Roadha Mihaaru
"އިތުރު ލިސްޓެއް ލިބުމުން ގުރުއަތުލުން ފަށާނަން"

އިތުރު ކެޓަގަރީއެއްގެ ފައިނަލް ލިސްޓް ލިބުމުން ގުރުއަތުލުން ފަށާނަން: އެޗްޑީސީ

15 އެޕްރީލް 2021

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތަކުގެ އިތުރު ކެޓަގަރީއެއްގެ ފައިނަލް ލިސްޓް ލިބުނުހާ އަވަހަށް ގުރުއަތުލުން އަލުން ފަށާނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތަކުގެ އިތުރު ކެޓަގަރީއެއްގެ ފައިނަލް ލިސްޓް ލިބުނުހާ އަވަހަށް ގުރުއަތުލުން އަލުން ފަށާނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ ފްލެޓް ހަވާލު ކުރުމަށް ގުރުއަތުލުމުގެ ކަންކަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ބައެއް ޓީވީ ސްޓޭޝަންތަކުން އެ މަންޒަރު ލައިވްކޮށް ދެއްކިއިރު، އެޗްޑީސީން ބުނި ގޮތުގައި އެ ދުވަހު ގުރުއަތުލުން އޮތީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީ، އެޗް10 ގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގަ އެވެ. އެއީ ޓަވަރުތަކުގެ ގްރައުންޑް ފްލޯއިން 188 ފްލެޓެވެ.

އޭގެ ފަހުން ހަފްތާއެއްވީއިރު ވެސް އިތުރު ފްލެޓްތަކުގެ ގުރު ނެގުން ކުރިޔަށް ނުގެންދާތީ، "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މިނިސްޓްރީން ހަމައެކަނި ކުރަނީ ގުރުއަތުލުމުގެ މަސައްކަތް ކަމަށެވެ. އަދި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީން ކަމަށާއި އެހެން ކެޓަގަރީތަކުގެ ލިސްޓް ލިބޭހާ އަވަހަކަށް ގުރުއަތުލުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ފައިނަލްކޮށް ނިންމައިފަ ދީފައި އޮތީ އެޗް10 ގެ ލިސްޓް. އިތުރު ލިސްޓެއް ލިބިފައެއް ނެތް. ލިބޭހާ އަވަހަކަށް އަޅުގަނޑުމެން މަސައްކަތް ފަށާނަން،" އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ 16 ޓަވަރުގެ 6,720 ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް މި ސަރުކާރުން ވަނީ ނެރެފަ އެވެ. ނަމަވެސް އެ ލިސްޓަށް ވެސް ބައެއް ބަދަލުތައް ގެނައުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެގޮތުން ދާއިމީ ލިސްޓުގައި ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ނަމަ އެކަކުގެ އަތުން ފްލެޓް ނެގުމާއި މާލޭގައި ވަކި ވަރަކަށް ވުރެ ބޮޑު ގޯއްޗެއް އޮޮތް ނަމަ އެކަން ބަލައި އެ ފަރާތްތައް ވެސް ލިސްޓުން އުނި ކުރުމަށް ސަރުކާރުން އުފެއްދި ފްލެޓްގެ މައްސަލަތައް ބަލައި ކޮމިޓީން ވަނީ ހައުސިން މިނިސްޓްރީގައި އެދިފަ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި ފްލެޓްގެ ގުރުއަތުލުމުގެ މަސައްކަތް ނިމުމަށް ފަހު ފްލެޓް ލިބުނު ފަރާތްތަކާއެކީ އެއްބަސްވުމެއް އެކުލަވާލައި ތަޅުދަނޑު ހަވާލު ކުރާނެ އެވެ. އެއަށް ފަހު ފްލެޓުގައި ދޮރާއި ބޮކި އަދި ތަށިމުށި ޖެހުން ފަދަ މަސައްކަތް ކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު މީހުން ފްލެޓަށް ބަދަލު ވާން ފުރުސަތު ދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެޗްޑީސީން އަންނަނީ ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުން އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.