Roadha Mihaaru
ނުހައްގު މުއްސަނދިކަން ހޯދުން ކުށަކަށް ހަދައިފި

ނުހައްގު މުއްސަނދިކަން ހޯދުން ކުށަކަށް ހަދައިފި

06 މެއި 2021

ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއަގޫބާތަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއަގޫބާތަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ގައުމުތަކުގައި ނުހައްގު މުއްސަނދި ކަމެއްގެ ގޮތުގައި، ބަލަނީ ތިމާއަށް އަސްލު ލިބޭ އާމްދަނީ އަށް ވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ތިމާގެ އަތުގައި ހުންނަ އަގުބޮޑު މިލްކިއްޔާތުތަކަށެވެ. ރާއްޖޭގައި މިހާތަނަށް، މިކަން ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެއް ނުވެ އެވެ.

ރައީސް މިއަދު ތަސްދީގު ކުރެއްވީ، މިދިޔަ މަހުގެ 19 ގައި މަޖިލީހުން ފާސްކުރި ބިލެވެ.

މީގެ އިތުރުން، ރިޝްވަތު ހުށަހެޅުމާއި ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށާއި ނުފޫޒުން ވިޔަފާރި ކުރުމުގެ ކުށް ވެސް ގާނޫނުލްއުގޫބާތުގައި ހިމެނުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.

މި އިސްލާހުތަކުގައި، ރިޝްވަތު ހުށަހެޅުމުގެ ކުށަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައަޅައި، އެ ކުށް ސާބިތު ވާނެ ހާލަތު ވެސް ވަނީ ބަޔާންކޮށްދީފަ އެވެ.

ގާނޫނުލްއުގޫބާތަށް ގެނައި މި އިސްލާހަށް އަމަލު ކުރަން ފެށުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ވަނީ އުވިފަ އެވެ.

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި އަދި ކޮރަޕްޝަންގެ އިތުރު ކުށްތަކެއް ހިމަނައި ގާނޫނުލްއުގޫބާތު އިސްލާހުކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.

އޭޖީ އޮފީހުން އޭރު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވެ އެފަދަ އަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީ ވަމުންދާ ދަނޑިވަޅެއްގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައި ވާތީ ކަމަށެވެ. އެހެންވެ، ރާއްޖެ އިން ބައިވެރިވެފައިވާ ކޮރަޕްޝަނާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ އަށް ވެސް ރިއާޔަތް ކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް މި ޒަމާނަށް ފެތޭ ގޮތަށް ބަދަލުކޮށް، އިސްލާހުތައް ގެންނަން ހުށަހެޅީ ކަމަށް ބުނެފައި ވެ އެވެ.