Roadha Mihaaru
އަރުޖުން އާއި މަލައިކާ އެންގޭޖްވީ؟

އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ އެންގޭޖްވީ؟

15 އެޕްރީލް 2021

ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ މިހާރު އެންގޭޖްވެފައިވާ ކަމަށް ފޭނުން ގަބޫލުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ މިހާރު އެންގޭޖްވެފައިވާ ކަމަށް ފޭނުން ގަބޫލުކުރަން ފަށައިފި އެވެ.

ޖަވާހިރު އަނގޮޓިއެއް އަޅައިގެން ނަގާފައިވާ ފޮޓޯއެއް މަލައިކާ އިންސްޓަރާމްގައި ޕޯސްޓްކޮށް ބުނީ "މިއީ ހުވަފެނީ އަނގޮޓިއެއް" ކަމަށާއި އެ "ވަރަށް ވަރަށް ލޯބި" ކަމަށެވެ. އަދި "އުފާވެރިކަން ފެށެނީ މި ހިސާބުން" ކަމަށް ވެސް ބުނެފައިވެ އެވެ. މަލައިކާގެ މި އިބާރާތް ފޭނުން ތަރުޖަމާކުރީ އަރުޖުން އާއި އޭނާ އެންގޭޖްމަންޓް އިއުލާންކުރުމުގެ ގޮތުގަ އެވެ. އެގޮތުން ފޮޓޯގައި ގިނަ ބަޔަކު މަރުހަބާ ކިޔައި ކޮމެންޓްކޮށްފައިވާ އިރު، އެންގޭޖްވީތޯ ބައެއް މީހުން ސުވާލު ވެސް ކޮށްފައިވެ އެވެ.

މަލައިކާ އަޅައިގެން އިނީ އިންޑިއާގެ ގަހަނާ ބްރޭންޑެއް ކަމަށްވާ އޯނަޒް ޖުވެލެރީގެ ޑިޒައިނެކެވެ. އެހެންވެ އިންސްޓަގްރާމް ފޮޓޯ އަކީ އެތަނުގެ އިޝްތިހާރަކަށް ވެސް ވެދާނެ އެވެ. ފޮޓޯއާ އެކު އޯނަޒްގެ ވާހަކަ މަލަކައިކާ ހިއްސާކޮށްފައިވެ އެވެ.

މަލައިކާ އާއި އަރުޖުން ލޯބީގެ ގޮތުން ގުޅުނީ 2018 ގަ އެވެ. އޭގެ ފަހުން ގުޅުން ސިއްރު ކުރި ނަމަވެސް މިހާރު އެ މީހުންގެ ލޯބި، ދެ މީހުންގެ އިންސްޓަގްރާމުން ވެސް ފެންނާނެ އެވެ. އަރުޖުން މަލައިކާއާ ރައްޓެހިވުމުން ވަރަށް ގިނަ ބައެއްގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ސަބަބަކީ މަލައިކާ އަކީ މީހަކާ އިނދެ ދަރިއަކު ލިބި، ކައިވެނި ރޫޅި އަދި އަރުޖުން އަށް ވުރެ އުމުރުން ދޮށި ވެސް މީހަކަށްވުމެވެ.

އަރުޖުންގެ އުމުރަކީ 35 އެވެ. މަލައިކާ އަށް މިހާރު 47 އެވެ. އޭނާގެ ދަރފުޅު އަރުހާން ޚާނަށް 18 އަހަރެވެ.

މަލައިކާގެ ކުރީގެ ފިރިމީހާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާނެވެ. އެ ދެ މީހުން 1998 ގައި ކުރި ކައިވެނި ރޫޅައިލީ 2017 ގަ އެވެ.

މަލައިކާ އާއި އަރުޖުން ކައިވެނިކުރަން އުޅޭ ވާހަކަ ވެސް ވަރަށް ގިނައިން މީޑިއާތަކުގައި ދެކެވެ އެވެ. އެކަމަކު އަރުޖުން ވަރަށް ފަހުން ބުނެފައި ވަނީ ކައިވެންޏަށް އަދި ތައްޔާރު ނޫން ކަމަށެވެ. އޭނާ އަކީ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ބޭބެ އެވެ.