Roadha Mihaaru
ޗިޓް ރައްދު ނުވި،އެދެނީ މައްސަލަ ކުރިއަށް ގެންދަން

އަލީ ވަހީދަށް ޗިޓް ރައްދެއް ނުވި، ޕީޖީން އެދެނީ ޣައިރު ހާޒިރުގައި ހިންގަން

05 އެޕްރީލް 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތަށް ހާޒިރުވުމުގެ ޗިޓް އޭނާ އަށް ރައްދު ނުވާތީ، ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ދައުލަތުން މިއަދު ހައި ކޯޓުގައި އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތަށް ހާޒިރުވުމުގެ ޗިޓް އޭނާ އަށް ރައްދު ނުވާތީ، ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ދައުލަތުން މިއަދު ހައި ކޯޓުގައި އެދިއްޖެ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ބޭސްފަރުވާއަކަށް ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އޭނާ އެދިވަޑައިގަތުމުންނެވެ. އެ ހުއްދަ ދިނުމާ އެކު، އޭނާ އެރޭ ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

ޕާސްޕޯޓް ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ، އަލީ ވަހީދު ކޯޓަށް ހާޒިރުވުމުގެ ޗިޓް ރައްދު ކުރަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވި ކަމަށެވެ. އެގޮތުން ދައުލަތުން ދިިން އެޑްރެހަށް ފޮނުވުމުން އެ ގެއިން ޗިޓް ރައްދު ވެފައި ނުވާ ކަމަށާއި އަދި ދައުލަތުން ދިން އީމެއިލް އެޑްރެހާއި ފޯނު ނަމްބަރަށް ވަޓްސްއެޕް މެދުވެރިކޮށް ޗިޓް ފޮނުވާފި ކަމަށް ވެސް ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ. އެކަމަކު، އެ ޗިޓް އަލީ ވަހީދަށް ލިބުނުކަން ކަށަވަރު ނުވާ ކަމަށް ވިދާޅުވި އެވެ. ވަޓްސްއެޕާއި ވައިބާ އިން ގުޅަން ކުރި މަސައްކަތް ވެސް ކާމިޔާބުނުވި ކަމަށް ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.

"ނުބައި އެޑްރެހެއް" ދީފައިވާތީ ދައުލަތަށް ސުވާލު

އެ ބާވަތުގެ މައްސަލަތައް ހަތް ދުވަސް ތެރޭގައި ނިންމަންޖެހޭ ކަމަށާއި އެޑްރެސް ނޭނގެނީސް، މައްސަލަ ކުރިއަށް ގެންދާނީ ކިހިނެތްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އަލީ ވަހީދުގެ ފޯނު ނަމްބަރަކީ އަލީ ވަހީދު ބޭނުންކުރާ ނަމްބަރު ކަމަށާއި އެ ނަމްބަރަށް ޗިޓް ފޮނުވޭ ހިސާބުން، ޗިޓް ރައްދު ކުރެވުނީ ކަމަށް ބަލަންޖެހޭނެ ކަމަށެވެ.

ދައުލަތުން ހައި ކޯޓަށް ދިން އެޑްރެހަކީ އަލީ ވަހީދު އުޅުނު އެޑްރެސް ކަން ކަށަވަރު ކުރިން ތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ އެއީ ދައުލަތަށް ލިބުނު މައުލޫމާތުތަކުގައި އަލީ ވަހީދު އުޅުއްވި އެޑްރެހެއް ކަމަށެވެ. މިހާރު އުޅޭ އެޑްރެސް ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ.

އެޑްރެސް ނޭނގެނީސް، އެހެން އެޑްރެހެއްގެ މައުލޫމާތު ކޯޓަށް ދިނީ ކީއްވެގެންތޯ އާއި އެއީ ކޯޓަށް ދޮގު މައުލޫމާތެއް ދިނުން ނޫންތޯ ބެންޗުން އަނެއްކާވެސް ދައުލަތާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެޑްރެސް އެގޮތަށް ހިމެނީ ހައި ކޯޓާ އިދާރީ ގޮތުން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ދައުލަތުން ހައި ކޯޓުގައި ބުނިގޮތުގައި އަލީ ވަހީދު އެންމެ ފަހުން ދަތުރު ކުރެއްވީ ތުރުކީ އަށެވެ. އަދި އޭނާ ބޭރުގައި ހުންނެވި އެޑްރެސް ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެޑްރެސް ހޯދަން އަދިވެސް މަސައްކަތް ކުރެވިދާނެ ކަމަށް ދައުލަތުން ބުނެ އެވެ.

ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދެވިދާނެ

ދައުލަތުން އެދުނީ ޣައިރު ހާޒިރުގައި މިފަދަ މައްސަލަތައް ކުރިއަށް ގެންދިއުމަށެވެ. އެފަދަ މައްސަލަތައް ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސްފައި އެބަހުރި ކަމަށާއި އެހެންވެ، އެ މައްސަލަ ވެސް އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ހިންގިދާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެގޮތަށް ބުނުމުން، ޣައިރު ހާޒިރުގައި ޖިިނާއީ މައްސަލައެއް ހިންގިދާނެ ކަމަށް ދެކެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ ހާލަތަށް ބަލާފައި އިންސާފު ގާއިމް ކުރަން އެކަން ކުރެވިދާނެ ކަމަށް ދެކޭ ކަމަށެވެ.

ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ހިންގުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމީ ކިހިނެތްތޯ ވިދާޅުވެ، ބެންޗުން އަނެއްކާވެސް ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނިގޮތުގައި ޖިނާއީ މައްސަލަތައް ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި އޮތަސް އެ މައްސަލަ އާއި އަލީ ވަހީދުގެ މައްސަލަ ތަފާތެވެ. ސުޕްރީމް ކޯޓުން އެއީ ދައުވާ ލިބޭ މީހާ ހާޒިރު ކުރެވެން އޮއްވައި ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށް ދައުލަތުން ބުންޏެވެ.

އެ ޖަވާބާ ގުޅިގެން އަނެއްކާވެސް ބެންޗުން ސުވާލު ކުރެއްވި އެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާ ހަވާލާ ދެއްވައި، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ޣައިރު ހާޒިރުގައި މައްސަލަ ހިންގޭނެ އުސޫލެއް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ނެތް ކަމަށް އެ ނިންމުމުގައި އެބައޮތް ކަމަށެވެ. ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލަތައް މިއާ ތަފާތުވާ ގޮތަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރުތަކަކީ ދައުވާ ލިބޭ މީހާގެ ބަހެއް ނެތި ނެރެވޭ އަމުރުތަކެއް ކަމަށް ވާތީ، މިފަދަ މައްސަލަތައް ތަފާތުވާނެ ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، އަލީ ވަހީދު ދިރިއުޅޭ އެޑްރެހެއް މާދަމާގެ މެންދުރު 2:00 ގެ ކުރިން ހޯދުމަށް ފަހު ކޯޓަށް އަންގަން ދައުލަތަށް ފުރުސަތު ދެއްވާ ކަމަށެވެ. ދައުލަތުން ދޭ ޖަވާބަކަށް ބެލުމަށް ފަހު، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

ފަނޑިޔާރު ފައިސަލްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.