Roadha Mihaaru

ގެއްލުނު ސަބްމެރިން ތިން ބުރިވެ، ކަނޑުއަޑީގައި އޮއްވައި ފެނިއްޖެ

ޖަކާޓާ (އެޕްރީލް 25) - މިދިޔަ ބުދަ ދުވަހު ގެއްލުނު އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ސަބްމެރިން، ކަނޑު އަޑީގައި ތިންބުރިވެފައި އޮއްވާ ފެނިއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސަބްމެރިން ތިންބުރިވެ، ކަނޑުއަޑީގައި އޮއްވައި ފެނިއްޖެ
ހަސަން އާމިރު
ހަސަން އާމިރު

25 އެޕްރީލް 2021

ޖަކާޓާ (އެޕްރީލް 25) - މިދިޔަ ބުދަ ދުވަހު ގެއްލުނު އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ސަބްމެރިން، ކަނޑު އަޑީގައި ތިންބުރިވެފައި އޮއްވާ ފެނިއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސަބްމެރިންގައި ތިބި 53 ފަޅުވެރިން ވެސް މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ކަނޑުގެ ސިފައިންގެ އޮފިޝަލުން ބުނެފައި ވަނީ ސަބްމެރިން އޮތް ތަނުގެ ސިގްނަލް އާދިއްތަ ދުވަހު ލިބެން ފެށި ކަމަށެވެ. އެއީ 800 މީޓަރު (2،600 ފޫޓު) ގެ އަޑި އެވެ. ސިންގަޕޫރުން ގެނައި ކަނޑުއަޑީގައި ބޭނުން ކުރާ ރެސްކިއު ވެހިކަލެއް ފޮނުވައިގެން ސަބްމެރިންގެ ބައިތަކުގެ ފޮޓޯ ވަނީ ނަގައިފަ އެވެ.

ސަބްމެރިންގެ ފަހުގެ ފޮޓޯތައް ސިފައިންގެ އޮފިސަރުން ދައްކާލަނީ. --ފޮޓޯ:އީޕީއޭ

ސަބްމެރިންގެ ފަހުގެ ފޮޓޯތައް ސިފައިންގެ އޮފިސަރުން ދައްކާލަނީ. --ފޮޓޯ:އީޕީއޭ

ކޭއާރްއައި ނަންގަލާ ސަބްމެރިން ފެތުނު ސަބަބެއް އަދި ނޭނގެ އެވެ. ސަބްމެރިންގެ ބައެއް ބައިތައް ފެނިފައިވާ ކަމަށް ސިފައިން ކުރިން ބުނެފައިވެ އެވެ. އޭގެ ތެރޭގައި މުސައްލައަކާއި ޕެރިސްކޯޕް ލުބްރިކޭޓް ކުރާ ގިރިސް ފުޅިއެއް ހިމެނެ އެވެ. ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫޑޯ މަރްގޮނޯ ވިދާޅުވީ ފަޅުވެރިންގެ ސޭފްޓީ ޖެކެޓް ފަދަ ތަކެތި ވެސް ފެނިފައިވާ ކަމަށެވެ.

ތަޖްރިބާކާރުން ބުނެފައި ވަނީ ސަބްމެރިން އޮތް ތަނަކީ އެ އުޅަނދު ސަލާމަތް ކުރެވޭނެ ފުންމިނެއް ނޫން ކަމަށެވެ. އަދި އުޅަނގުގައި އޮކްސިޖަން ހުރީ ތިން ދުވަހަށްވާ ވަރަށް ކަމަށްވާއިރު ތިން ދުވަސް ވަނީ ހޮނިހިރު ދުވަހު ހަމަވެފަ އެވެ.

ޖަރުމަނުގައި އުފައްދާފައިވާ ސަބްމެރިނަކީ 40 އަހަރުވެފައިވާ އުޅަނދެކެވެ. އިންޑޮނީޝިއާ ސިފައިން ބުނެފައި ވަނީ ސަބްމެރިން އޮތީ ރަނގަޅު ހާލަތުގައި ކަމަށެވެ.