Roadha Mihaaru
ކާޖޮލްގެ ކޮއްކޮ ހުރީ ކައިވެނިކުރާނެ މީހަކު ނުވެފައި

ކާޖޮލްގެ ކޮއްކޮ ހުރީ ކައިވެނިކުރާނެ މީހަކު ނުވެފައި

09 ޖެނުއަރީ 2022

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރްޖީ ވަރަށް ސިއްރުން ކައިވެނިކޮށްފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ. އެ ވާހަކަތައް ދޮގުކޮށް، އޭނާ ބުނީ ކައިވެނިކުރާނެ މީހަކު ވެސް ނުވެފައި ހުރި ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރްޖީ ވަރަށް ސިއްރުން ކައިވެނިކޮށްފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ. އެ ވާހަކަތައް ދޮގުކޮށް، އޭނާ ބުނީ ކައިވެނިކުރާނެ މީހަކު ވެސް ނުވެފައި ހުރި ކަމަށެވެ.

މި ވާހަކަތަކެއް ދެކެވެން ފެށީ ތަނީޝާގެ ފައިގެ އިނގިލިތަކެއްގައި އަނގޮޓިތަކެއް އަޅާފައިވާ ފޮޓޯތަކެއް މިދިޔަ ހަފުތާގައި އިންސްޓަގްރާމް ކުރުމުންނެވެ. ފައިިގެ އިނގިލިތަކުގައި އަނގޮޓި އެޅުމަކީ އިންޑިއާގައި ކައިވެނިކުރާ ހިންދޫ ދީނުގެ އަންހެނުން އާންމުކޮށް ކުރާ ކަމެކެވެ.

ނަމަވެސް ތަނީޝާ، 43، ބުނީ އޭނާގެ ފައިގެ އަނގޮޓިތަކާއި ކައިވެންޏަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ފައިގެ އިނގިލިތަކެއްގައި އަނގޮޓި އެޅީ އެއީ ވަރަށް ކަމުދާ ކަމެއް ކަމަށް ވާތީ ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކައިވެނިކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް އިރު، ކައިވެނި ސިއްރެއް ވެސް ނުކުރާނެ އެވެ.

"އަހަންނަކީ އެއް އިރެއްގައި ވެސް ކަންކަން މާ ބޮޑަށް ފޮރުވައިގެން އުޅޭ މީހެއް ނޫން. އެހެންވީމަ ކައިވެނިކުރާނީ ވެސް އެންމެންނަށް އެނގޭ ގޮތަށް. އަދި ކައިވެނިކުރާ ދުވަހަކު ހަފުލާ ވެސް ބާއްވަން ބޭނުން ވަނީ ވަރަށް ކުލަގަދަކޮށް،" ތަނީޝާ ބުންޏެވެ

އޭނާ ބުނި ގޮތުގައި މި ވަގުތު ހުރީ ހުސްކޮށެވެ. އެހެންވެ ކައިވެންޏަކާ ހަމައަށް ދާކަށް ބައިވެރިއެއް ނެތް ކަމަށް ބުންޏެވެ.

"ފުރަތަމަ އަހަރެން ހޯދަންވީ އިންނާނެ މީހަކު. އޭގެ ފަހުންތާ ކައިވެނީގެ ވާހަކަ ވެސް ދެކެވެން ވާނީ. އަހަރެން ދަންނަ އެންމެންނަށް ވެސް އެނގޭނެ އަހަރެން ސިންގަލްކަން،" ތަނީޝާ ބުންޏެވެ. "އެކަމަކު ބޭނުންވާ ކަހަލަ މީހަކު ލިބުނު އިރަކުން ކައިވެނިކުރަން ތައްޔާރަށް މިހިރީ."

ތަނީޝާ ކުރިން ރައްޓެހިވި މީހުންގެ ތެރޭގައި އޭނަ ކުޅުނު 2005 ގެ ފިލްމު "ނީލް އެންޑް ނިކީ" ގެ ބަތަލު އުދޭ ޗޯޕްރާ އާއި "ބިގް ބޮސް 7" ގައި އެކީގައި ވާދަކުރި އެކްޓަރު އަރުމާން ކޯލީ ހިމެނެ އެވެ. އަރުމާނަކީ ދާދި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނު މީހެކެވެ. އުދޭ އަކީ ތަނީޝާގެ ދައްތަ ކާޖޮލްގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލް) ގެ ޑައިރެކްޓަރު އަދިތިޔާ ޗޯޕްރާގެ ކޮއްކޮ އެވެ.

ބޮލީވުޑްގައި ކާޖޮލް ކިތަންމެ މަޝްހޫރު ވިޔަސް، ތަނީޝާ އަކީ ވަރަށް ފަނޑު ބަތަލާއެކެވެ. އޭނާ އަށް ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް ވެސް ނުލިބެ އެވެ. ތަނީޝާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ކޯޑް ނޭމް އަބްދުލް" އެވެ.

ކާޖޮލް އާއި ތަނީޝާ އަކީ ކުރީގެ މަޝްހޫރު ބަތަލާ ތަނޫޖާގެ ދެ ދަރިންނެވެ.