Roadha Mihaaru
މާލޭގައި ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލައިފި

މާލޭގައި ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލައިފި

04 މެއި 2021

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި ދެމުން އަންނަ ވެކްސިންތަކުގެ ތެރެއިން ކޮވިޝީލްޑް ވެކްސިން އާންމުކޮށް ޖަހައިދިނުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި ދެމުން އަންނަ ވެކްސިންތަކުގެ ތެރެއިން ކޮވިޝީލްޑް ވެކްސިން އާންމުކޮށް ޖަހައިދިނުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.

މި ފިޔަވަޅު އެޅި ސަބަބެއް އެޗްޕީއޭ އިން އަދި ނުބުނެ އެވެ. ނަމަވެސް ރާއްޖޭގައި ވެކްސިންގެ ސްޓޮކް މަދުވެފައިވާ ކަމަށް އެޗްއީއޯސީގެ ރޭގެ ޕްރެސްގައި ވަނީ ބުނެފަ އެވެ. އަދި މީގެ ކުރިން ވަނީ މިދިޔަ ފެބްރުއަރީ މަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖަހާ ތިބި މީހުންނަށް އެކަނި ކޮވިޝީލްޑް ވެކްސިން ޖަހައިދޭ ގޮތަށް ވެސް އުސޫލު ބަދަލުކޮށްފަ އެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުން މާލޭގައި ހުއްޓާލި އިރު ސައިނޮފާމް އާއި ފައިޒާ ވެކްސިން ޖެހުމުގެ އުސޫލަށް ބަދަލެއް ގެނައި ކަމަކަށް ބުނެފައެއް ނުވެ އެވެ. އަދި ރަށްރަށުގައި ވެކްސިން ޖެހުމުގެ އުސޫލަށް ބަދަލެއް ގެނައި ކަމަކަށް ވެސް ނުބުނެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައި ވާއިރު ވެކްސިން ޖަހަންދާ މީހުން ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ވެކްސިން ޖަހަން ފެށުމުގެ އެތައް ގަޑިއިރެއް ކުރިން ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ކިއޫ ހަދައި އެކަމުގައި އުފުލަންޖެހޭ ބުރަ ބޮޑުވެ އާންމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.

ރާއްޖެއަށް އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑްގެ ޑޯޒްތައް ހުސްވުމުން މިހާރު ޖަހަނީ އިންޑިއާ އިން ގަނެގެން ގެނެސްފައިވާ ވެކްސިނާއި ޑަބްލިޔު އެޗްއޯގެ ކޮވެކްސް ފެސިލިޓީން ދީފައިވާ ކޮވިޝީލްޑް އަދި ފައިޒާ ވެކްސިންގެ އިތުރުން ޗައިނާ އިން ހަދިޔާކޮށްފައިވާ ސައިނޮފާމް ވެކްސިނެވެ. މީގެ އިތުރުން އެސްޓްރަޒެނެކާ ކުންފުނިން ވެކްސިންގެ 700،000 ޑޯޒް ގަންނަން އެއްބަސްވުމެއް ހަދާފައި ވާއިރު މި ވެކްސިން އަންނަ މަހު ލިބެން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. ކޮވިޝީލްޑަކީ އެސްޓްރަޒެނެކާ ވެކްސިން އިންޑިއާގައި އުފައްދާ މާކެޓްކުރާ ނަމެވެ.

ރާއްޖެ އިން މިހާތަނަށް 297،639 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން 108،494 މީހުންނަކީ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ.