Roadha Mihaaru
"ޓެރަރިސްޓުން" ދޫވެފައި، ގާނޫނުގެ ބާރެއް ނުހިނގާ!

ވަށައިގެން ނުރައްކާތެރި ޓެރަރިސްޓުންް، ގާނޫނުގެ ބާރެއް ނުހިނގާ!

08 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މުޅި ގައުމު އެލާޓަށް އައީ އެވެ. އެއަށް ވުރެ ބޮޑު ހައިރާން ކަމެއް ލިބުނީ ޓެރަރިސްޓް އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު މުޖްތަމައުގެ ތެރެއަށް ދޫވެފައި ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވުމުންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މުޅި ގައުމު އެލާޓަށް އައީ އެވެ. އެއަށް ވުރެ ބޮޑު ހައިރާން ކަމެއް ލިބުނީ ޓެރަރިސްޓް އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު މުޖްތަމައުގެ ތެރެއަށް ދޫވެފައި ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވުމުންނެވެ.

ހަމީދު އެގޮތަށް ވިދާޅުވުމުން ގިނަ ބަޔަކު އުފެއްދި ސުވާލަކީ އެވަރުގެ ބަޔަކު މުޖްތަމައުގެ ތެރެއަށް ދޫކޮށްފައި ބައިތިއްބައިިގެން ސަލާމަތީ ބާރުތަކުން މި ކުރަނީ ކީއް ހެއްޔޭ އެވެ؟. މި ވާހަކަ ދައްކަންވީ ދައުލަތުގެ އެއް ބާރުގެ ވެރިއަކަށް މިފަދަ ހަމަލާއެއް އަމާޒުވުމުން ހެއްޔޭ އެވެ؟. އެފަދަ މީހުން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ކުރެވިއްޖެ ހެއްޔޭ އެވެ؟. ހައްތަހާ ވެސް ސުވާލެކެވެ.

ހަގީގަތަކީ ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ މީހުން އެކި ގޮތްގޮތުން މުޖްތަމައުގެ ތެރެއަށް ދޫވެގެން އުޅެނީ މިއަދު ނުވަތަ އިއްޔެއަކު ނޫނެވެ. މިއީ އޮތް ނުރައްކަލެއް ކަން މުއައްސަސާތަކަށް މާ ކުރިން ވެސް އެނގެ އެވެ. އެކަމަކު އެކަންކަމާ މެދު ސީރިއަސްކޮށް ނެގޭ ތަނެއް ނުފެނެ އެވެ. ފުލުހުން އެކަންޏެއް ނޫނެވެ. މުޅި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވެސް ފެންނަނީ ޓެރަރިޒަމްގެ ސީރިއަސް މައްސަލަތަކާ މެދު އާދައިގެ ނަޒަރަކުން ދެކޭ ތަނެވެ.

ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ޕޮލިސް

ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ޕޮލިސް

މިއީ ރާއްޖޭގައި ރައީސަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައަކީ ވެސް މިފަދަ ހާދިސާ އެކެވެ. ފަސް އަހަރުވީއިރު، އެކަމަށް ޒިންމާވާނެ އެއްވެސް މީހަކު ނެތެވެ.

ގައުމުގެ އެންމެ އިސްވެރިޔާ އާއި އެމަނިކުފާނުގެ އާއިލާ ދަތުރުކުރެއްވި ލޯންޗްކޮޅުގައި ގޮއްވާލި ބޮން ތައްޔާރުކުރި މީހާއަށް ލިބުނީ ދައުލަތުގެ "ހެކިވެރިއެއްގެ ދަރަޖަ" އެވެ. އެކަމުގެ އަޑީގައި ހުންނެވި ކަމަށް ތުހުމަތުކޮށް، ޖަލަށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޖަލު ހުކުމް ބާތިލްކޮށްފި އެވެ. "އިންސާފުގެ ދަތުރު" ނިމުނީ ފިނިފެންމާ ލޯންޗްގެ މައްސަލަ "ސައިބޯނި ބޮތްކަކަށް" ވެގެންނެވެ.

