Roadha Mihaaru
ނީޓޫގެ ކުޑައިރުގެ ހަނދާނެއް ލަވައަކުން

ނީޓޫ ސިންގުގެ ކުޑައިރުގެ ހަނދާނެއް ލަވައަކުން

07 މެއި 2021

ބަތަލާއަކަށް ވުރެ ބޮޑަށް ނީޓޫ މަޝްހޫރުވީ ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ އަންހެނުން އަދި އެކްޓަރު ރަންބީރް ކަޕޫރްގެ މަންމަގެ ގޮތުގަ އެވެ. އެކަމަކު ނީޓޫ އަކީ ވަރަށް ކުޑައިރު ފިލްމީ މަސައްކަތަކަށް ނުކުތް ފަންނާނެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާއަކަށް ވުރެ ބޮޑަށް ނީޓޫ މަޝްހޫރުވީ ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ އަންހެނުން އަދި އެކްޓަރު ރަންބީރް ކަޕޫރްގެ މަންމަގެ ގޮތުގަ އެވެ. އެކަމަކު ނީޓޫ އަކީ ވަރަށް ކުޑައިރު ފިލްމީ މަސައްކަތަކަށް ނުކުތް ފަންނާނެކެވެ.

އޭނާ އިންސްޓަގްރާމްގައި ހަނދާން އާކޮށްލި މި ލަވައިން ވެސް އެކަން އެނގޭނެ އެވެ. ފިލްމު ދޯ ކަލިޔާން (1968) ގެ ލަވަ "މުރުގާ މުރުގީ ސޭ ޕިޔާރު ދޭކާ" އަކީ އުމުރުން 10 އަހަރުގެ ނީޓޫ ފެންނަ ލަވައެކެވެ. މިހާރު އުމުރުން 62 އަހަރުގެ ނީޓޫ އެ ލަވައިގައި ފެންނަނީ ކުކުޅާއި ހާލާއި އެ އެއްޗެހީގެ ދަރިންނާ އެކު އުޅޭ ލޯބި މަންޒަރު ބަލަން ހުރެ ވަރަށް ހިތާމަވެރި މޫޑެއްގައި ލަވަކިޔާ ތަނެވެ.

އެ ލަވަ އިންސްޓަގްރާމްގައި ހިއްސާކޮށް ނީޓޫ ފާހަގަކޮށްފައިވާ ގޮތުގައި ލަވަ އަށް ލައްކަ މޭކަޕް ވެސް ކޮށްފައި އެބަހުއްޓެވެ. އެއަށް ކޮމެންޓްކުރަމުން އޭނާގެ އަންހެން ދަރިފުޅު ރިދިމާ ކަޕޫރް ބުނެފައި ވަނީ މަންމަ އަކީ "ކިއުޓެސްޓް" ކަމަށެވެ.

"މުރުގާ މުރުގީ ސޭ ޕިޔާރު ދޭކާ" އަކީ ލަތާ މަންގޭޝްކަރް ކިޔާފައިވާ ލަވައެކެވެ. އެ ލަވަ ހިމެނޭ ފިލްމު "ދީ ކަލިޔާން" އަކީ ބިސްވަޖީތު އާއި މާލާ ސިންހާ ލީޑް ރޯލު ކުޅުނު ފިލްމެކެވެ. ފިލްމުގައި ނީޓޫ ކުޅެފައި އެ ދެ މީހުންގެ އެއްމާބަނޑު ދެ ދަރިން ކަމަށްވާ ގަންގާ އާއި ޖަމްނާ ކިޔާ ޑަބަލް ރޯލެކެވެ.

ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ނީޓޫ މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސޫރަޖް (1966)، ދަސް ލާކް (1966)، ދޯ ދޫނީ ޗާރް (1968)، ވާރިސް (1969) އަދި 1970 ގެ "ގަރް ގަރް ކީ ކަހާނީ" އާއި "ޕަވިތުރަ ޕާޕީ" އެވެ.

