Roadha Mihaaru
ރަންބީރުގެ ފުރަތަމަ އާމްދަނީން މަންމައަށް ދިނީ ކެއުމެއް

ރަންބީރުގެ ފުރަތަމަ ފިލްމުން ލިބުނު ފައިސާއިން މަންމައަށް ދިނީ ކެއުމެއް

29 ޖޫން 2021

ދަރިފުޅު، މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރް ބޮލީވުޑަށް ތައާރަފުވި ފިލްމު "ސާވަރިއާ" އިން ލިބުނު ފުރަތަމަ މުސާރައިން ދިން ހަދިޔާ އަކީ މެންދުރުގެ ވަރަށް ހާއްސަ ކެއުމެއް ކަމަށް އޭނާގެ މަންމަ ނީތޫ ސިންގް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިފުޅު، މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރް ބޮލީވުޑަށް ތައާރަފުވި ފިލްމު "ސާވަރިއާ" އިން ލިބުނު ފުރަތަމަ މުސާރައިން ދިން ހަދިޔާ އަކީ މެންދުރުގެ ވަރަށް ހާއްސަ ކެއުމެއް ކަމަށް އޭނާގެ މަންމަ ނީތޫ ސިންގް ބުނެފި އެވެ.

މި ހަފުތާގައި ސޮނީގެ ޓީވީގެ "ސުޕަ ޑާންސާ 4" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، ނީތޫ ވަނީ މިދިޔަ އަހަރު މަރުވި ފިރިމީހާ ރިޝީ ކަޕޫރްގެ ހަނދާންތަކާ އެކު ވަރަށް ގިނަ ވާހަކަތައް ހިއްސާކޮށްފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވުނު ވާހަކަ އަކީ ރަންބީރްގެ އަލަތު ފިލްމު 2007 ގެ "ސާވަރިޔާ" އިން ލިބުނު މުސާރަ އިން، ހަދިޔާއެއްގެ ގޮތުގައި މަންމަ އަށް ވަރަށް ހާއްސަ ކެއުމެއް ދން ކަމަށް ބުނި ވާހަކަ އެވެ. ފުރަތަމަ މުސާރަ އިން ނީތޫ އަށް ރަންބީރް ލަގްޒަރީ ގަޑިއެއް ވެސް ގަނެދީފައިވެ އެވެ.

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރި "ސާވަރިޔާ" އަކީ އަނިލް ކަޕޫރްގެ ދަރިފުޅު ސޯނަމް ކަޕޫރް ވެސް ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. އެ ފިލްމަކީ ކާމިޔާބު ފިލްމެއް ނޫން ނަމަވެސް "ސާވަރިއާ" ގެ ފަހުން ރަންބީރަކީ މިހާރު ބޮލީވުޑްގައި ތިބި އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ.

ނީތޫ ބުނި ގޮތުގައި ރަންބީރަކީ މަންމަ ދެކެ ވަރަށް ލޯބިވާ އަދި މަންމަ އަށް ވަރަށް އަޅާލާ ދަރިއެކެވެ. އަދި ރަންބީރާއި ދޮށީ ދަރިފުޅު ރިދިމާ ކަޕޫރްގެ ހަނދާންތަކުން އޭނާ އަށް އުފާވެރިކަން ގެނެސްދޭ ކަމަށާއި ފިރިމީހާ ނެތުމުގެ އިހުސާސް ވެސް ކުޑަކޮށްދެނީ ދަރިން ކަމަށް ބުންޏެވެ.

"ސުޕަ ޑާންސާ 4" ގައި ނީތޫ ބައިވެރިވުމުން އޭނާގެ ފިލްމީ ކެރިއަރަށް ޓްރިބިއުޓް ދީ، ފިރިމީހާ ރިޝީއާ އެކު ކުޅުނު ބައެއް ފިލްމުތަކުގެ ލަވަތަކަށް ބައިވެރިން ނަަށައި ކުރީގެ ހަނދާންތައް އާކޮށް ދީފައިވެ އެވެ. އަދި ޝޯގައި ނީޓޫ ވަނީ ރަންބީރް ކުޅުނު 2016 ގެ ފިލްމު "ޖައްގާ ޖާސޫސް" ގެ ލަވަ "ގަލް ތި ސެ މިސްޓޭކް" އަށް އެ ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫއާ އެކު ނަށައިފަ އެވެ.

އަނޫރާގަކީ "ސުޕަ ޑާންސާ 4" ގެ ހަމައެކަނި ފިރިހެން ޖަޖެވެ. އޭގެ އަނެއް ދެ ޖަޖުންނަކީ ބަތަލާ ޝިލްޕާ ޝެޓީ އާއި ކޮރިއޮގްރާފަރު ގީތާ ކަޕޫރެވެ.

ސޮނީގެ "ސުޕަ ޑާންސާ 4" ގެ ކުރިން އެ ޗެނެލްގެ "އިންޑިއަން އައިޑޮލް 12" ގައި ވެސް ވަރަށް ފަހުން މެހުމާނެއްގެ ގޮތުގައި ނީޓޫ ބައިވެރިވި އެވެ.

އޭނާ މިހާރު އަންނަނީ "ޖުގް ޖުގް ޖިއޯ" ކިޔާ ފިލްމެއްގެ މަަސައްކަތް ވެސް ކުރަމުންނެވެ. އޭގެ ކާސްޓްގައި އަނިލް ކަޕޫރާއި ވަރުން ދަވަން އާއި ކިއާރާ އަދުވާނީ ވެސް ހިމެނެ އެވެ.