާމީ ފިލްމީ މައިދާނުގައި ސަމާލުކަން ހޯދި މަދު ފަންނާނުންގެ ތެރެއިން އެކެކެވެ.

އިރުފާނާގެ ހުނަރާއި ކާމިޔާބީތަކަށް އިޝާރާތްކޮށް ބޮލީވުޑްގައި މިހާރު ތިބި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖްކުމާރު ރާއޯ ބުނި ގޮތުގައި އޭނާގެ އުންމީދަކީ އިރުފާން ކަހަލަ އެކްޓަރަކަށްވުމެވެ.

"އަހަރެން އަބަދު ވެސް ވަރަށް ސަޕޯޓްކުރި އެކްޓަރެއް އެއީ. އަދި އެކްޓިން ރަނގަޅު އަބަދު ވެސް ނަމޫނާއެއްގެ ގޮތުގައި ބެލި އަދި ކުރިއަށް އޮތް ތަނުގައި ބަލާނެ ވެސް މީހެއް އިރުފާނަކީ،" އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އިއަންސް) ދިން އިންޓަވިއުއެއްގައި ރާޖް ބުންޏެވެ. "އަހަރެންގެ ފިލްމޯގްރަފީ ބައްޓަންކުރަން ބޭނުން ވަނީ އިރުފާންގެ ފިލްމޯގްރަފީއާ އެއްގޮތަށް."

ވަރަށް ތަފާތު އެކި ކަހަލަ ރޯލުތައް މިހާތަނަށް ކުޅެގެން އާންމުންގެ ލޯބި ހޯދި 36 އަހަރުގެ އެކްޓަރު ބުނި ގޮތުގައި އިރުފާން ދުނިޔޭގައި ހުރި ނަމަ އޭނާގެ ގާތުން އެކްޓިން ދަސްކުރަން މާސްޓަކްލާސް ނެގުމަކީ ވެސް ކުރާނެ ކަމެކެވެ.

"ވަރަށް މޮޅު އެކްޓަރެއް އެއީ." ރާޖް ބުންޏެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރާޖަކީ ވެސް ވަރަށް މޮޅު އެކްޓަރެއްގެ ގޮތުގައި ބެލުންތެރިން ފާހަގަކުރާ ތަރިއެކެވެ. އެކަމަކު އޭނާ އަކީ އަދި ބަޔަކަށް އެކްޓިން ކިޔަވައިދެވޭހާ މޮޅު މީހެއް ކަމަށް ގަބޫލުނުކުރާ ކަމަށް ބުންޏެވެ.

"އިންޑަސްޓްރީގައި އެބަތިބި އަހަރެމެން ކަހަލަ މީހުން ދަރިވަރުވާން އެކަށޭނެ އެތަކެއް ފަންނާނުންނެއް." އެކްޓިން އަށް ލޯބި ޖެހުނީ ޝާހްރުކް ޚާންގެ ސަބަބުން ކަމަށް ބުނާ ރާޖް ބުންޏެވެ.

ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ހޮރޯ-ކޮމެޑީ "ރޫހީ" އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހަމް ދޯ ހަމާރޭ ދޯ" އާއި "ބަދާއީ ދޯ" ހިމެނެ އެވެ.