Roadha Mihaaru
މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 84 މައްސަލައެއް

މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 84 މައްސަލައެއް، ގިނައީ އިހުމާލުވުމުގެ މައްސަލަތައް

28 އެޕްރީލް 2021

ޖެންޑާ މިނިސްޓްރީ އަށް މިދިޔަ މަހު 215 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 84 މައްސަލައަކީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޖެންޑާ މިނިސްޓްރީ އަށް މިދިޔަ މަހު 215 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 84 މައްސަލައަކީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ ތެރޭގައި ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެފަދަ 27 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކާއި ޖިސްމާނީ ހާނިއްކައިގެ މަައްސަލަތަކެވެ. އެގޮތުން ޖިންސީ ހާނިއްކައިގެ 18 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާ ތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 13 މައްސަލަ އާއި ނަފްސާނީ ހާނިއްކައިގެ ހަތަރު މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ތިން މައްސަލައެއް ހިމެނެ އެވެ.

ކުޑަކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ މިދިޔަ މަހު މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކުޑަކުދިންގެ އަހުލާގާ ގުޅޭ 14 މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ މައްސަލަތަކާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަތަކާއި ގަނާކުރުމާއި ފުރައްސާރަ ކުރުމުގެ މައްސަލަތައް ހިމެނެ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 47 މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. ޖެންޑާ މިނިސްޓްރީން ބުނީ އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާ ކަމަށާއި އެފަދަ 22 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރާ އަނިޔާގެ 19 މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 21 މައްސަލައަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ދެ މައްސަލައެއް ވެސް ރިޕޯޓްކޮށްފަ އެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލައެއް ވެސް މާޗު މަހު މިނިސްޓްރީ އަށް ރިޕޯޓުކޮށްފައިވެ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 222 ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިއްބެވެ. މިނިސްޓްރީން ބުނީ މާޗު މަހު ތިން ކުއްޖަކު އާއިލާއާ ހަވާލުކޮށް އެއް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށެވެ. އަދި 18 އަހަރު ފުރިފައިވާ ތިން ކުއްޖަކު މާޗު މަހު ވަނީ ވަޒީފާގެ ފުރުސަތާ އެކު މުޖުތަމައު އަށް ނެރެފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.