Roadha Mihaaru
ވެކްސިން ފުރިހަމަކުރުމުން ދޭނެ ލުއިތައް ހާމަކުރަނީ

ވެކްސިންގެ ދެ ޑޯޒަށް ފަހު ދަތުރުކުރުމުގައި ދޭނެ ލުއިތައް ހާމަކުރަނީ

15 އެޕްރީލް 2021

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒަށް ފަހު ދަތުރުކުރުމުގައި ދޭނެ ލުއިތައް މިއަދު އިއުލާނުކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒަށް ފަހު ދަތުރުކުރުމުގައި ދޭނެ ލުއިތައް މިއަދު އިއުލާނުކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިނަށްފަހު ދޭނެ ލުއިތައް މިއަދުގެ ވަގުތެއްގައި އިއުލާނުކުރެވޭނެ އުއްމީދުކުރައްވާ ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.

ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މި ވަގުތު އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވަނީ ބަލި ފެތުރިފައިވާ ރަށަކުން އެހެން ރަށްރަށަށް ދަތުރުކުރުމުގަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާ އުސޫލުގައި ވާގޮތުން، ބަލި ފެތުރިފައިވާ ރަށަކުން ދާ ނަމަ 10 ދުވަހަށް ކަރަންޓީނުގައި ހުންނަންޖެހެ އެވެ.

ރައީސް އޮފީހުގައި މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވެސް އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު، ކަރަންޓީނުވުމެއް ނެތި ރާއްޖޭގެ އެތެރޭގައި ދަތުރުތައް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ވެކްސިން ފުރިހަކުރުމުން އެހެން ގައުމުތަކުގައި ވެސް މިހާރު އަންނަނީ ލުއިތައް ދެމުންނެވެ. އެކަމަކު ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު ވެސް ލުއި ދޭނީ އެ ޑޯޒް ޖަހައި ވަކި މުއްދަތެއް ހަމަވުމުންނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަީ އެކެއްގަ އެވެ. މިހާތަނަށް 273،660 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެ އެވެ.