Roadha Mihaaru
ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒަށް އެޕޮއިންޓްމަންޓް

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން އެޕޮއިންޓްމެންޓް ދެނީ

03 ޖުލައި 2021

ކޮވިޑު-19 އިން ދިފާއުވުމަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން މާދަމާ ފަށައި އެޕޮއިންޓްމަންޓް ހައްދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާނެ ކަމަށް އެ އެޖެންސީން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އިން ދިފާއުވުމަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން މާދަމާ ފަށައި އެޕޮއިންޓްމަންޓް ހައްދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާނެ ކަމަށް އެ އެޖެންސީން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން ކުރި އިއުލާނުގައި ބުނީ ދެ ވަނަ ޑޯޒް ޖެހުމުގައި އިސްކަންދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް ކަމަށެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހު ވެކްސިން ޖެހި މީހުން ދެ ވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެޗްޕީއޭ އިން ގުޅަމުން ގެންދާނެ ކަމަށް ބުންޏެވެ.

އެޕޮއިންޓްމަންޓު ލިބޭ ހުރިހާ އެންމެން ވެސް ކަނޑައަޅާފައިވާ ސެންޓަރަށް ގަޑިއަށް ހާޒިރުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޝީލްޑް ވެކްސިން ހުސްވާން ފެށުމުން މިދިޔަ މެއި 4 ވަނަ ދުވަހުން ފެށިގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން ހުއްޓާލި އެވެ. އޭރު، ދެ ވަނަ ޑޯޒް ޖެހިފައި ތިބީ މަދު ބައެކެވެ. ނަމަވެސް އަލުން ވެކްސިން ޖަހަން ފެށީ، އިތުރު ޑޯޒްތަކެއް ލިބުމުން ކަމެއް ނުވަތަ ކުރިން ގެނެސްފައި ހުރި ޑޯޒްތަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.

ވެކްސިން ޖަހަންދާއިރު އައިޑީ ކާޑާއި ވެކްސިން ކާޑު ގެންދަން ހަނދާންކޮށްދީފައިވެ އެވެ. އަދި ރަނގަޅަށް ކައިގެން ދިއުމާއި ވެކްސިން ޖަހަން ފަސޭހަ ހެދުމެއް ލައިގެން ދިއުމަށް އެޗްޕީއޭއިން އެދިފައިވެ އެވެ.

ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަ އެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ. އެއް ޑޯޒް ޖެހި މީހުންގެ އަދަދު އިއްޔެއާ ހަމައަށް ހުރީ 317,244 ގަ އެވެ. އަދި ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 191،725 އަށް އަރަ އެވެ.