Roadha Mihaaru
ދިއްލީގެ ކޮވިޑް ސެންޓަރަކަށް އަމީތާބްގެ 2 ކްރޯޑް

ދިއްލީގެ ކޮވިޑް ސެންޓަރަކަށް އަމީތާބު 2 ކްރޯޑް ރުޕީސް ދީފި

11 މެއި 2021

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ވެރިރަށް ނިއު ދިއްލީގެ ކޮވިޑް ސެންޓަރަކަށް ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން ދެ ކްރޯޑް ރުޕީސް ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ވެރިރަށް ނިއު ދިއްލީގެ ކޮވިޑް ސެންޓަރަކަށް ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން ދެ ކްރޯޑް ރުޕީސް ހަދިޔާކޮށްފި އެވެ.

އޭނާ ފައިސާ ހަދިޔާކުރީ ކޮވިޑްގެ ބަލި މީހުންނާ ފަރުވާދޭން ހެދި 300 އެނދުގެ ސްރީ ގުރޫ ތޭގް ބަހާދޫރު ކޮވިޑް ސެންޓަރަށެވެ. އެތަނުގައި ބަލި މީހުންނަށް ފަރުވާދޭން ފެށީ ހޯމަ ދުވަހު އެވެ.

ކޮވިޑް ސެންޓަރު ހިންގާ ދިއްލީ ސިކް ގުރުދުވާރާ މެނޭޖްމަންޓް ކޮމިޓީގެ ރައީސް މަންޖިންދަރު ސިންގް ސިރްސާ ވިދާޅުވީ އަމީތާބު ދިން އެހީ ބޭނުންކުރާނީ އިންޑިއާ އިން ބޭރުން އޮކްސިޖަން ގެންނަން ކަމަށެވެ. އަދި އަމީތާބްގެ އެހީ ދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައި ޓްވީޓް ވެސް ކުރައްވާފައިވެ އެވެ. ކޮވިޑްގެ މި ހާލަތުގައި އިންޑިއާ އަށް އެންމެ ބޮޑަށް ޖެހިފައި ވަނީ ވެސް އޮކްސިޖަނަށެވެ. އަދި މިކަމާ ހުރެ އެތައް ބައެއްގެ ފުރާނަ މިހާތަނަށް ގެއްލިފައިވެ އެވެ.

މަންޖިންދަރް ވިދާޅުވި ގޮތުގައި ދިއްލީގައި ކޮވިޑްގެ ހާލަތު ގޯސްވި ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަމީތާބް އޭނާ އަށް ގުޅައި ސިކް އާބާދީގެ ހާތަލު އޮޅުންފިލުވައި ހަދަ އެވެ.

މިދިޔަ އަހަރު ކޮވިޑް ޖެހިގެން ފަރުވާ ވެސް ހޯދި އަމީތާބަކީ އަބަދު ވެސް ގައުމަށް ދިމާވާ ބޮޑެތި ކަންކަމާ ގުޅިގެން އެހީވާ ފަންނާނެކެވެ.

އަމީތާބް، 78، ހޯސްޓްކުރާ ސޮނީ ޓީވީގެ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) 13 ފަށަން ތައްޔާރުވަމުން އަންނަ އިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗެހެރޭ" އާއި "ޖުންދު" އާއި "ބުރައްމަސްތުރާ" އާއި "ގުޑްބާއި" އަދި "މޭޑޭ" ހިމެނެ އެވެ.