Roadha Mihaaru
ވެކްސިން ދެވަނަ ޑޯޒަށް އޮންލައިންކޮށް ނަމްބަރު ދޫކުރަނީ

ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒަށް އޮންލައިންކޮށް ނަމްބަރު ދޫކުރަން ފަށައިފި

05 ޖުލައި 2021

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް އޮންލައިންކޮށް ވެސް ނަމްބަރު ދޫކުރަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް އޮންލައިންކޮށް ވެސް ނަމްބަރު ދޫކުރަން މިއަދު ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ވަނަ ޑޯޒަށް މިހާރު ހުޅުވާލާފައިވަނީ ފެބްރުއަރީ 1 އިން ފެށިގެން މާޗު 15 ވަނަ ދުވަހާ ހަމައަށް ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކަށް ދެ ވަނަ ޑޯޒް ޖެހުމަށް، ކުރިން ވެސް އަންގާފައިވާ ގޮތަށް އެ އެޖެންސީން ގުޅައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެހީތެރިވެދޭނެ ކަމަށް ބުންޏެވެ.

ކިއުބީން ނަމްބަރު ދޫކުރަނީ ދެ ދަންފަޅިއަކަށެވެ. ސޯޝަލް ސެންޓަރާއި އިސްލާމިކް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި އާޓްގެލެރީން ޖުމްލަ ހެނދުނު 10:00 އިން ފެށިގެން 590 ނަމްބަރު އަދި މެންދުރު ފަހު 1:00 އިން ފެށިގެން 590 ނަމްބަރު ދޫކުރަން ހަމަޖައްސާފައި ވެ އެވެ.

އެޗްޕީއޭ އިން ކުރިން ބުނީ ދެ ވަނަ ޑޯޒް ޖެހުމުގައި އިސްކަންދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް ކަމަށެވެ. ކޮވިޝީލްޑް ވެކްސިން ހުސްވާން ފެށުމުން މިދިޔަ މެއި 4 ވަނަ ދުވަހުން ފެށިގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން ހުއްޓާލި އެވެ. އޭރު، ދެ ވަނަ ޑޯޒް ޖެހިފައި ތިބީ މަދު ބައެކެވެ. ނަމަވެސް އަލުން ވެކްސިން ޖަހަން ފެށީ ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރި ޑޯޒްތަކަކުންނެވެ.

ވެކްސިން ޖަހަންދާއިރު އައިޑީ ކާޑާއި ވެކްސިން ކާޑު ގެންދަން ހަނދާންކޮށްދީފައިވެ އެވެ. އަދި ރަނގަޅަށް ކައިގެން ދިއުމާއި ވެކްސިން ޖަހަން ފަސޭހަ ހެދުމެއް ލައިގެން ދިއުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ.

ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަ އެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ. އޭގެ އިތުރުން، އެހެން ބައެއް ވެކްސިންތަކަށް ވެސް ހުއްދަ ދީފައި ވެ އެވެ. މިހާތަނަށް އެއް ޑޯޒް ޖެހި މީހުންގެ އަދަދު މިިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ހުރީ 317,316 ގަ އެވެ. އަދި ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 192،321 އަށް އަރަ އެވެ.