Roadha Mihaaru

ދަރިފުޅު ބާބިލްއާ އެކު ފިލްމެއް ހަދަން އިރުފާން އުޅުނު

މިދިޔަ އަހަރު އިންޑިއާގެ އެކްޓަރު އިރުފާން ޚާން މަރުވި އިރު، ދަރިފުޅު ބާބިލް ޚާނާ އެކު ފިލްމެއްގެ މަސައްކަތްކުރުމުގެ ވިސްނުންތަކެއް ވަރަށް ސީރިއަސްކޮށް ގެންގުޅުނު ކަމަށް އޭނާގެ ހުވަފަތް އަންހެނުން ސުތާޕާ ސިކްދާރް ބުނެފި އެވެ.

ދަރިފުޅު ބާބިލްއާ އެކު ފިލްމެއް ހަދަން އިރުފާން އުޅުނު
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

29 އެޕްރީލް 2021

މިދިޔަ އަހަރު އިންޑިއާގެ އެކްޓަރު އިރުފާން ޚާން މަރުވި އިރު، ދަރިފުޅު ބާބިލް ޚާނާ އެކު ފިލްމެއްގެ މަސައްކަތްކުރުމުގެ ވިސްނުންތަކެއް ވަރަށް ސީރިއަސްކޮށް ގެންގުޅުނު ކަމަށް އޭނާގެ ހުވަފަތް އަންހެނުން ސުތާޕާ ސިކްދާރް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބާބިލް އެކްޓިން އަށް ނުކުންނަން ތައްޔާރަށް ހުރި ނަމަ، އިރުފާން ގެންދިޔައީ ބައްޕައެއްގެ ހައިސިއްޔަތުން ދަރިފުޅުގެ ކެރިއަރު ބިނާކުރާނެ ގޮތަކާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަމުން ކަމަށެވެ. އެގޮތުން ބާބިލްއާ އެކު ހަދަން ޕްލޭންކުރަމުން ދިޔަ ފިލްމަކީ ނުކުޅެދުންތެެރިކަން ހުންނަ ކުދިންތަކަކަށް ފުޓްބޯޅަ ކުޅެން ދަސްކޮށް ދީގެން ކޯޗަކު އެކަން ކާމިޔާބުކުރާ ގޮތް ދައްކުވައިދޭ ގޮތަށް ހަދަން އުޅުނު ފިލްމެއް ކަމަށް ބުންޏެވެ.

"އެ ފިލްމުގއި ބާބިލްއާ އެކު އެކްޓްކުރުމުގެ އިތުރަށް އޭތި ޑައިރެކްޓްކުރަން ވެސް އިރުފާން އޮތީ ވިސްނާފައި. އެކަން ކުރާނެ ފުރުސަތު ލިބުނު ނަމަ އެއީ އަހަރެމެންގެ ހަޔާތަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނުވާނެ ފިލްމެއް ކަމަށް ވެސް އިރުފާން ބުނި،" ސުތާޕާ ބުންޏެވެ. "އެކަމަކު ވަރަށް ކުއްލި ގޮތަކަށް އިރުފާން ވަކިވެގެން ދިޔައީ."

އޭނާ މަރުވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 29 ގަ އެވެ.

ބައްޕައާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ނުލިބުނަސް، ބާބިލް މިހާރު ވަނީ ބައްޕަ ލެގަސީ ދިރުވަން ފިލްމީ ދާއިރާ އަށް ނުކުމެފަ އެވެ. އޭނާގެ އަލަތު ފިލްމު "ޤަލާ" ގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ފިލްމަކީ ބަތަލާ އަނުޝްކާ ޝަރުމާގެ ފިލްމު ކުންފުނި ކްލީން ސްޓޭލް ފިލްމްސް އިން ހަދާ އެއްޗެކެވެ. ޓްރިޕްތީ ދިމްރީ ބަތަލާގެ ރޯލު ކުޅޭ "ޤަލާ" އަކީ އަންވިތާ ދަތު ނެޓްފްލިކްސް އަށް ޑައިރެކްޓްކުރާ އެއްޗެކެވެ.

ދާދި ފަހުން ބާބިލް ބުނެފައިވާ ގޮތުގައި އޭނާގެ އުންމީދަކީ އެކްޓަރު އަމީތާބް ބައްޗަނާ އެކު ފިލްމެއް ކުޅެވޭ ވަރަށް ޕްރޮމޯޓްވުމެވެ. އަދި ކޮންމެވެސް ދުވަހަކުން އެކަން ވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.

ބާބިލް އަކީ އިރުފާންގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ އަޔާން ޚާނެވެ.'