Roadha Mihaaru
"ވޯޓުލާން ނުނިކުތީ ޔާމީން މިނިވަންކުރާ ވާހަކަދައްކާތީ"

ވޯޓުލާން ނުނިކުތީ ޔާމީން މިނިވަންކުރާ ވާހަކަ ދައްކާތީ ކަންބޮޑުވެގެން: އާޒިމް

14 އެޕްރީލް 2021

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މީހުން ވޯޓުލާން ނުނިކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންް މިނިވަންކުރާ ވާހަކަ ދައްކަމުންދާތީ ކަންބޮޑުވެގެން ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މީހުން ވޯޓުލާން ނުނިކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންް މިނިވަންކުރާ ވާހަކަ ދައްކަމުންދާތީ ކަންބޮޑުވެގެން ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. މަޖިލީހުގެ ޖަލްސާގައި މިއަދު އިދިކޮޅު މެމްބަރުން ވަނީ ކައުންސިިލް އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށާއި ރައީސް ޔާމީން ގެ އަށް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ވިދާޅުވީ އެހެން އިންތިހާބުތަކާ ހިލާފަށް މި ފަހަރުގެ އިންތިހާބުގައި ޕީޕީއެމަށް ރަނގަޅު ކާމިޔާބީއެއް ލިބުނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ޖުމްލަކޮށް ބަލާއިރު އެއީ އެމްޑީޕީ އަށް ގެއްލުނު އިިންތިހާބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މާލެއިން އެމްޑީޕީ އަށް ނާކާމިޔާބުވީ ގިނަ ސަބަބުތަކަކާ ހުރެ ކަމަށެވެ. އެމްޑީޕީން ދައްކަމުން އައީ ވާހަކައަކީ ވައްކަން ކުރުން ހުއްޓުވުމާއި ކޮރަޕްޝަން މަދުކުރުމުގެ ވާހަކަތަކުގެ އިތުރަށް ކުރިން ވައްކަން ކުރި މީހުންނަށް ހައްގު އަދަބުދޭނެ ކަމުގެ ވާހަކަތައް ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ ވާހަކަތައް ދައްކަމުން ދަނިކޮށް، ރައީސް ޔާމީން މިނިވަންކުރާ ކަމުގެ ވާހަކަތައް ރަށުތެރޭގައި ދައްކަން ފެށުމަކީ ރައްޔިތުން ވޯޓު ލާން ނުދިޔަ ސަބަބު ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އަނެއް ސަބަބަކީ ވައްކަން ކޮށްފައި ތިބި އިތުރު މީހުން ދޫވެފައި ތިބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު ނުކުމެ ބުނާނެ ކަމެއް ނެތް އެ ދުވަހުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިން މީހުން ވޯޓު ދިނީކީއެއް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރާށެކޭއެއް. ނޫން. އޭގެ އިތުރު މީހުން ހައްޔަރުކުރުމަށް،" އާޒިމް ވިދާޅުވި އެވެ.

"އެކަމާ އިދިކޮޅުވެގެން މީހުން ނުކުމެ ވޯޓު ނުދިނީ. އަޅުގަނޑުމެން އެކަން ކުރާލެއް ލަސްވެގެން. މަޑުނުޖެހި ވައްކަން ކުރުން ކުރިއަށްދާ ދިއުމާ މެދު ކަންބޮޑުވެގެން."

އާޒިމް ވިދާޅުވީ މި ސަރުކާރުގައި ވެސް ވައްކަމުގެ އަމަލުތައް ކުރަމުންދާ ކަމަށެވެ. އެކަމަކު އެކަންކަން ކުރިއަށް ވުރެ "80 ޕަސެންޓް" ކުޑަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ނާކާމިޔާބީއެއް ލިބުނަސް ހިތްވަރާ އެކު ތެދުވެ، ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ. ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ ކުށްތައް ކޮށްފައި ވަނީ ކުރީ ސަރުކާރުގެ ވެރިން ވެސް ބައިވެގެން ކަމުން، އެކަން އޮތީ "ހަތް ބޮޅު ކަންވާރެއް" ފަދައިން އޮޅުވާލައިފަ އެވެ. އެހެންކަމުން، މައްސަލަ ހައްލުކުރަން ވަގުތު ނަގާނެ ކަމަށާއި ދެ އަހަރާއި ބައިވުމުން އެކަން ނުވީ ކަމަށް ކަންބޮޑުވެ، ހުއްޓާލަން ޖެހޭވަރު ނުވާ ކަމަށް އާޒިމް ވިދާޅުވެ އެވެ.

"ހަތް ބޮޅު ކަންވާރު އޮޅުންފިލުވުމަށް ފަހު އަޅުގަނޑުމެން ދުވާ ދުވެލި ވަރަށް ބާރުވާނެ،" އާޒިމް ވިދާޅުވި އެވެ.