Roadha Mihaaru
އިންތިހާބުގެ މައްސަލައިގައި އެމްޑީޕީން ކޯޓަކަށް ނުދާނެ

އިންތިހާބުގެ މައްސަލައިގައި ކޯޓަށް ނުދާން އެމްޑީޕީން ނިންމައިފި

24 އެޕްރީލް 2021

މި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދާން އެމްޑީޕީން މިރޭ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދާން އެމްޑީޕީން މިރޭ ނިންމައިފި އެވެ.

މާލޭގެ ހަ ދާއިރާއެއްގެ ދެ ކެންޑިޑޭޓުންގެ ފަރަގަށް ވުރެ ބާތިލް ވޯޓު ގިނަ ކަމަށް ބުނެ އެމްޑީޕީން ވަނީ އެ ދާއިރާތަކުގެ ވޯޓު އަލުން ގުނައިދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިފަ އެވެ. އަދި ބައެއް ގޮނޑިތަކުގެ މައްސަލައިގައި ކޯޓަށް ދާން ނިންމާފައިވާ ކަމަށް ވެސް ކުރިން ހާމަކޮށްފައި ވެ އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެން ބިލަބޮންގް ސްކޫލުގައި ބޭއްވެވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކައުންސިލް އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދާން ނިންމައިފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގެ ދަށުން އުފައްދާފައިވާ ކޮމިޓީގައި ތިއްބަވަނީ ރައިސާއި ޕާޓީގެ ލީޑަޝިޕާއި ކެބިނެޓް އަދި މަޖިލީހުގެ މެމްބަރުންނެވެ.

ވޯޓާ ގުޅޭ ކަންކަމުގެ އިތުރުން، އަންނަ މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވެވޭނީ ޕާޓީގައި އެއް އަހަރު އުޅެފައިވާ މެމްބަރުންނަށް ކަމާއި މީހުން މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އަދި ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މީހުންނަށް އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް ވަނީ އިސްލާހު ގެނެސްފަ އެވެ.