ޓެރަރިޒަމްގެ ގާނޫނު ޓެރަރިސްޓުންގެ މައްޗަކަށް ނުހިނގާ؟

ޓެރަރިޒަމްގެ ގާނޫނަކީ ރާއްޖޭގައި އެންމެ ބޮޑެތި އަދަބު ދެވޭ އަދި އެންމެ ފަސޭހައިން ކުށް ސާބިތު ކުރެވޭ އެއް ގާނޫނެވެ. ބޮޑެތި ބާރުތަކެއް ތަހުގީގީ އިދާރާތަކަށް ދިނެވެ. ބަންދުން މިނިވަންވުމުގެ ހައްގާއި ވަކީލުންގެ ހައްގު ފަދަ އަސާސީ އެތައް ހައްގެއް ހަނިކޮށް، އެ ގާނޫނު 2015 ގައި ވުޖޫދަށް ގެނައީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ބުނެ އެވެ. ގާނޫނެއް ނެތޭ ބުނެ ދައްކާނެ ބަހަނާއެއް ނެތެވެ. އެކަމަކު ފަސް އަހަރުވީއިރު، އެ ގާނޫނު އައިސްގެން ވީ ކަމެއް އެބައޮތް ހެއްޔެވެ؟

މި ގާނޫނު ހިިނގަނީ ސިޔާސީ މީހުންގެ މައްޗަށް އެކަންޏޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. މުޒާހަރާއެއް ކުރިޔަސް، ޓްވީޓެއް ކުރިޔަސް އެ ގާނޫނުގެ ދަށުން ދައުވާ އުފުލައި، ސިޔާސީ ބޭފުޅުން ޖަލުގައި ބޭތިއްބެ އެވެ. ހަގީގީ ޓެރަރިޒަމްގެ އަމަލެއް ކުރި މީހަކު އެ ގާނޫނުގެ ދަށުން މިހާތަނަށް ކުށްވެރިވެފައި ނެތުމަކީ ހައިރާންވާ ޖެހޭ ކަމެކެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ސީރިއާ އާއި ޕާކިސްތާނާއި އަފްޣާނިސްތާނަށް ދިޔަ ދިވެހިންގެ ސައްހަ އަދަދެއް އެނގޭ ބަޔަކު މަދެވެ. އޭގެ ތެރެއިން އަތުލައިގަނެ، ރާއްޖެ ގެނެވުނު މަދު ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ޝަރީއަތްކުރި އެވެ. އެކަމަކު އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތެއް ނުވެ، ދޫވީ އެވެ.

ބޭރުގެ ހަނގުރާމަތަކަށް ދާ މީހުންގެ ތެރެއިން ރާއްޖެ ގެނެވުނު މަދު ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ޝަރީއަތްކުރި. އެކަމަކު އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތެއް ނުވެ ދޫވީ

އެއް ބަޔަކު ދޫވީ ސީރިއާއަށް ދިިޔަކަން ސާބިތުވިޔަސް، ހަނގުރާމަ ކުރިކަން އެނގޭނެ ހެއްކެއް ނެތިގެންނެވެ. އަނެއް ބަޔަކު ދޫވީ ޓެރަރިޒަމްގެ ގާނޫނު ވުޖޫދަށް އައުމުގެ މާ ކުރިން ހަނގުރާމައަށް ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި ކުރިން ކޮށްފައިވާ ކުށަކަށް ފަހުން ހެދޭ ގާނޫނަކުން އަދަބު ނުދެވޭނެތީ އެވެ.

ޖާނުންފިދާވެގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވުނު ދެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުރި ދައުވާ ސާބިތު ނުވީ އެވެ. މާލޭގެ ގެއެއްގައި ބޮމެއް ހަދަން އުޅެނިކޮށް 2017 ވަނަ އަހަރު ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތެއް ނުވެ އެވެ. މީގެ ތެރެއިން އިސްތިއުނާފް މަރުހަލާއަށް ދައުލަތުން ގެންދިޔައީ ނިސްބަތުން މަދު މައްސަލަތަކެކެވެ.

ހުޅުމާލޭގައި 2019 ގައި ޓޫރިސްޓުންތަކަކަށް އަމާޒުކޮށް، ވަޅިން ހަމަލާދިނީ ވެސް ފައިސާ ހޯދާކަށް ނޫނެވެ. އެއީ ރޭވިގެން ހިންގި ޓެރަރިސްޓް ހަމަލާއެކެވެ. އެ މައްސަލާގައި ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ނިންމައި، މައްސަލަ ފައިލްކޮށް، އެންމެން ދޫކޮށްލީ އެވެ.

