Roadha Mihaaru
ޖަޕާނުގެ އެސްޓްރޮނޯޓަކަށް ދުނިޔޭގެ ރެކޯޑެއް

ޖަޕާނުގެ އެސްޓްރޮނޯޓަކަށް ދުނިޔޭގެ ރެކޯޑެއް

13 އެޕްރީލް 2021

ފުރަތަމަ ސްޕޭސް މިޝަން ދަތުރަށް 16 އަހަރުވާން ކައިރިވެފައި ވަނިކޮށް ދާދި ފަހުން ހެދި ސްޕޭސް މިޝަނަކާ އެކު ޖަޕާނުގެ އެސްޓްރޮނޯޓަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފުރަތަމަ ސްޕޭސް މިޝަން ދަތުރަށް 16 އަހަރުވާން ކައިރިވެފައި ވަނިކޮށް ދާދި ފަހުން ހެދި ސްޕޭސް މިޝަނަކާ އެކު ޖަޕާނުގެ އެސްޓްރޮނޯޓަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބިއްޖެ އެވެ.

ދެ ދަތުރުގެ މެދުގައި ދިގު މުއްދަތެއް ހޭދަކުރުމަށް ފަހު ސްޕޭސް މިޝަނަކަށް ނުކުތުމުން އެއީ މިހާތަނަށް އެހާ ދިގު މުއްދަތެއް ދެ މިޝަންގެ ދޭތެރޭގައި ހޭދަކުރި އެސްޓްރޮނޯޓަށް ވާތީ ރެކޯޑް ލިބުނީ ޖަޕާން އެއޮރޮސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީ (ޖާޒާ) ގައި މަސައްކަތްކުރާ ސޮއިޗީ ނޮގޫޗީ އަށެވެ.

އޭނާގެ އެ ދަތުރަކީ މިދިޔަ މަހުގެ 5 ގައި އައިއެސްއެސް އެކްސްޕެޑިޝަން 64 ގައި ކުރި ދަތުރެވެ. ސޮއިޗީގެ ކުރީގެ ދަތުރު އޮތީ އޮގަސްޓް 3، 2005 ގަ އެވެ. އެހެންވެ ދެ ދަތުރުގެ ދޭތެރޭގައި 15 އަހަރާއި 214 ދުވަސް އެބަހުއްޓެވެ.

ލިބުނު ރެކޯޑާ ބެހޭ ގޮތުން ސޮއިޗީ، 55، ބުނީ މިއީ އޭނާ ސިއްހަތަށާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމުގެ ނަތީޖާ ކަމަށެވެ.

"ކުރީގެ ދަތުރަށް ސޯޅަ އަހަރުވާން ގާތްވެފައި ވަނިކޮށް އަލުން ސްޕޭސް މިޝަނަކަށް ދާން އަހަންނަށް ފުރުސަތު ލިބުނީ ހަގީގަތުގައި ސިއްހަތަށް ބެހެއްޓި ސަމާލުކަމުގެ ސަބަނުން. އެހެން ނޫން ނަމަ މިއީ ލިބޭނެ ފުރުސަތެއް ނޫން،" އޭނާ ބުންޏެވެ. "ސްޕޭސް ދަތުރަކަށް ދެވޭނީ މީހާ ހުރިހާ ގޮތަކުން ވެސް ފިޓްކޮށް ހުރެގެން. އެހެންވީމަ އެހާ ޒަމާންކޮށްފައި ދަތުރެއް އަޅަން ލިބުމަކީ އަހަރެންގެ ސިއްހީ ހާލަތު ވަރަށް ރަނގަޅަށް ހުރި ކަމުގެ ދަލީލެއް."

ސޮއިޗީ ބުނި ގޮތުގައި އޭނާގެ ކާމިޔާބީ އަކީ އެ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ މީހުންނަށް ވެސް ލިބޭނެ ހިތްވަރަކަށް ވާނެ އެވެ. ހައި ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު 12 އެސްޓްރޮނޯޓެއްގެ ސްޕޭސް މިޝަނެއްގެ ހަގީގީ ވާހަކައެއް ކިޔާލަން ލިބި، އޭގެ ސަބަބުން އެސްޓްރޮނޯޓަކަށްވުމުގެ ޝައުގުވެރިކަން އުފެދުނު ސޮއިޗީ އަކީ ޔުނިވަސިޓީ އޮފް ޓޯކިއޯ އިން އެއޮރޮނޯޓިކަލް އިންޖިނިއަރިން އިން މާސްޓާސް ޑިގްރީ ހާސިލުކުރި މީހެކެވެ.

އޭނާ އަށް އެސްޓްރޮނޯޓަކަށްވުމުގެ ފުރުސަތު ލިބުނީ 1996 ގަ އެވެ. އަދި ފުރަތަމަ ސްޕޭސް މިޝަނަށް ދާން ފުރުސަތު ލިބުނީ އޭގެ ނުވަ އަހަރު ފަހުން 2005 ގަ އެވެ.

ޖައްވީ ދަތުރުތަކުގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައިވާ ސޮއިޗީ އަކީ އެސޯސިއޭޝަން އޮފް ސްޕޭސް އެކްސްޕްލޯރާޒް އިންޓަނެޝަނަލް އެކްޒެކެޓިވް ކޮމިޓީގެ މެމްބަރެއް ވެސް މެ އެވެ.