Roadha Mihaaru
ދިވެހިންގެ ތަސައްވުރު ރަނގަޅަށް ކުރެވޭނީ މި ބަޖެޓުން

މިއީ ދިވެހިންގެ ތަސައްވުރު އެންމެ ރަނގަޅަށް ކުރެވޭނެ ބަޖެޓު: ނިހާނު

16 ނޮވެމްބަރ 2016

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26 ބިލިއަން ރުފިޔާގެ ބަޖެޓަކީ ދިވެހިންގެ މާދަމާގެ ތަސައްވުރު އެންމެ ރަނގަޅަށް ކުރެވޭނެ ބަޖެޓު ކަމަށް ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26 ބިލިއަން ރުފިޔާގެ ބަޖެޓަކީ ދިވެހިންގެ މާދަމާގެ ތަސައްވުރު އެންމެ ރަނގަޅަށް ކުރެވޭނެ ބަޖެޓު ކަމަށް ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ނިހާނު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ހުށަހެޅުއްވީ މިހާތަނަށް އެއްވެސް ޒަމާނެއްގައި މަޖިލީހަށް ފޮނުއްވާފައި ނުވާ ފަދަ ބަޖެޓެކެވެ. އެއީ މަޖިލީހަށް ފޮނުއްވާފައި އޮތް އެންމެ ސާފު، ސީދާ ބަޖެޓު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޖެޓާ ބެހޭ ގޮތުން އެމްޑީޕީގެ ބައެއް މެންބަރުން ފާޅުކުރެއްވި ބައެއް ހިޔާލުތަކަކީ ބަޖެޓުގެ އެއްވެސް މިންގަނޑަކުން މިންކުރެވޭނެ ކަންތައްތަކެއް ނޫން،" ނިހާނު ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން ބަޖެޓު ސިފަ ކުރެއްވީ ރައްޔިތުން ނިކަމެތިކޮށް، އިތުރަށް ދަރަނިވެރި ކުރުވައި އަޅުވެތިކުރަން ހުށަހަޅާފައި އޮތް ބަޖެޓެއްގެ ގޮތުގަ އެވެ. މިއީ ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ ބަޖެޓެއް ކަމަށާއި މަޑު ޖެހިފައި އޮތް އިގްތިސާދު ހަރުދަނާކޮށް ކުރިއެރުމަށް ކުރެވޭ މަސައްކަތެއް ބަޖެޓުން ނުފެންނަ ކަމަށް ވެސް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ނިހާނު ވިދާޅުވީ ބަޖެޓުގެ އަމާޒަކީ ރާއްޖެއަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގައި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދިވެހިންގެ އިގްތިސާދީ ދުވެލި މަތިކޮށް، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމާއި ބަޖެޓު ޑެފިސިޓް ކުރުން ކަމަށެވެ.

ބަޖެޓު ފައިނޭންސްގެ ތާރީހުގައި އާއި ރާއްޖެ މިއިން ޒަމާނެއްގައި ވެސް ނުދެކޭ މިންވަރަށް އެންމެ ބޮޑަށް ޑެފިސިޓް ކުޑަކުރެވިފައި އޮތް ބަޖެޓަކީ އަންނަ އަހަރުގެ ބަޖެޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓްގެ ގޮތުގައި އޮތީ 3.4 މިލިއަން ރުފިޔާ އެވެ.

އަޅުގަނޑުމެން އަމާޒު މި ހިފީ ބެލެންޝީޓް ރީތިވެފައި އޮތް، ރާއްޖޭގެ އަރަންޏާއި ދަރަނި އެއްވަރުވެ، އަރަނިވެފައި އޮތް ބަޖެޓަކަށް 2018 ގައި ގެންދިއުމަށް ރައީސް ޔާމީން 2013 ވަނަ އަހަރުވެ ވަޑައިގެންނެވި ވައުދު އަޅުގަނޑުމެން ކުރިއަށް ގެންދަން،" ނިހާނު ވިދާޅުވި އެވެ.

ބައެއް ދާއިރާތަކުގައި ބޮޑެތި މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނާފައިނުވާތީ އިދިކޮޅު މެމްބަރުން ދެއްކެވި ވާހަކަތަކަށް ނިހާނު ވަނީ ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް މެމްބަރުން އެދިވަޑައިގެންނެވި ހުރިހާ މަޝްރޫއުގައި ބަޖެޓެއް ނެތެވެ. އެއީ ތަބީއަތުގައި އެކަން އޮންނާނެ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދާއިރާތަކަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަ މެމްބަރުން ދައްކަވާނެ، އެކަން ސަރުކާރުން ވެސް ބަލައިގަންނާނެ. ހާއްސަކޮށް ސަރުކާރުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑު ބަލައިގަންނަން،" ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުގައްރިރު ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ބަޖެޓު ދިރާސާ ކުރަމުން ދާއިރު، މެމްބަރުން އެދިވަޑައިގަންނަވާ ކަންކަން ބަޖެޓުގައި ހިމެނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ.

ނިހާނު ވިދާޅުވި ގޮތުގައި މި ބަޖެޓުގެ އަމާޒަކީ ދަރަނިން ފިލާފައި އޮތް، ކޮންމެ ބޭންކެއްގެ ކުރިމައްޗަށް ދިޔަޔަސް، ލޯނެއް ދޭ ފެންވަރުގެ ބެލެންސްޝީޓަކަށް ރާއްޖޭގެ ބަޖެޓު ހެދުމެވެ. އަދި މި ބަޖެޓު ފާސް ކުރުމުގައި އިދިކޮޅު މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.