Roadha Mihaaru
ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ދެނީ ހަދިޔާކުރި ވެކްސިނުން

ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒަށް ހުޅުވާލީ މީހަކު ވެކްސިން ހަދިޔާކުރުމުން

04 ޖުލައި 2021

ކޮވިޑުން ރައްކާތެރިވާން ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފެށީ ހެޔޮ އެދޭ ފަރާތަކުން ފޯރުކޮށްދިން ވެކްސިނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑުން ރައްކާތެރިވާން ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފެށީ ހެޔޮ އެދޭ ފަރާތަކުން ފޯރުކޮށްދިން ވެކްސިނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ ހެޔޮ އެދޭ ފަރާތަކުން އިއްޔެ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ކިތައް ޑޯޒް ކަމެއް ވިދާޅު ނުވެ އެ އޮފިޝަލް ވިދާޅުވީ ހުއްޓުމެއް ނެތި ވެކްސިނޭޝަން ޕްރޮގްރާމް ދެން ކުރިއަށްގެންދެވޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، މި ވެކްސިން ލިބުނީ ސީދާ ސަރުކާރުން އެކި ފަރާތްތަކާ ގުޅައި ކުރި މަސައްކަތުންނެވެ.

ނަމަވެސް އަދި ހަމަޖައްސާފައިވާ ގޮތުން ކޮވިޝީލްޑް ޖަހައިދޭނީ ދެ ވަނަ ޑޯޒްގެ ގޮތުގައި އެކަންޏެވެ.

ކޮވިޝީލްޑް ވެކްސިން ހުސްވާން ފެށުމުން މިދިޔަ މެއި 4 ވަނަ ދުވަހުން ފެށިގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން ހުއްޓާލި އެވެ. އޭރު، ދެ ވަނަ ޑޯޒް ޖެހިފައި ތިބީ މަދު ބައެކެވެ. އެކަމަކު ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ދެ ވަނަ ޑޯޒް ޖަހަން މިއަދު ފަށައި، އެޕޮއިންޓްމަންޓް ހަމަޖައްސަން އެ އެޖެންސީން ގުޅަން ވަނީ ނިންމައިފަ އެވެ.

އެޗްޕީއޭ އިން ރޭ ކުރި އިއުލާނުގައި ބުނީ ދެ ވަނަ ޑޯޒް ޖެހުމުގައި އިސްކަންދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު ވެކްސިން ޖެހި މީހުން ދެ ވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެ އެޖެންސީން ގުޅާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

"ސެކިއު ކޮށްފައި ހުރި ވެކްސިންތައް ވެސް ވަރަށް އަވަހަށް ލިބޭނެ. އިރާދަކުރެއްވިއްޔާ، ވެކްސިން ޕްރޮގްރާމަށް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަ އެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ. އެއް ޑޯޒް ޖެހި މީހުންގެ މިދިޔަ ހުކުުރު ދުވަހާ ހަމައަށް ހުރީ 317,244 ގަ އެވެ. އަދި ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 191،725 އަށް އަރަ އެވެ.