ޝަރީއަތްތައް ލަސް ދުވެލީގައި، އެއް ބަޔަކު ބަންދުން ދޫވެފައި

ދެން އޮތީ ހިނގަމުންދާ ޝަރީއަތްތަކެވެ. މީގެ އަހަރުތަކެއް ކުރިން އަމިއްލައަށް ބަޑި ހަދައިގެން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު ވެސް ކުށް ސާބިތު ނުވެ ދޫވީ އެވެ. އެ މީހުންގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގުމުން ކްރިމިނަލް ކޯޓުގައި އަލުން އެ ޝަރީއަތް ފަށައިގެން އެބަދެ އެވެ. އަދިވެސް މައްސަލަ ނިމޭ ގޮތެއް ނުވެ އެވެ.

ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރަށެއްގައި ފުލުހުންގެ ލޯންޗެއް ރޯކޮށްލި މައްސަލަ އަކާއި ރ. މަޑުއްވަރީގައި ޓެރަރިސްޓް ހަރަކާތްތަކެއް ރޭވި މައްސަލައެއްގެ ޝަރީއަތް ދަނީ ކުރިއަށެވެ. ދާދިފަހުން ތ. ތިމަރަފުށީ ސްކޫލެއްގައި އެއްޗެއް ގޮއްވާލަން ރޭވި ބަޔަކު ހައްޔަރުކޮށް، ޝަރީއަތް ދަނީ ކުރިއަށެވެ. މިފަދަ ޝަރީއަތްތައް ކުރިއަށް ދާއިރު، ވަކި ހިސާބަކުން ކޮންމެވެސް ސަބަބަކާ ހެދި ބައެއް މީހުން ބަންދުން ދޫވުމަކީ އާންމު ކަމެކެވެ.

ޓެރަރިޒަމްގެ މައްސަލަތަކުގައި ދެން ފުލުހުން ބޭނުންކުރާ އުކުޅަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރެއް ހޯދައިގެން ޓެގް އެޅުވުމާއި ހަރަކާތްތައް މޮނީޓާ ކުރުމެވެ. މިފަދަ މައްސަލަތަކުގައި ހެކި ނުލިބިގެން ދޫވާ ބައެއް މީހުންނާ މެދު ފުލުހުން އަމަލުކުރަނީ އެގޮތަށެވެ. އެކަމަކު މިއީކީ ދާއިމީ ހައްލެއް ނޫނެވެ. މޮނިކޮން އަމުރަކީ ގިނަވެގެން އެއް އަހަރަށް ދޫކުރާ އަމުރެކެވެ. ދެވަނަ ފަހަރު އަމުރެއް ހޯދުނަސް، އެއީކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. އަދި މުޖްތަމައުއަށް އޮތް ނުރައްކާ ދާއިމީކޮށް ގެއްލޭނެ ކަމެއް ވެސް ނޫނެވެ.

ރާއްޖޭގައި ހިންގި ޓެރަރިޒަމްގެ އަމަލުތަކުގެ ތެރެއިން އަދަބު ދެވުނީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އެކަންޏެވެ. އެ މައްސަލާގައި ގިނަ ބަޔަކަށް އަދަބު ލިބުނެވެ. އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިތުރު ބައެއް މީހުުންގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.

އެތައް ގާނޫނެއް ހެދިއްޖެ އެވެ. ޓެރަރިޒަމްގެ ގާނޫނު މިހާރު އެ އޮތީ ދިވެހި ސަރުކާރުގެ ހުއްދަ ނެތި ޗުއްޓީއަކަށް ސީރިއާއަށް ދާ މީހާ ވެސް ކުށްވެރިވާ މިންވަރަށް ހެޔޮވަރުކޮށްފަ އެވެ. އެކަމަކު ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން ހުއްޓުވޭ ތަނެއް ނުފެނެ އެވެ. ޓެރަރިޒަމްގެ ނުރައްކާ ދުވަހަކަށް ވުރެ ދުވަހެއް ރާއްޖެއަށް ބޮޑުވަމުން ދާއިރު، ޖިނާއީ އަދުލުގެ ނިޒާމުގެ ތެެރެއިން ސީރިއަސް ގޮތެއްގައި އެކަމާ މެދު ދެކޭ ތަނެއް އަދިވެސް ނުފެނެ އެވެ.