ލީޑިން ބަތަލާއެއްގެ ގޮތުގައި ނީޓޫ ކުޅުނު ފުރަތަމަ ފިލްމަކީ ފިރިމީހާ ރިޝީގެ ބޭބެ ރަންދީރް ކަޕޫރާ އެކު ކުޅުނު 1973 ގެ "ރިކްޝާވާލާ" އެވެ. އެ އަހަރަކީ ރިޝީ ވެސް ލީޑް އެކްޓަރެއްގެ ގޮތުގައި ޑިމްޕަލް ކަޕާޑިއާއާ އެކު "ބޮބީ" އިން ތައާރަފުވި ފިލްމެވެ.

ރިޝީ އަކީ ވެސް ކުޑައިރު އޭނާގެ ބައްޕަ ރާޖް ކަޕޫރްގެ ފިލްމުތަކުން ފެނުނު ފަންނާނެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރާޖް ކަޕޫރާއި ނަރުގިސްގެ 1955 ގެ ފިލްމު "ޝްރީ 420" ގެ ލަވަ "ޕިޔާރު ހުއާ އިގުރާރު ހުއާ" ލަވަ އެވެ. އެ ލަވައިގެ ތަންކޮޅަކުން ފެންނަ ތިން ކުޑަކުދިންގެ ތެރެއިން އެންމެ ކުޑަކޮށް ހުންނަނީ ރިޝީ އެވެ. ދެން ތިބެނީ އޭނާއާ އެއްބަނޑު އެއްބަފާ ރަންދީރާއި ރާޖިވް ކަޕޫރެވެ.

ނީޓޫގެ ކެރިއަރުގައި ރިޝީއާ އެކު ވެސް ގިނަ ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި ޒެހެރީލާ އިންސާން (1974)، 1975 ގެ "ރަފޫ ޗައްކަރް" އާއި "ކޭލް ކޭލް މޭ" އާއި "ޒިންދާ ދިލް" އާއި ކަބީ ކަބީ (1976) އަދި 1977 ގެ "އަމަރު އަކްބަރު އެންތަނީ" އާއި "ދޫސްރާ އާދުމީ" ފާހަގަކޮށްލެވެ އެވެ.

ނީޓޫ އާއި ރިޝީ އެކީގައި ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި އަންޖާނޭ މޭ (1978) އާއި 1979 ގެ "ދުނިޔާ މޭރީ ޖީބު މޭ" އާއި "ޖޫޓާ ކަހީ ކާ" އަދި 1980 ގެ "ދަން ދައުލަތު" ހިމެނެ އެވެ.

ދެމަފިރިން ކެރިއަރުގެ ތަންކޮޅެއް ފަހުގައި އެކީގައި ފެނުނު ފިލްމުތަކުގެ ތެރޭގައި 2010 ގެ "ދޯ ދޫނީ ޗާރް" އާއި 2012 ގެ "ޖަބް ތަކް ހެ ޖާން" އާއި ދަރިފުޅު ރަންބީރާ އެކު ކުޅުނު 2013 ގެ "ބޭޝަރަމް" ހިމެނެ އެވެ.

ކެރިއަރުގެ ރަންޒަމާނުގައި ނީޓޫ ވަނީ މަޝްހޫރު ވަރަށް އެކްޓަރުންނާ އެކު މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ރާޖޭޝް ކަންނާ އާއި ޖީތެންދުރާ އާއި އަމީތާބް ބައްޗަނާއި ވިނޯދު ކަންނާ އާއި ޝަޝީ ކަޕޫރާއި ޝަތުރުގަން ސިންހާ ހިމެނެ އެވެ. ނީޓޫ އާއި ރިޝީ ކައިވެނިކުރީ 1980 ގަ އެވެ.

ރިޝީ މިދިޔަ އަހަރު ލޭގެ ކެންސަރު ބަލީގައި މަރުވެފައިވާ އިރު، ނީޓޫގެ ކުރިއަށް އޮތް ފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ އިން ހަދާ "ޖުގް ޖުގް ޖިއޯ" އެވެ.